އަންނަ ހަފުތާގައި ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު ހަމަވާއިރު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާނަށް އަލުން ބޮން އަޅަން ފަށާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އީރާނާއެކު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ދެން އަމަލުކުރާނެ ގޮތަކާ މެދު ނޫސްވެރިއަކު މިއަދު ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ މަޝްވަރާތަކުގެ މުއްދަތު އިތުރު ނުކޮށްފާނެ ކަމަށާއި، އޭރުން ދެން ޖެހޭނީ އަލުން ބޮން އަޅަން ފަށަން ކަމަށެވެ. ނަމަވެސް، އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާނުގެ ނިއުކްލިއާ މައްސަލައާ ގުޅޭގޮތުން ދާއިމީ އެއްބަސްވުމަކަށް ނާދެވޭހާ ހިނދަކު، އެމެރިކާއިން އަޅާފައިވާ ހުރަސްތައް އެގޮތުގައި ދެމިހުންނާނެ ކަމަށް ރޭ ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާ އާއި އީރާނާ ދެމެދު މިދިޔަ ހަފުތާ ބަންދުގައި ބޭއްވުނު ސީދާ މަޝްވަރާތައް އެއްވެސް ނަތީޖާއެއް ނުނިކުމެ ވަނީ ނިމިފަ އެވެ. މި މަޝްވަރާތައް ކޮޅެއްގައި ނުޖެހުނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި އެހެނިހެން މުހިންމު ކަންކަމުގައި ދެ ގައުމުގެ މެދުގައި އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުންނެވެ. ދެ ހަފްތާއަށް ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ ބުދަ ދުވަހު އެވެ.

ދުނިޔޭގެ ތެލުގެ %20 އުފުލާ މުހިންމު މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި، ވިޔަފާރި އުޅަނދުފަހަރަށް ފުރިހަމައަށް ހުޅުވާލާފައިވާ ކަމަށް އީރާނުން ހޮނިހިރު ދުވަހު އިއުލާނު ކުރި ނަމަވެސް، އެ ސަރަހައްދުން ދަތުރުކުރުމުގެ މިނިވަންކަން އޮތް މިންވަރާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އީރާނުން ބުނެފައިވަނީ، އެމެރިކާއިން އީރާނުގެ ބޯޓުތަކަށާއި ބަނދަރުތަކަށް ކުރިމަތިކޮށްފައިވާ ހުރަސްތައް ދަމަހައްޓާ ނަމަ، އަލުން ކަނޑުއޮޅި ބަންދުކުރާނެ ކަމަށެވެ.

އީރާނުން ކަނޑުއޮޅި ހުޅުވާލިކަން އިއުލާނުކުރީ އިޒްރޭލާއި ލުބުނާނުގެ ހިޒްބުﷲ ޖަމާއަތާ ދެމެދު ގާއިމުކޮށްފައިވާ ދިހަ ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު އެވެ.

މިކަމާ ގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ، ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތައް ދަތުރު ކުރަން ވާނީ އީރާނުގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުން، އެގައުމުން ކަނޑައަޅާ މަގުތަކުން ކަމަށެވެ. އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް ވެސް ވަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް ދެމިއޮތް ނަމަ ކަނޑުއޮޅި ހުޅުވާފައި ނުބޭއްވޭނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

އެމެރިކާއާއި އީރާނުގެ މެދުގައި ކުރިއަށްދާ މި ނުތަނަވަސްކަމުގެ ތެރެއިން، މި ހަފުތާ ބަންދުގައި މަޝްވަރާގެ ދެވަނަ ބުރެއް ބޭއްވުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ވަނީ އިޝާރާތް ކުރައްވާފަ އެވެ.