އޭނާ ފޮޓޯ ނަގަން ފެށީ ހޮބީއެއްގެ ގޮތުން. އެ ހޮބީގެ ސަބަބުން އޭނާގެ އެކަނިވެރި ދިރިއުޅުމަށް ދިރުމެއް ލިބުނު. މާޔޫސްވެފައިވާ ހިތަށާއި ސިކުނޑިއަށް އާރޯކަން ލިބެން ފެށި. އެ ފޮޓޯތައް އެފްބީ ޕޭޖަށް ލުމުން ގިނަ ބަޔަކަށް ރީތިވި. ދެން އޭނަ ގަސްދުކުރީ ފޮޓޯ ނެގުމާ ބެހޭ ކުދި ކޯސްހަދައި އެ މަސައްކަތް ބޮޑަށް ދަސްކުރަން. އޭނާ ނަގާފައިވާ ފޮޓޯ އެހެން މީހުންގެ ވިޔަފާރިތަކުގައި ބޭނުން ކުރުމުގެ ހުއްދަ ދީފައި ވޭ. އަދި ހުވަދޫ ސްކޫލްގެ އެކި ކަންކަމަށާއި ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުމުގައި ވެސް އޭނާގެ ފޮޓޯ ބޭނުން ކުރުމުގެ ހުއްދަ ވަނީ ދީފައި. އޭނާ އަންނަނީ ހިލޭސާބަހަށް ރަށުގެ އެކި ކަންކަމުގައި ވީވަރަކުން އެހީތެރިވަމުން.

ހުސްވަގުތު ފޫހި ފިލުވާލަން " ހޮބީ"އެއް ގެންގުޅުމަކީ ނަފްސަށް އަދި ޖިސްމަށް ދެވޭ ފަރުވާއެކޭ ބުނެވިދާނެ އެކެވެ. ހޮބީއެއް ވާނަމަ، އެ ކަމުގައި ފޫހިކަމެއް ނެތި މީހާ މައްސޫލު ކުރުވަ އެވެ. ވަރުބަލިކަން އިހްސާސް ކުރުވުމެއް ނެތި އެ މަސައްކަތުގައި ގިނަ ވަގުތު ހަރަކާތްތެރިކޮށް ބަހައްޓަ އެވެ. ހޮބީއަކީ މީހެއްގެ ދިރިއުޅުމަށް ކިހާ މުހިންމު ކަމެއްކަން މި ޒުވާނާ ދައްކައި ދީފި އެވެ. އޭނާއަށް ބޮޑު މަޝްހޫރު ކަމެއް ލިބުނީ އޭނާގެ ހޮބީގެ ސަބަބުން ކަމުގައި ބުނެވިދާނެ އެވެ.

ގދ. ފަރެސްމާތޮޑާއަށް އުފަން، މަރިޔަމް ޝަޒްލާ (ޝަޒޫ) އަށް ފެންނަ ރީތި މަންޒަރުތަކުގެ ފޮޓޯ ނަގަން ފެށީ އެކަމުން ހިތްހަމަޖެހުން ލިބޭތީ އެވެ. އިރުއަރާ އަދި އިރުއޮއްސޭ މަންޒަރުން އޭނާގެ ހިތަށް އުފާވެރިކަން އިހްސާސް ކުރުވަ އެވެ. އެ ރީތި މަންޒަރު ބަލަން ގަވާއިދުން ދެ އެވެ. އަދި އެ މަންޒަރުގެ ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ހިއްސާކުރަނީ އޭނާގެ އުފަލުގައި އެހެން މީހުން ވެސް ބައިވެރި ކުރުމުގެ ބޭނުމުގަ އެވެ. މިއީ ފަރެސްމާތޮޑާގެ ފެނަކަ އޮފީހުގެ އެސިސްޓެންޓް މެނޭޖަރުގެ ޒިންމާދާރު މަގާމު މިވަގުތު ފުރަމުންދާ ޝަޒޫ، ފޮޓޯގްރާފަރަކަށް ވުމަށް ކުރި ދަތުރުގެ ވާހަކަ އެވެ.

.ޝަޒޫ ފޮޓޯ ނެގުމަށް ފަހު އަތިރިމަތީ ވެލިގަނޑުގައި އިށީންދެލައިގެން: ފޮޓޯ ނެގުމަކީ ހޮބީއެއް

އޭނާގެ ސްކޫލް ދައުރު ފެށުނީ ފަރެސް ސްކޫލުންނެވެ. އެ ސްކޫލްގެ ގްރޭޑް 5 އާ ހަމައަށް ކިޔެވުމަށް ފަހު، ޏ. ފުވައްމުލަކުގެ މުހައްމަދު ޖަމާލުއްދީން ސްކޫލުންނާއި އެ އަތޮޅު ތައުލީމީ މަރުކަޒުން ވެސް އޭނާ ކިޔެވި އެވެ. ވަޒީފާއަކަށް ނުކުތީ 2006ގަ އެވެ.

