އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސައުދީ އަރަބިއްޔާގެ ލީޑަޝިޕަށް އަމާޒުކޮށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި މީގެ ކުރިން ސައުދީން ދެކެމުން އައީ އެމެރިކާއަކީ "މަރުވެފައިވާ ގައުމެއް" ގޮތުގަ އެވެ.

ޓްރަމްޕްގެ އާދަޔާ ހިލާފު ސީދާ ބަހުރުވައިން ސައުދީ ލީޑަޝިޕަށް މަލާމާތް ކުރައްވަމުން ވިދާޅުވީ އެމެރިކާގެ އެހީތެރިކަމަށް އެދި އާދޭސް ކުރަން ޖެހިދާނެ ކަމަށް ސައުދީން ކުރިން ހީނުކުރާ ކަމަށެވެ. ނަމަވެސް މިހާރުގެ ހާލަތު ބަދަލުވެ، އެމެރިކާއާ މެދު އޮންނަ ގުޅުން ރަނގަޅު ކުރަން ސައުދީއަށް މަޖުބޫރުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އޭނާ (ސައުދީ ލީޑަރުން) ހީއެއް ނުކުރޭ އަހަރެންގެ އެހީތެރިކަމަށް އެދި އާދޭސް ކުރަން ޖެހިދާނެ ކަމަކަށް. އެކަމަކު މިހާރު އޭނާއަށް ޖެހޭނީ އަހަންނާ މެދު ރަނގަޅަށް ކަންތައް ކުރަން!" ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން ޓްރަމްޕް ވަނީ ސައުދީ ލީޑަޝިޕަށް އިންޒާރެއްގެ ރާގުގައި ބަސްތަކެއް ރައްދުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ސައުދީން އެމެރިކާއާ މެދު އޮންނަ ގުޅުމުގައި އިހުތިރާމް ބަހައްޓަން ޖެހޭނެ ކަމަށެވެ.

"ތިޔަ ބޭފުޅުން އޭނާ ގާތު ބުނޭ އަހަންނާ މެދު ރަނގަޅަށް ކަންތައް ކުރަން ޖެހޭނެއޭ. އޭނާއަށް އެކަން ކުރަން މަޖުބޫރު ވާނެ،" ޓްރަމްޕް ވިދާޅުވި އެވެ.

މި ބަޔާންތަކަކީ އެމެރިކާގެ ހާރިޖީ ސިޔާސަތާއި، ހާއްސަކޮށް މެދުއިރުމަތީގެ ގައުމުތަކާއެކު އޮންނަ ގުޅުމާ މެދު ޓްރަމްޕް ގެންގުޅުއްވާ ހަރުކަށި ވިސްނުން ހާމަވެގެންދިޔަ ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.