އާޓިފިޝަލް އިންޓެލިޖެންސް ކުރިއަރަމުން ގޮސް ހުރިހާ އުމުރުފުރާތަކަށް އޭގެ ހިދުމަތްތައް ހުޅުވާލެވިފައިވާއިރު އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ މުހިއްމު ކަމެކެވެ.

ހާއްސަކޮށް ސްކޫލަށް ދާ އުމުރުފުރާގެ ކުޑަކުދިން އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރުން އިތުރު ވެފައިވާއިރު އެކަމުގައި ބެލެނިވެރިން ސަމާލުވާންޖެހޭ ބައެއް ކަންތައްތަކެއް ވެސް ހުރެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކުޑަ ކުދިން އެންމެ ގިނައިން އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރަނީ ސްކޫލްގެ ފިލާވަޅުތައް ހެދުމަށެވެ.

އެހެން ނަމަވެސް ބައެއް ކުދިން ދިރިއުޅުމުގެ އެހެން ކަންކަމުގައި އޭއައި އަށް ބަރޯސާވެ އިންސާނީ ގުޅުންތަކަށް ދޭ ސަމާލުކަން ކުޑަވަމުން އަންނަ ކަމަށް މާހިރުން ބުނެ އެވެ.

އެގޮތުން ދަރިންނަށް ދިމާވާ އެކި މައްސަލަތައް ހައްލު ކުރުމުގައި އިންސާނީ ލަފާ ހޯދުމަށްވުރެ އޭއައިގެ ބޭނުން ހިފާ ކުދިން ގިނަވަމުންދާ ކަމަށް އެ ފަރާތްތަކުން ފާހަގަކުރެ އެވެ.

މިކަމުގެ ސަބަބުން ކުދިންގެ އިޖުތިމާއީ ގުޅުންތަކާއި ނަފްސާނީ ސިއްހަތަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ވެސް ހޯދުންތަކުން އެނގިފައިވެ އެވެ.

އެހެން ކަމުން ބެލެނިވެރިން ދަރިންނާ ގާތް ގުޅުމެއް ބާއްވާ އެ ކުދިން އޭއައި ބޭނުންކުރަނީ ކިހިނެއްތޯ ސުވާލުކޮށް ހޯދައި ބެލުމަކީ މުހިއްމު ކަމެކެވެ.