އީރާނާއެކު އެކުލަވައިލެވޭ ފުރިހަމަ އެއްބަސްވުމަކާ ގާތަށް ދެވޭކަމުގެ ނިޝާންތައް ފެންނަމުންދާތީ، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއިން ކުރިއަށްގެންދާ އޮޕަރޭޝަން ވަގުތީގޮތުން މެދުކަނޑާލުމަށް ނިންމަވާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވި ގޮތުގައި، އީރާނަށް ކުރިމަތިކޮށްފައިވާ ބްލޮކޭޑް ނުވަތަ ބަންދު އެގޮތުގައި ދެމިއޮތް ނަމަވެސް، "ޕްރޮޖެކްޓް ފްރީޑަމް" ގެ މަސައްކަތްތައް ކުޑަ ދުވަސްކޮޅަކަށް މެދުކަނޑާލުމަށް ދެފަރާތުން ވަނީ އެއްބަސްވެފަ އެވެ. މިއީ އެއްބަސްވުމުގެ އެންމެ ފަހުގެ މަރުހަލާތައް ނިންމައި ސޮއިކުރެވޭތޯ ބެލުމަށް ދެވޭ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ނިންމުމާ ގުޅިގެން ތެހެރާނުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.
މި ނިންމެވުން އިއުލާނު ކުރެއްވުމުގެ މަދު ގަޑިއިރުތަކެއް ކުރިން، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ކަނޑުއޮޅީގައި ތާށިވެފައިވާ ތެޔޮ ޓޭންކަރުތަކަށް ހިމާޔަތް ދީގެން ބޭރުކުރުމުގެ މަސައްކަތާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވާފަ އެވެ. އޭގެ ކުރީ ދުވަހު އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައި ވަނީ އީރާނުގެ ކުދި ބޯޓުތަކަކާއި، ކުރޫޒް މިސައިލްތަކެއްގެ އިތުރުން ޑްރޯންތަކެއް ސުންނާފަތި ކޮށްލާފައިވާ ކަމަށެވެ.
ރޫބިއޯ އާއި ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވާ ގޮތުގައި، ހޮރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރުގެ ކޮންޓްރޯލް އީރާނަށް އޮވެގެން ނުވާނެ އެވެ.
ހޮރްމުޒް ކަނޑުއޮޅި އަދިވެސް އޮތީ ބަންދުވެފައި
އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތައް ދޭން ޓްރަމްޕް ނިންމެވި މައިގަނޑު އެއް ސަބަބަކީ، ތެހެރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުން ކަމަށް ވަނީ ބުނެފަ އެވެ. އީރާނުން މިފަދަ ހަތިޔާރެއް އުފައްދަން މަސައްކަތްކުރާ ކަމަށް އިންކާރު ކުރި ނަމަވެސް، މަތީ ދަރަޖައަކަށް ފައްކާކޮށްފައިވާ 900 ޕައުންޑަށް ވުރެ ގިނަ ޔުރޭނިއަމް ހަވާލުކުރަން އެ ގައުމުން ވަނީ ދެކޮޅު ހަދާފަ އެވެ.
ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނީއްސުރެ، ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޮރްމުޒް ކަނޑުއޮޅި އޮތީ ގާތްގަނޑަކަށް ބަންދުވެފަ އެވެ. މީގެ ސަބަބުން މުޅި ދުނިޔޭގައި މުދަލުގެ އަގުތައް ވަނީ އުފުލިފަ އެވެ. އީރާނުން ވަނީ ކަނޑުއޮޅީގައި މައިން ވަޅުލައި، ޑްރޯން، މިސައިލް އަދި ހަލުވި ހަމަލާދޭ އުޅަނދުތައް ބޭނުންކޮށްގެން އެ ސަރަހައްދު ބަންދުކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ. މިއާ ދެކޮޅަށް އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށް، ވިޔަފާރި އުޅަނދުތަކަށް އަސްކަރީ ހިމާޔަތް ދީގެން ދަތުރުކުރުމުގެ އިންތިޒާމު ހަމަޖައްސާފަ އެވެ.
