ބެލަރޫސްގެ އެއާލައިނެއް ކަމަށްވާ "ބެލަވިއާ އެއާލައިންސް" އޮޕަރޭޝަން ރާއްޖެއަށް ނާންނަ ގޮތަށް ނިންމައި، އެހެން މަންޒިލަކަށް ދަތުރުތައް ބަދަލުކުރުމާއެކު، އިނަ މޯލްޑިވްސްގެ ވެރިޔާ އަދި އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރު މުހައްމަދު ފިރާގު ކަންބޮޑުވުންފާޅު ކުރައްވައިފި އެވެ.

ސޯޝަލް މީޑިއާގައި ފިރާގު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބެލަރޫސްއިން ރާއްޖެއަށް ދަތުރުތައް ފެށުމަށް އެ އެއާލައިނާއެކު މަޝްވަރާ ކުރަމުންދިޔަ ޓުއާ އޮޕަރޭޓަރު، މި ހޫނު މޫސުމުގައި ރާއްޖެއަށް ދަތުރުތައް ނުބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އެ އެއާލައިނުން މިގޮތަށް ނިންމީ ރާއްޖެއަށް ވުރެ ރަނގަޅު ހުށަހެޅުމެއް އެހެން މާކެޓަކުން ލިބުމާ ގުޅިގެން ކަމަށް ފިރާގު ވިދާޅުވި އެވެ. އަދި އެފަދަ ފުރުސަތުތައް ގެއްލުވައި ނުލާން އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ފިރާގު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ލިބޭނެ އިތުރު ފުރުސަތުތަކަށް ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭ ކަމަށެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ޓޫރިސްޓުން އަންނަ މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ އެ ސަރަހައްދުގެ ރޫޓުތަކުން ކަމަށްވާއިރު، އޭރުން ފެށިގެން ފަތުރުވެރިންގެ އަދަދުތައް އަންނަނީ މަދުވަމުންނެވެ.

އެކަމުގެ ސަބަބުން މި ދާއިރާއަށް 500 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށް ސިނާއަތުގެ އިސް ޖަމާއަތްތަކުން ވަނީ ބުނެފަ އެވެ. އެ ފަރާތްތަކުން ވަނީ ގެއްލުމުން އަރައިގަންނަން ދިވެހި ސަރުކާރުގެ އެހީތެރިކަމަށް ވެސް އެދިފަ އެވެ.