ޝަޒޫ ފުރަތަމަ މަސައްކަތް ކުރީ ހުވަދޫ ސްކޫލްގައި އެސިސްޓެންޓް ލައިބްރޭރިއަން އެއްގެ މަގާމުގަ އެވެ. އެ ވަޒީފާގައި 17 އަހަރު ހޭދަކުރިއިރު، ސްކޫލް ކެމެރާ ބޭނުން ކޮށްގެން ފޮޓޯ ނަގައި ލައިބްރަރީ ކާޑު ހެދުމަކީ އޭނާ ގެ މަސައްކަތުގެ އެންމެ މުހިންމު އެއްބައި އެވެ. ފޮޓޯ ނެގުމަށް ޝައުގުވެރިކަން އުފެދުނީ އެ ދުވަސް ވަރުކަމުގައި އޭނާ ބުންޏެވެ. ނަމަވެސް ހޮބީއެއްގެ ގޮތުގައި އެމަސައްކަތް ކުރަން ފެށީ އޭގެ އަހަރުތަކަކަށް ފަހު އޭނާގެ ހަޔާތް "ފުން ވަޅުގަނޑަކަށް" ވެއްޓުނު ދުވަސްވަރެވެ. ޒަވާޖީ ހަޔާތް ރޫޅި އެކަނިވެރި މަޔަކަށް ވުމުން، އެކަނިވެރިކަމާއި މާޔޫސްކަން އަދި ހިތުގައި އުފެދޭ އުދާސްތައް ފިލުވާލުމަށެވެ.

.ވާރޭ ވެހެނިކޮށް ނަގާފައިވާ ފޮޓޯއެއް : ފޮޓޯނެގުމަކީ ލިބޭ ހިތްހަމަ ޖެހުމެއް

ހަޔާތުގެ އެހިތްދަތި ދުވަސްވަރު އެ "ހޮބީ" ވީ އޭނާ އެކަނިވެރިކަން ފިލުވައިދިން އެންމެ ގާތް އެކުވެރިޔާ އަށެވެ. އޭނާގެ ފޮޓޯތަކުން އޭނާގެ ހަޔާތަށް ދިރުން ގެނެސްދިނެވެ. އޭނާގެ ސިކުނޑީގައި އެނބުރޭ އުނދަގޫ ކުރުވާ ޚިޔާލުތަކާ ދުރުކުރުވި އެވެ. އެ ހިސާބުން އޭނަ ދެން ގަސްދުކުރީ ކޮންމެ ވެސް ވަރަކަށް ފޮޓޯގްރަފީ ދަސްކޮށްލުމަށެވެ. އެކަމަށްޓަކައި 2020ގެ ކޮވިޑް ދުވަސްވަރު ފޮޓޯގްރަފީގެ ދެ ކޯހަކާއި، ވީޑިއޯގްރަފީ 3 ކޯހަކާއި އަދި ގްރެފިކް ޑިޒައިން ގެ 6 ކޯހެއް ފުރިހަމަ ކުރި އެވެ. ކޯހުގެ ތެރެއިން ރީތިކޮށް ފޮޓޯ ނެގުމަށާއި އެޑިޓްކުރަން ވެސް އޭނާއަށް ދަސްވި އެވެ.

"ހޮބީއެއްގެ ގޮތުން މިމަސައްކަތް ކުރާތާ މިހާރު 15 އަހަރު ވެދާނެ. އަޅުގަނޑު ކެމެރާއެއް ނުގެން ގުޅެން. ފޮޓޯ ނަގާ ވީޑިއޯ ކުރަން ބޭނުން ކުރަނީ އަޅުގަނޑުގެ އެސް 23 އަލްޓްރާ ފޯން. އަޅުގަނޑުގެ އަތުގައި މިހާރު ލައްކަ އަކަށް ވުރެ ގިނަ ފޮޓޯ ހުންނާނެ. ރީތި މަންޒަރެއް ހަމަ ފެންނައިރަށް ފޮޓޯ ނަގަން. ގިނައިން ނެގިފައި ވެސް ހުންނާނީ މަންޒަރު،" ޝަޒޫ ބުންޏެވެ.

.ޝަޒޫ ފޮޓޯ ނަގަނީ: އިރުއަރާ މަންޒަރާއި އިރު އޮއްސޭ މަަންޒަރު ގެ ފޮޓޯ އޭނާ ވަރަށް ގިނައިން ނަގާ

ޝަޒޫ ބުނިގޮތުގައި އޭނާ ފޮޓޯ ނެގުމުގައި ކޮންމެ ދުވަހަކު މަދުވެގެން އެއްގަޑިއިރު ހޭދަކުރެ އެވެ. އެއަށްފަހު ނެގި ފޮޓޯތަކުގެ ތެރެއިން އެންމެ ރީތިކޮށް ނެގުނު ފޮޓޯ އޭނާގެ އެފްބީ ޕޭޖް "ޝަޒޫ ފޮޓޯގްރަފީ" އަށް އަޕްލޯޑް ކުރެ އެވެ. އެ ފޮޓޯތައް ބަލާ މީހުންގެ ފަރާތުން ލިބޭ "ޕޮޒިޓިވް" ކޮމެންޓްތަކަކީ އެ މަސައްކަތް ކުރުމަށް އޭނާއަށް ލިބޭ އިތުރު ހިތްވަރެކެވެ.

