ހދ. ނޮޅިވަރަމުން ކޮންމެ ދުވަހަކު އެކި ފަހަރުމަތިން ކަރަންޓް ކެނޑޭތީ ރައްޔިތުން ދަތިތަކަކާ ކުރިލަމަތިލާންޖެހިއްޖެ އެވެ.

ނޮޅިވަރަމް ކައުންސިލްގެ މެންބަރަކު ވިދާޅުވީ ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް ހަ ވަރަކަށް ފަހަރު ކަރަންޓު ކެނޑޭއޭ ބުނުމަކީ ދޮގަކަށް ނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިދިޔަ ރޯދަ މަހު ވެސް އިރުއިރުކޮޅާ ކަރަންޓް ކެނޑި ރައްޔިތުން އުޅުނީ ވަރަށް ދަތިހާލެއްގައި ކަމަށެވެ.

"ހަގީގީ މައްސަލައަށް ވާހަކަދައްކަމާ ހިނގާ. ލޯޑު ހިފެހެއްޓޭވަރަށް މި ރަށަކަށް ކަރަންޓެއް ނުދެވޭ. އެހެންވީމަ މިރަށުގެ ކަރަންޓުގެ ކެޕޭސިޓީ މަތިކުރަން މަސައްކަތެއް ނުކުރާހާ ހިނދަކު ދުވަހަކު ވެސް މިކަމެއް ހައްލެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން އެދުނު ހުރިހާ ކަމެއް ވެސް ކައުންސިލުން ކޮށްދީފައިވާނެ ކަމަށާއި ކައުންސިލްގެ އެއްބާރުލުން ނުލިބިގެން ކަރަންޓްގެ މައްސަލަ ހައްލުނުވަނީއޭ ބުނެވޭނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލް މެންބަރު ވިދާޅުވީ ފާއިތުވި ތިން މަހު އިރުއިރުކޮޅާ ކަރަންޓް ކެނޑޭތީ ރައްޔިތުން ބޭނުންކުރާ އަގުބޮޑެތި އިލެކްޓްރޯނިކް ސާމާނުތަކެއް ހަލާކުވެފައިވާ ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ލިބޭ ގެއްލުމަށް ބަދަލު ދެވޭނެ އެއްވެސްގޮތެއް ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރަށް އަޅުގަނޑު ގޮވާލަން ކައުންސިލުން ދޭންޖެހޭ އެއްބާރުލުން ދެމުންނޭ މިގެންދަނީ ސަރުކާރުން ކޮށްދޭންޖެހޭ ކަންކަންކޮށް މިކަމަށް ދާއިމީ ހައްލެއް ގެނެސްދެއްވާށޭ،" ކައުންސިލް މެންބަރު ވިދާޅުވި އެވެ.