ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަބީޝެކް ބައްޗަން އަކީ އޭނާގެ މަސައްކަތްތަކާ މެދު އަންހެނުން އައިޝްވާރްޔާ ރާއީ ބައްޗަންގެ ފާޑުކިޔުންތަކަށް ވަރަށް ބޮޑަށް އިހުތިރާމްކުރާ މީހެކެވެ.

ނަމަވެސް، ދާދިފަހުން ދިން އިންޓަވިއުއެއްގައި އަބީޝެކް ވަނީ އޭނާގެ ދަރިފުޅު އާރަދްޔާ ބައްޗަންގެ ކިބައިން ފިލްމު ރިވިއު ނުހޯދާ ސަބަބު ހާމަކޮށްފަ އެވެ.

އައި.އެފް.ޕީއަށް ދިން އިންޓަވިއުއެއްގައި އަބީޝެކް ބުނީ، އޭނާގެ ފިލްމުތަކާ މެދު އާރަދްޔާ ދެކޭގޮތް ދުވަހަކުވެސް އޮޅުން ނުފިލުވާނެ ކަމަށެވެ. މީގެ މައިގަނޑު ސަބަބަކީ އާރަދްޔާގެ "ތެދުވެރި ފާޑުކިޔުންތަކަށް" އަބީޝެކް އަދި ތައްޔާރު ނުވުމެވެ.

"އަހަރެން ދުވަހަކުވެސް އޭނާ ކައިރިއަކު އެ ސުވާލެއް ނުކުރާނަން. އޭނާ ޖަވާބެއް ދީފިނަމަ އެއީ ރަނގަޅު ޖަވާބެއް ކަމުގައިވިޔަސް ނުވަތަ ނޫން ކަމުގައިވިޔަސް—އަހަރެންގެ މަސައްކަތްތަކާ މެދު އަހަރެން ދެކޭގޮތް ބަދަލުވެގެން ހިނގައިދާނެ،" އަބީޝެކް ކިޔައިދިނެވެ.

އޭނާ އިތުރަށް ބުނިގޮތުގައި މިހާރުގެ ކުދިންނަކީ ވަރަށް ކެރޭ، ކަންކަމުގައި ދެކޭގޮތް ސީދާކޮށް ބުނެދޭން އެނގޭ ބަޔެކެވެ. އެ ކުދިންގެ ފާޑުކިޔުންތަކަކީ "ބްރުޓަލީ އޮނެސްޓް" ނުވަތަ ހިތި ނަމަވެސް ތެދު ބަސްތަކަކަށް ވުމުން، އެ އަޑުއަހަން ބައެއްފަހަރު އުނދަގޫވާކަމަށް އަބީޝެކް އެއްބަސްވި އެވެ.

"ބެލެނިވެރިއެއްގެ ހައިސިއްޔަތުން، އަހަރެން ބޭނުންވަނީ ދަރިފުޅުގެ ޚިޔާލުގެ ނުފޫޒެއް ނެތި އަހަރެން ގަބޫލުކުރާ ފަދަ މަސައްކަތްތަކެއް ކުރަން. ފަހަރުގައި މުސްތަގުބަލުގައި، އޭނާ ބޮޑުވެ އަމިއްލަ ދަރިން ލިބޭ ދުވަހަކުން މިކަން ބަދަލުވެދާނެ،" އޭނާ ބުންޏެވެ.

އަބީޝެކް ބަޗަންގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު، ޝާހްރުކް ޚާންއާ އެކު ފެނިގެންދާ "ކިންގް" އަދި ރިތޭޝް ދޭޝްމުކް ޑައިރެކްޓްކުރާ ތާރީޚީ ފިލްމު "ރާޖާ ޝިވާޖީ" ފާހަގަކޮށްލެވެ އެވެ.