ރޫބިއޯ ވާހަކަ ދައްކަވަމުން ގެންދެވި ވަގުތު، އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އެޖެންސީން ވަނީ ކަނޑުއޮޅިން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް ހަމަލާއެއް އަމާޒުވެފައިވާ ކަމަށް ރިޕޯޓުކޮށްފަ އެވެ. ނަމަވެސް މި ހާދިސާގެ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެ އެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އަންގާރަ ދުވަހު ވިދާޅުވީ، ކަނޑުއޮޅިން ދަތުރު ކުރެވޭނެ މަގެއް އެމެރިކާއިން ކާމިޔާބުކަމާއެކު ހުޅުވާލާފައިވާ ކަމަށާއި، އެތައް ސަތޭކަ ވިޔަފާރި އުޅަނދެއް އެ ސަރަހައްދުން ދަތުރުކުރުމަށް ކިއޫ ހަދާފައިވާ ކަމަށެވެ. އަދި އީރާނާއެކު ވެފައިވާ ހަތަރު ހަފުތާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އަދި ނިމުމަކަށް ނާންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިވަގުތު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމިއޮތް ނަމަވެސް، އަހަރެމެން ވަރަށް ފާރަވެރިކަމާއެކު ކަންކަން ބަލަމުން ގެންދާނަން،" އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކެއިން ވިދާޅުވީ، އީރާނުން އެމެރިކާގެ ފައުޖުތަކަށް ދޭ ހަމަލާތައް މިހާރު ހުރީ އަލުން ބޮޑު ހަނގުރާމައަކަށް ދާންޖެހޭ މިންވަރަށް ވުރެ ދަށް ފަންތިއެއްގައި ކަމަށެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އީރާނުން ހިލާފުވާނީ ކޮން ކަމެއް ކޮށްގެންތޯ ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، ނުކުރަންވީ ކަންތައްތައް އެމީހުންނަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.
"ރައްދު ދިނުމުގެ ހައްގު"
ހެގްސެތު ވާހަކަދެއްކެވިތާ ކުޑައިރުކޮޅެއް ފަހުން، ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން ވަނީ އީރާނުން ފޮނުވާލި މިސައިލް އަދި ޑްރޯން ހަމަލާތަކަކުން އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވާފައި ކަމަށް ބުނެފަ އެވެ. ނަމަވެސް އީރާނުގެ އަސްކަރިއްޔާއިން ވަނީ އެފަދަ ހަމަލާއެއް ދިންކަމަށް އިންކާރުކޮށްފަ އެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި ހަމަލާތަކަކީ މަސްރަހު އިތުރަށް ގޯސްކުރުމުގެ އަމަލެއް ކަމަށާއި، މިއީ އެ ގައުމުގެ ސަލާމަތަށް އޮތް ސީދާ ނުރައްކަލެކެވެ. އެހެންކަމުން މިފަދަ ހަމަލާތަކަށް ރައްދު ދިނުމުގެ ފުރިހަމަ ގާނޫނީ ހައްގު އެގައުމަށް ލިބިގެންވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އީރާނުގެ ފޮރިން މިނިސްޓްރީން ޔޫއޭއީގެ ވާހަކަތައް ދޮގުކުރަމުން ބުނީ އެ ގައުމުގެ އަސްކަރީ ހަރަކާތްތަކަކީ ހަމައެކަނި އެމެރިކާގެ އުދުވާނުން ދިފާއުވުމަށް ހިންގާ ހަރަކާތްތަކެއް ކަމަށެވެ.
ކަނޑުއޮޅީގެ ބޮޑު ސަރަހައްދެއް އީރާނުގެ ބާރުގެ ދަށުގައިވާ ކަމަށް ދައްކާ އާ މެޕެއް އާންމުކުރުމަށްފަހު، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ވަނީ އެ މީހުން ކަނޑައަޅާފައިވާ މަގުތަކުން ނޫނީ އުޅަނދުފަހަރު ދަތުރު ނުކުރުމަށް އިންޒާރު ދީފަ އެވެ. އެހެން ނޫންނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ހޯމަ ދުވަހު ބުނެފައި ވަނީ އެމެރިކާގެ ދެ ވިޔަފާރި އުޅަނދެއް ކާމިޔާބުކަމާއެކު ކަނޑުއޮޅި ހުރަސްކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިން ލައިން "މާސްކް ކުންފުނިން ބުނި ގޮތުގައި އެމެރިކާގެ ދިދަ ޖަހާފައިވާ "އެލަޔަންސް ފެއާފެކްސް" ވަނީ އެމެރިކާގެ އަސްކަރީ ހިމާޔަތުގައި ކަނޑުއޮޅިން ބޭރުވެފަ އެވެ. ނަމަވެސް އީރާނުން ވަނީ އެއްވެސް އުޅަނދަކަށް ކަނޑުއޮޅި ހުރަސްނުކުރެވޭ ކަމަށް ބުނެފަ އެވެ.
