ނެޓް އޯޕަން ޕޮޒިޝަން (އެންއޯޕީ) ހުރީ ލާޒިމްކުރާ މިންގަނޑަށްވުރެ ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފައި ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.
އެންއޯޕީއަކީ ވަކި ވަގުތެއްގައި ބޭންކެއްގެ ބޭރު ފައިސާގެ އެސެޓްތަކާއި ލައިބިލިޓީތަކުގެ ދެމެދުގައި ހުންނަ ތަފާތެވެ. މި ޕޮޒިޝަނުން ދައްކުވައިދެނީ ބޭންކުގައި ބޭރުފައިސާ ވިއްކުމުގެ ގާބިލުކަން ލިބިފައިވާ މިންވަރެވެ. އަދި މިއީ ފައިސާގެ އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޭންކަން ފައިދާ ނުވަތަ ގެއްލުން ވެދާނެ މިންވަރު ދައްކައިދޭނެ މިންގަނޑެކެވެ. މިއީ ބޭންކުން ޔޫއެސްޑޮލަރު ދޫކުރުމަށް ހުރި ގާބިލުކަން އަންގައިދޭ މިންގަނޑެއް ނޫނެވެ.
ބީއެމްއެލް އިން ބުނިގޮތުގައި މިއާ ޚިލާފަށް، ލިކުއިޑިޓީއަކީ ކަސްޓަމަރުން ފައިސާ ނެގުމާއި އަދި ބޭރަށް ފައިސާ ފޮނުވުމާއި، އަދި ބޭންކުން ލޯނުދޫކުރުން ފަދަ ކަންތައްތައް ކުރުމުއްދަތެއްގައި ކުރުމަށް ބޭންކަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް ލިބިފައިވާ ގާބިލުކަމެވެ. މި ދެ މިންގަނޑަކީ ވެސް ބޭންކުގެ މާލީ ދުޅަހެޔޮކަމާއި، ރިސްކް ޕްރޮފައިލް ވަޒަންކުރުމުގައި ބޭނުންކުރާ މުހިންމު މިންގަނޑުތަކެއް ކަމުގައި ވީނަމަވެސް، މިއިން ކޮންމެ މިންގަނޑަކުންވެސް ހާސިލުކޮށްދެނީ ތަފާތު މަގުސަދުތަކެއް ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.
ބީއެމްއެލް އިން ބުނީ 2020 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން އެ ބޭންކުގެ ނެޓް އޯޕަން ޕޮޒިޝަން ހުރީ ދަށްމިންވަރަކަށް ކަމަށެވެ. އަދި 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ބޭންކުގެ ޔޫއެސް ޑޮލަރުގެ ނެޓް އޯޕަން ޕޮޒިޝަން %20- އަށް (ޝޯޓް ޕޮޒިޝަނަކަށް) ވެއްޓުނެވެ. މިއިން އަންގައިދެނީ 2024 ސެޕްޓެމްބަރުގެ ނިޔަލަށް ބޭންކުން ގާތްގަނޑަކަށް 200 މިލިއަން ޔޫއެސް ޑޮލަރު އިތުރަށް ވިއްކިފައިވާ ކަމެވެ.
އެ ވަގުތު ބޭންކަށް އޮތް ނުރައްކަލަކީ، ދިވެހި ރުފިޔާގެ އަގު ދަށްވެއްޖެ ނަމަ، އެ އަދަދުގެ ނިސްބަތުން ބޭންކަށް ފޮރިން އެކްސްޗޭންޖް ގެއްލުންތަކެއް ލިބުން ކަމަށް ބީއެމްއެލް އިން ބުންޏެވެ.
"މިއީ ބޭންކުގެ ލިކުއިޑިޓީއާ ނުވަތަ ކަސްޓަމަރުން ބޭނުންވާ ވަރަށް ފައިސާ ނެގުމާއި ބޭންކުން ފޮނުވަން ޖެހޭ ފައިސާ ފޮނުވުމުގެ ޒިންމާތައް އަދާކުރުމުގެ ގާބިލުކަން ނެތުމެއް ނޫނެވެ،" ބީއެމްއެލް އިން ނެރުނު ބަޔާނުގައިވެ އެވެ.
ބީއެމްއެލް އިން ބުނީ އެންއޯޕީ ޝޯޓް ޕޮޒިޝަންގެ މައްސަލަ ހައްލުކުރުމަށް ބޭންކުން އިސްނަގައިގެން އެކި އިދާރާތަކާ ގުޅިގެން ފިނޭންސް ފުރިހަމަ އެހީތެރިކަމާއެކު، 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އެންއޯޕީ ވަނީ ލޯން ޕޮޒިޝަން (އިތުރަށް ޑޮލަރު ގަނެފައިވާ ޕޮޒިޝަން) އަކަށް ގެނެވިފައި ކަމަށެވެ.
