ބޮލީވުޑްގެ "މިސްޓަ ޕާފެކްޝަނިސްޓް" ގެ ނަމުން މަޝްހޫރު އެކްޓަރު އާމިރު ޚާންއަށް މިޒަމާނުގެ ސޯޝަލް މީޑިއާ މާކެޓިންގްގެ އުކުޅުތައް އެއްގޮތަކަށް ވެސް ނޭނގޭ ކަމަށާއި އެ ދުނިޔޭގައި އޭނާއަކީ މުޅިން "ޒީރޯއެއް" ކަމަށް އޭނާ އެއްބަސްވެއްޖެ އެވެ.
އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އާމިރު ވަނީ، ސޯޝަލްމީޑިއާގެ ސަބަބުން ފިލްމުތައް އިޝްތިހާރު ކުރުން މިހާރު ނުހަނު އުނދަގޫ އަދި އޮޅުންބޮޅުން ބޮޑު ކަމަކަށް ވެފައިވާ ކަމަށް ބުނެފަ އެވެ.
އާމިރު ފާހަގަކުރި ގޮތުގައި، މީގެ އަހަރުތަކެއް ކުރިން ފިލްމުތައް މާކެޓްކުރުން މާ ފަސޭހަ އެވެ. އެގޮތުން އޭނާގެ ފުރަތަމަ ކާމިޔާބު ފިލްމު "ގަޔާމަތު ސޭ ގަޔާމަތު ތަކް" ރިލީޒްކުރި ދުވަސްވަރުގެ ހަނދާންތައް އޭނާ އާކުރި އެވެ.
"އަހަރެން މިއީ މިއަދުގެ ޑިޖިޓަލް ދުނިޔެއިން ބޭރު މީހެއް،" މިއަދުގެ މާކެޓިންއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އާމިރު ބުންޏެވެ.
އެއާއެކު އޭނާއަކީ ސޯޝަލް މީޑިއާގެ މި ދުނިޔެ އެއްގޮތަކަށް ވެސް ވިސްނޭ މީހެއް ނޫން ކަމަށާއި ކުރީގައި މާކެޓިން މާ ފަސޭހަ ކަމަށް އާމިރު ބުންޏެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރީ އޭރު އެންމެން ބަލާނީ ވަކި ޓީވީ ޗެނަލްތަކެއްކަން އެނގޭތީ، މާކެޓިންގެ ކަންކަން ސީދާ އެތަނަށް އަމާޒުކުރެވުމެވެ.
އޭނާ އިތުރަށް ބުނީ މިއަދުގެ ބެލުންތެރިން ގިނައިން ވަގުތު ހޭދަކުރަނީ ވަޓްސްއަޕް އަދި އެކި ކަހަލަ ތަފާތު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކަމުން، އިޝްތިހާރުތައް ހަގީގަތުގައި މީހުންނާ ހަމައަށް ފޯރިކަން ޔަގީންކުރަން އުނދަގޫ ކަމަށެވެ.
އިންޓަވިއު ނިންމާލަމުން އާމިރު ބުނީ މިއަދުގެ ޑިޖިޓަލް މާކެޓިންގެ ކަންކަން ދުވަހުން ދުވަހަށް ބަދަލުވަމުން ދާތީ، އޭނާ ވެސް މިހާރު ދަނީ މި އާ ދުނިޔެ ދަސްކޮށް، ބެލުންތެރިންނާ ހަމައަށް ފޯރާނެ އާ ގޮތްތައް ވިސްނައި ދަސްކުރަން މަސައްކަތް ކުރަމުން ކަމަށެވެ.
އާމިރު ޚާން އެންމެ ފަހުން ޕްރޮޑިއުސްކޮށްފައި ވަނީ އޭނާގެ ދަރިފުޅު ޖުނައިދު ޚާން އެކްޓްކުރި "އޭކް ދިން" ފިލްމެވެ. އަދި އޭނާގެ ކުރިއަށް އޮތް ފިލްމަކީ ބެލުންތެރިން އިންތިޒާރުކުރަމުންދާ "ސިތާރޭ ޒަމީން ޕަރް" އެވެ.
ބޭންކެއް ހެދުމުގެ ހުއްދަ ޖަނާގެ ކުންފުންޏަށް ދީފި
ބަރަކާތުގެ 10 ރޭ: ޛުލްހިއްޖާ މަހުގެ މާތްކަން