ޕާކިސްތާނުން މެދުވެރިއެއްގެ މަސައްކަތްތައް ކުރިއަށް
މި ހަނގުރާމައިގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، ހަމަނުޖެހުންތައް މިހާރު ވަނީ ލުބުނާނާއި ގަލްފުގެ ސަރަހައްދުތަކަށް ފެތުރި، ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރުވާފަ އެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އިސްވެރިޔާ ވިދާޅުވީ، ހަނގުރާމަ މިހާރުން މިހާރަށް ހުއްޓާލި ނަމަވެސް، މީގެ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ތިނެއް ނުވަތަ ހަތަރު މަސް ދުވަސް ނަގާނެ ކަމަށެވެ.
ރޫބިއޯ ވިދާޅުވި ގޮތުގައި، މިހާތަނަށް މަރުވި މީހުންގެ ތެރޭގައި 10 މަދަނީ ފަޅުވެރިން ހިމެނެ އެވެ. އަދި ކަނޑުއޮޅީގައި ތާށިވެފައިވާ އުޅަނދުފަހަރުގެ ފަޅުވެރިން ތިބީ ކާބޯތަކެއްޗަށް ޖެހި، އެކަހެރިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުގެ އަސްކަރީ ގާބިލުކަން މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފައި ކަމަށާއި، ބޭރުފުށުން ކިތަންމެ ބޮޑު އިންޒާރުތަކެއް ދިން ނަމަވެސް، ތެހެރާނުން ބޭނުންވަނީ ސުލްހަ ކަމަށެވެ.
މި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި، އާންމުންގެ ޖީބަށް ބާރުބޮޑުވަމުންދާތީ، ނޮވެމްބަރު މަހު ބާއްވާ މިޑްޓާމް އިންތިހާބާ ކުރިމަތިލާއިރު ޓްރަމްޕްގެ ސަރުކާރަށް ވަނީ ސިޔާސީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.
ޓްރަމްޕް ވިދާޅުވާ ގޮތުގައި، އެމެރިކާ އާއި އިޒްރޭލުން ދޭ ހަމަލާތަކުގެ މަގްސަދަކީ އީރާނުގެ ފަރާތުން އޮތް ނުރައްކާތައް ނައްތާލުމެވެ. މީގެ ތެރޭގައި އީރާނުގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމާއި، ހަމާސް އަދި ހިޒްބުﷲ އަށް އެގައުމުން ދޭ އެހީތެރިކަން ހިމެނެ އެވެ.
ހަނގުރާމަ ހުއްޓުވުމަށް ކުރާ ސިޔާސީ މަސައްކަތްތަކުން އަދި އެދެވޭ ނަތީޖާއެއް ފެނިފައެއް ނުވެ އެވެ. އެމެރިކާ އާއި އީރާނުގެ އޮފިޝަލުން ބައްދަލުކޮށް އެއްބުރުގެ މަޝްވަރާތައް ބޭއްވި ނަމަވެސް، އިތުރު ބައްދަލުވުންތަކެއް ބޭއްވުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވީ، ޕާކިސްތާނު މެދުވެރިއެއްގެ ދައުރު އަދާކުރާ ސުލްހައިގެ މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށެވެ. އޭނާ މިހާރު ޗައިނާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރެއްވުމަށް ބެއިޖިންއަށް ދަތުރުކުރައްވަމުންދާއިރު، ރައީސް ޓްރަމްޕް ވެސް މި މަހު ޗައިނާއަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމެރިކާގެ ނޭވީއިން ބޯޓުތަކަށް ދިން ހަމަލާގައި 5 މީހުން މަރުވި
ގުދުރަތީ މާހައުލެއްގައި 20 މިނެޓު ހޭދަ ކުރުމުން ގިނަ ފައިދާތަކެއް
ރިތިކްގެ އެންމެ ފުރަތަމަ މުސާރައަށް ގަތީ ކުޅޭ ކާރެއް!