"އޭގެފަހުން ވެސް މި އަހަރު ތެރޭގަވެސް ބޭންކުން އެންއޯޕީވަނީ ރެގިއުލޭޓަރީ ގޮތުން ލާޒިމްކުރާ މިންގަޑަށްވުރެ މާރަގަޅު މިންވަރެއްގައި ހިފެހެއްޓިފައެވެ. އަދި މިވަގުތުވެސް ވަނީ އެންމެ ރަގަޅު މިންވަރުގައި ހިފެހެއްޓިފައެވެ،" ބީއެމްއެލް އިން ނެރުނު ބަޔާނުގައިވެ އެވެ.
އެންއޯޕީ ޝޯޓް ޕޮޒިޝަން ރަނގަޅު ކުރުމުގެ އިތުރުން، އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި އަދި ކޯޕަރޭޓް ކުންފުނިތަކުގެ ބޭނުންތަކަށް، ޓީޓީ ހެދުމާއި ކާޑުތަކުގެ ބޭނުންތައް ހިމެނޭހެން، ޖުމްލަ 600 މިލިއަން ޑޮލަރަށްވުރެ ގިނަ ޔޫއެސް ޑޮލަރު މިދިޔައަހަރު ވިއްކައިގެން ބޭންކުގެ ވިޔަފާރި މުއާމަލާތްތައް ހިންގާފައިވާކަން ބޭންކުން ފާހަގަކުރެ އެވެ.
ޔޫއެސް ޑޮލަރުގެ ލިކުއިޑިޓީއަކީ ތަފާތު ފަންޑިންގ ވަސީލަތްތަކާއި، ހަރުދަނާ ޓްރެޝަރީ އޮޕަރޭޝަންތަކާއެކު، ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ވަރަށް ފަރުވާތެރިކަމާއެކު ބަލަހައްޓަމުންދާކަމެއްކަން ބޭންކުން ފާހަގަކުރެ އެވެ. މި ފިޔަވަޅުތަކުގެ ސަބަބުން، އެއްވެސް މެދުކެނޑުމެއް ނެތި ކަސްޓަމަރުންނާއި މާކެޓުގެ ބޭނުންތައް ފުއްދައިދިނުމުގެ ގާބިލުކަން ބޭންކަށް ލިބިގެންވެ އެވެ. ހާއްސަކޮށް، އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް 2024 އިން ފެށިގެން މިހާތަނަށް އަލަށް 365 މިލިއަން ޔޫއެސް ޑޮލަރުގެ ލޯނު ދޫކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
"އަދި 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ފަތުރުވެރިކަމުގެ ދާއިރާގެ މި ބޭންކުގެ ނެޓް ލޯން ޕޯޓްފޯލިއޯ 585 މިލިއަން ޔޫއެސް ޑޮލަރަށް އަރާފައިވާކަން ފާހަގަކުރުން މުހިންމެވެ،" ބީއެމްއެލް އިން ނެރުނު ބަޔާނުގައިވެ އެވެ.
މާޗް 28 ގައި ބޭއްވުނު އަހަރީ އާންމު ޖަލްސާގައާއި ދެއްވި ބަޔާނުގައި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ފާހަގަކުރެއްވި ފަދައިން، ބޭންކުގެ މާލީ ހާލަތު އޮތީ ވަރަށް ހަރުދަނާކޮށް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބޭންކުގެ 43 އަހަރުވީ ތާރީހުގައި ނުދެކޭ ފަދަ ރެކޯޑް ނަތީޖާތަކެއް ބޭންކުން ވަނީ މިދިޔަ އަހަރު ހޯދާފަ އެވެ. މިއީ ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ ރިސްކް އެޕެޓައިޓާއި، ރެގިއުލޭޓަރީ މިންގަނޑުތަކާއި، އަދި ބައިނަލްއަގުވާމީ ސްޓޭންޑަޑް ތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިފެހެއްޓިފައިވާ ހަރުދަނާ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯތަކުގެ އެހީގައި ހޯދާފައިވާ ކާމިޔާބީއެއް ކަމަށް އެ ބޭންކުން ބުންޏެވެ.
އެ ބޭންކު އަބަދުވެސް ދެމިއޮންނާނީ ދެފުށް ފެންނަ، ހަރުދަނާ މާލީ މެނޭޖްމަންޓެއް ގާއިމުކުރުމަށާއި، ކަސްޓަމަރުންނާއި، ހިއްސާދާރުން އަދި ބެންކާ ގުޅުންހުރި އެންމެހާ ފަރާތްތަކުގެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތްކުރުމުގައި ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ހީނާ ރާއްޖޭގައި ތަފާތު ކަމެއް ދަސްކޮށްފި
ހޯމް މިނިސްޓްރީއަށް ޕީއާރް މަސައްކަތް ކުރާނެ ބަޔަކު ހޯދަނީ
ނާސާއިން ތާރީހީ "އާރްޓެމިސް 2" ފޮނުވާލައިފި
