ކޮވިޑް ހާލަތު ރާއްޖޭގައި އިތުރަށް ގޯސްވަމުންދާތީ މިކަމުން އަރައިގަތުމަށް ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބި ކަމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް ވިދާޅުވީ ކޮވިޑާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ މިދަތި ހާލަތުން އަރިގަތުމަށް ސަރުކާރަށް އެހީވާން ތައްޔާރަށް ތިބިކަން ހާމަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. އަދި ސަރުކާރުން އެހީތެރިކަމަށް އެދިއްޖެ ނަމަ އެކަމަށް އިދިކޮޅު ކޯލިޝަނުން ތައްޔާރަށް ތިބި ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑްގެ އެންމެ ނުރައްކާ ހާލަތަށް އަދިވެސްސަރުކާރުން ތައްޔާރުވެފައިވާ ތަން ނުފެންނަ ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ބިނާކުރެއްވި ދަރުމަވަންތަ ހޮސްޕިޓަލް ނެތްނަމަ މިހާރު ރައްޔިތުން އުޅޭނެ ހާލެއް ބުނަން ވެސް ނޭނގޭ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

ވެކްސިން ގެނައުމުގެ ކަންތައްތަކުގައި ވެސް ސަރުކާރުން އަމަލުކޮށްފައި ވަނީ ވެންޓިލޭޓަރު ވައްކަމުގައި އަމަލުކުރި ގޮތަށް ކަމަށާއި އެ ކަމަށް ވެސް ވާނުވާއެއް ރައްޔިތުންނަށް ސާފު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ ކުރިން ފަހަރު ސަރުކާރުން އިޖާބައެއް ނުދިން ނަމަވެސް، އަދިވެސް އިދިކޮޅުން ތިބީ މިހާލަތުގައި ސަރުކާރަށް އެހީވާން ތައްޔާރަށް ކަމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އެންމެ ނުރައްކާތެރި ރާޅު ރާއްޖެއަށް ބިންދާލާފައިވާއިރު މި ކަމުގެ ސީރިއަސްކަން ޑޮކްޓަރުން ވެސް ދަނީ ފާހަގަކުރަމުންނެވެ.