މިދިޔަ މާޗް މަހު މީރާއަށް ހަތަރު ބިލިއަން ރުފިޔާ ދައްކައިފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާއިން ބުނީ މިދިޔަ މަހު ލިބުނު 4.03 ބިލިއަން ރުފިޔާއަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 17 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ. އަދި މާޗު މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 26.8 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް މީރާ އިން ބުނެ އެވެ.
މީރާއިން ބުނިގޮތުގައި މާޗު 2025 ގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު މިދިޔަ މާޗު މަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދައިރާގެ ޖީއެސްޓީގެ އާމްދަނީ އާއި ކުންފުނިތަކާއި ފަރުދުން- ނޫން އެހެން ފާރާތްތަކުން ނަގާ ޓެކުހުގެ އިތުރުން ގްރީން ޓެކުހުން ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. މީ ގެއިތުރުން، 2025 ވަނަ އަހަރުގެ ފެބުރުއަރީ މަހާ އަޅާބަލާއިރު މި އަހަރުގެ ފެބުރުއަރީ މަހު ރާއްޖެއަށް އައި ޓޫރިސްޓުން އަދަދު 18.8 ޕަސެންޓް އިތުރުވުމާ ގުޅިގެން، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކުހުގެ އާމްދަނީ ވެސް އިތުރުވެފައިވާ ކަމަށް މީރާ އިން ބުނެ އެވެ.
އެ އިދާރާ އިން ބުނީ މިދިޔަ މަހު އަންދާޒާ ކޮށްފައިވާ އާމްދަނީއަށް ވުރެ 26.8 ޕަސެންޓް އިތުރުވި މައިގަނޑު އެއް ސަބަބަކީ ޓޫރިޒަމް ދާއިރާ އާއި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީއެސްޓީ އާއި ގްރީން ޓެކުހުން ލިބިފައިވާ އާމްދަނީގެ މިންވަރު އިތުރުވުމުން ކަމަށެވެ. އަދި މިދިޔަ މަހު ލިބުނު އާމްދަނީގެ 31.4 ޕަސެންޓްއަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާ އެވެ. އަދި އާމްދަނީގެ 7.6 ޕަސެންޓް ލިބިފައި ވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކަން ވެސް މީރާއިން ފާހަގަކުރެ އެވެ.
އެ އިދާރާއިން ބުނިގޮތުގައި މިދިޔަ މަހު ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މީރާއިން ވަނީ ޖުމްލަ 882 މިލިއަން ރުފިޔާ ހޯދައިފައިވެ އެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 397 މިލިއަން ރުފިޔާ އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 411 މިލިއަން ރުފިޔާ ހޯދައިފައިވާ ކަމަށް މީރާ އިން ބުނެ އެވެ. މީގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 13 މިލިއަން ރުފިޔާ އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 61 މިލިއަން ރުފިޔާ ހޯދައިފައިވާ ކަމަށް ވެސް މީރާ އިން ބުނެ އެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 59.6 ޕަސެންޓް ނުވަތަ 2.4 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ރިޒޯޓްތަކުގެ ކުލިން ނަގާ ޓެކުހުންނެވެ. އެއީ 10.9 ޕަސެންޓް ނުވަތަ 440 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 312 މިލިއަން ރުފިޔާ (7.7 ޕަސެންޓް)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 271 މިލިއަން ރުފިޔާ (6.7 ޕަސެންޓް)، ޑިޕާޗާ ޓެކުހުގެ ގޮތުގައި 248 މިލިއަން ރުފިޔާ (6.1 ޕަސެންޓް)، އަދި އާމްދަނީން ނަގާ ޓެކުހުން 198 މިލިއަން ރުފިޔާ (4 ޕަސެންޓް) ލިބިފައިވެ އެވެ.
މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 205.18 މިލިއަން ޑޮލަރު ހިމެނެ އެވެ.
"ދުރަންދަަރް 2"ގެ ކާމިޔާބީގައި ދީޕިކާ ހަނު ހުރުމުން ފާޑު ކިޔަނީ!
ބީއެމްއެލްގެ އެހީގައި އެތުލީޓުންނަށް އިތުރު ފުރުސަތުތަކެއް