ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ އެއްވެސް މަޝްވަރާއެއް ސަރުކާރުގެ ތެރޭގައި ކުރިއަށް ނުދާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކޮންސެލް އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ އެކަމާގުޅޭ އެއްވެސް މަޝްވަރާއެއް ސަރުކާރުގެ ތެރޭގައި ކުރިއަށްނުދާ ކަމަށެވެ.

"ކުރު ޖަވާބަކީ އެކަހަލަ މަޝްވަރާތަކެއް، ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ މަޝްވަރާތަކެއް ނުދޭ. ނިޒާމު ބަދަލުކުރުމުގެ ވާހަކައެއް އަޅުގަނޑުމެން ސަރުކާރުގެ ތެރޭގައި ދައްކާފައެއް ނެތް،" އަހްމަދު ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިވަގުތު ރާއްޖެ އޮތް ހާލަތަށް ބަލާއިރު ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވުރެ، ރައީސް ސޯލިހަށް މުހިންމު ކަންކަން އެބަހުރި ކަމަށެވެ.

"މި ހާލަތުގައި ރާއްޖެ އޮއްވައި، ރައީސްގެ ފޯކަސް ހުރީކީ މިކަމަަކަށް (ނިޒާމު ބަދަލުކުރުމަކަށް) ނޫން. ރައީސް ފޯކަސް ކުރައްވައިގެން ހުންނެވީ އިކޮނޮމިކް ރިކަވަރީއަށް. އަދި ރައީސް ފޯކަސް ކުރައްވައިގެން ހުންނެވީ ރައީސް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް،" މަބްރޫކް ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ސޯލިހަށް މެސެޖެއް ފޮނުއްވާފަ އެވެ. އޭގެ ރައްދުގައި މީޑިއާގައި ތަރުޖަމާނު މެދުވެރިކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގައި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ނަޝީދުގެ ސަޕޯޓަރުން އަންނަނީ މާލޭގެ އެކި އެކި ފާރުތަކުގައި ބަރުލަމާނީގެ ޕޯސްޓަރުތައް ހަރުކުރަމުންނެވެ.