އީރާނުގެ ތެޔޮ ގަތުން ޗައިނާއިން ހުއްޓާނުލައިފިނަމަ، ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން 100 އިންސައްތައިގެ ޓެރިފް ނަގާނެ ކަމުގެ ހަރުކަށި އިންޒާރެއް އެމެރިކާ ސަރުކާރުން ދީފި އެވެ. މި ނިންމުމަކީ އީރާނުގެ އިގްތިސާދީ ވަސީލަތްތައް ހަނިކޮށް، ބައިނަލްއަގުވާމީ މައިދާނުގައި އެގައުމަށް ކުރިމަތިވަމުންދާ ފިއްތުންތައް އިތުރުކުރުމުގެ ގޮތުން އެމެރިކާއިން އެޅި ފިޔަވަޅެކެވެ.
އެމެރިކާގެ މި އިންޒާރަށް ރައްދުދެމުން ޗައިނާ ސަރުކާރުން ވަނީ އެގައުމުގެ ނިންމުން ބަދަލުނުކުރާނެ ކަމަށް ބުނެފަ އެވެ. ޗައިނާއިން ބުނި ގޮތުގައި އީރާނުގެ ތެޔޮ ގަތުން އެގައުމުން ކުރިއަށް ގެންދާނެ އެވެ. އަދި އެމެރިކާއިން ނަގާ ޓެރިފަކީ 100 އިންސައްތަ ނުވަތަ 200 އިންސައްތަ ކަމުގައި ވީނަމަވެސް، އެކަމަށް ޗައިނާއިން ފަރުވާލެއް ނުބަހައްޓާނެ ކަމަށް ބެއިޖިންގް އިން ވަނީ ހާމަކޮށްފަ އެވެ.
"އަހަރެމެން އީރާނުގެ އަތުން ތެޔޮ ގަތުން ކުރިއަށް ގެންދާނަން. އެއީ 100 އިންސައްތަ ޓެރިފް ކަމުގައި ވިޔަސް ނުވަތަ 200 އިންސައްތަ ކަމުގައި ވިޔަސް އަހަރެމެން އެކަމަކާ އަޅައެއް ނުލާނަން،" ޗައިނާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދުގެ މެދުގައި އޮތް ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ފެންމަތިވި ބަހުގެ ހަމަލާތަކެކެވެ.
ވޮޝިންގްޓަނުން ޕްރެޝަރު ބޮޑުކުރަމުންދާއިރު، ބެއިޖިންގް އިން ދޫނުދީ ހިފަހައްޓަމުން ދިއުމުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރިއަށާއި ސިޔާސީ މަސްރަހަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށް މާހިރުން ލަފާކުރެ އެވެ. މި ކުރިމަތިލުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ މެދުގައި އޮތް އިގްތިސާދީ ގުޅުންތަކަށް އިތުރު ބުރޫއަރާނެ ކަމަށް ބެލެވެ އެވެ.
މީޑިއާތަކަށް ފިޔަވަޅު އެޅުމާބެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފި
ރަޝިޔާ އާއި ޗައިނާގެ ފްލައިޓްތައް އީރާނަށް ދަތުރުކުރަން ފަށައިފި