ހިލޭސާބަހަށް ރަށުގެ ކުރިއެރުމަށް ޝަޒޫގެ ގިނަ ހިދުމަތްތަކެއް

ޝަޒޫ ރީތި މަންޒަރުތަކުގެ ފޮޓޯ ނެގުމަށް ފަހު އެ ހިސާބުން މަސައްކަތް ނިންމައެއް ނުލަ އެވެ. ރަށުގައި ބާއްވާ ފޮޓޯ ސެޝަންތަކުގެ ފޮޓޯ ނަގައި ދިނުމަށް ވެސް އޭނާއަށް ލިބޭ ދައުވަތު ގަބޫލުކޮށް ހިލޭ ސާބަހަށް އެ މަސައްކަތް ކޮށްދެ އެވެ. ރަށު ސްކޫލް ،އެއާޕޯޓް އަދި ރަށުގެ އެކި ޖަމިއްޔާގެ އިވެންޓްތަކުގެ ފޮޓޯ ނެގުމަށް އެދެފިނަމަ އެކަންކޮށްދިނުމަކީ އޭނާއަށް ލިބޭ އުފަލެކެވެ.

އޭގެ އިތުރުން އެކި ޑިޒައިންތަކުގެ ލޯގޯ އަދި ކެންވަސް ވެސް ހިލޭސާބަހަށް ހަދައިދެ އެވެ. ހާއްސަކޮށް ހުވަދޫ ސްކޫލްގެ އެކި އިވެންޓްތަކަށް ބޭނުންވާ ކެންވަސް، އޮފީސް ކާޑް، ހައުސް ލޯގޯ އަދި ޖާޒީ ޑިޒައިން ކޮށްދެ އެވެ.

.އިރުއޮއްސެމުން ދިޔައިރު ގޮނޑުދޮށުގައި އިންމާކަނާއެއް: ޝަޒޫއަށް އިރުއޮއްސޭ މަންޒަރު ވަރަށް ކަމުދޭ

ޝަޒޫ އަންނަނީ މީހުންނަށް ޕާސްޕޯޓް ފޮޓޯ ނަގައި ދިނުމުގެ ޚިދުމަތް ވެސް މުޅިން ހިލޭސާބަހަށް ކޮށްދެމުންނެވެ.

ޝަޒޫ ވަނީ އޭނާ ނަގާ ފޮޓޯ އެހެން މީހުންގެ ވިޔަފާރި ކުރިއެރުވުމުގައި ބޭނުން ކުރަން ހުއްދަ ދީފަ އެވެ. ފަރެސްމާތޮޑާ ސްކޫލްގެ އެކި ކަންކަމަށާއި ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުމަށް ވެސް ޝަޒޫގެގެ ހުއްދައާއެކު އޭނާގެ ފޮޓޯތައް ބޭނުން ކުރެވެމުންދެ އެވެ.

.ޝަޒޫ ނަގާފައިވާ ކޮކާލެއްގެ ފޮޓޯއެއް: އޭނާގެ ފޮޓޯ އެހެން މީހުންގެ ވެސް ބޭނުން ކުރޭ

"މިމަސައްކަތުގައި އަނެއްހެން އުނދަގޫ އެއްވެސް ކަމެއް ނެތް. ވަގުތު ލިބޭ ވަރަކުން ރަށުގެ 'ސަންސެޓް' ސަރަހައްދަށް ގޮސް ފޮޓޯ ނަގަން. ހިތްހަމަ ޖައްސާލަން ހޮބީއެއްގެ ގޮތުގައި ކުރާ ކަމެއް މީ. އަޅުގަނޑު އެންމެ ދެކެން ބޭނުންވާ ދުވަހަކީ އަމިއްލަ ސްޓޫޑިއޯއެއް ހަދައިގެން ފޮޓޯނެގުމުގެ ޚިދުމަތް ދެވޭނެ ދުވަހެއް،" މީގެ ކުރިން "ހަލި" ނޫހުގައި ފޮޓޯގްރާފަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައިވާ ޝަޒޫގެ އުންމީދެއް ހިއްސާކޮށްލަމުން ބުނެލި އެވެ.

.ޝަޒޫ ރީތިފޮޓޯއެއް ނެގުމަށް މަސައްކަތް ކުރަނީ: ފޮޓޯގްރަފީ ގެ ގިނަކޯސްތަކެއް ހަދައި އެމަސައްކަތް ވަރަށް ރަނގަޅަށް ދަސްކޮށްފައިވޭ

ޝަޒޫގެ ހޮބީ ހަމައެކަނި އޭނާގެ ހިތިމާޒީ ހަނދާނުން ފޮހެލަން އެހީވެދިނީ އެއް ނޫނެވެ. އޭގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ދިރުން ގެނުވި އެވެ. ކުރިން ނުދަންނަ އެތައް ބަޔަކަށް އޭނާ ތައާރަފް ކޮށްދިނެވެ. އަދި ފޯނުން ފޮޓޯ ނެގުމަށް މީހުން ޝައުގުވެރި ވެސް ކުރުވައިފި އެވެ.