އިޒްރޭލް ސިފައިންގެ (އައިޑީއެފް) ތެރޭގައި އިންސާނީ ވަސީލަތްތައް ނުވަތަ ސިފައިން މަދުވުމުގެ މައްސަލައަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ، މުޅި ލަޝްކަރު ރޫޅިގެން ހިނގައިދާނެ ކަމުގެ އިންޒާރު އައިޑީއެފްގެ ޗީފް އޮފް ސްޓާފް ލެފްޓިނެންޓް ޖެނެރަލް އީޔަލް ޒަމީރު ދީފި އެވެ.
ބުދަ ދުވަހު ބޭއްވި ސެކިއުރިޓީ ކެބިނެޓް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޒަމީރު ވަނީ މި ނުރައްކަލާ ގުޅޭގޮތުން '10 ރަތް ސިގްނަލް' ނެރުއްވާފަ އެވެ.
އައިޑީއެފްގެ ސޯސްތަކުން ބުނާ ގޮތުގައި މިހާރު ކުރިއަށްދާ ހަނގުރާމައިގެ ނުރައްކާތެރި މި ދަނޑިވަޅުގައި ސިފައިންގެ އަދަދު މަދުވުމަކީ އިންތިހާއަށް ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. އަމާން ދުވަސްވަރެއްގައި ވެސް ގާޒާ، ލުބުނާން، ސީރިއާ އަދި ހުޅަނގު އައްސޭރީގެ ބޯޑަރުތައް ބެލެހެއްޓުމަށް މިހާރަށް ވުރެ ގިނަ ސިފައިން ބޭނުންވާ ކަމަށާއި، ސަރުކާރުން ސިފައިންގެ އަދަދު އިތުރު ނުކޮށްފިނަމަ ސަލާމަތީ ގޮތުން ބޮޑެތި ބުރޫތަކެއް އަރާނެ ކަމަށް ބުނެ އެވެ.
ސިފައިންގެ އަދަދު މަދުވުމުގެ މައިގަނޑު އެއް ސަބަބަކީ ހަރެދީ (އަލްޓްރާ އޮތޮޑޮކްސް) ޔަހޫދީން ސިފައިންގެއަށް ވެއްދުމާ ގުޅޭ ގާނޫނެއް ނެތުމެވެ.
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޯލިޝަންގައި ހިމެނޭ ހަރެދީ ޕާޓީތައް ރުއްސުމަށްޓަކައި، ހަނގުރާމަ ފެށުމާއެކު އެމީހުން ސިފައިންގެއަށް ވެއްދުމާ ގުޅޭ ބިލުގެ މަސައްކަތް ވަނީ އެއްފަރާތް ކޮށްފަ އެވެ. މިއީ ގައުމީ އެއްބައިވަންތަކަމަށްޓަކައި ނިންމި ނިންމުމެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް، އިދިކޮޅު ފަރާތްތަކުން މިކަމަށް ވަރަށް ބޮޑަށް ފާޑުކިޔަ އެވެ.
އިދިކޮޅު ލީޑަރު ޔައިރު ލަޕިޑް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ ކާރިސާއެއްގެ ޒިންމާ ސަރުކާރުން އުފުލަން ޖެހޭނެ ކަމަށެވެ. އަދި ޔެޝް އަތިދު ޕާޓީގެ މެންބަރުން ވަނީ ސިފައިންގެ އަދަދު އިތުރުކުރާނެ ގޮތްތަކާ މެދު މަޝްވަރާ ކުރުމަށް ފޮރިން އެފެއާޒް އެންޑް ޑިފެންސް ކޮމިޓީގެ ކުއްލި ބައްދަލުވުމަކަށް ގޮވާލާފަ އެވެ.
އެ ޕާޓީން ބުނާ ގޮތުގައި މިއީ ސިޔާސީ މައްސަލައެއް ނޫން ކަމަށާއި، މިއީ ގައުމީ ސަލާމަތާ ގުޅިފައިވާ ނުރައްކާތެރި މައްސަލައެކެވެ.
އިޒްރޭލް ބޭޓެނޫ ޕާޓީގެ ލީޑަރު އަވިގްޑޯ ލީބަމަން ވިދާޅުވީ އޮކްޓޯބަރު 7 ގައި ކުރިމަތިވި ހާދިސާގެ ކުރިން ލިބުނު އިންޒާރުތަކަށް ސަރުކާރުން އިހުމާލުވި ފަދައިން މިހާރު ވެސް އިންޒާރުތަކަށް ބީރު ކަންފަތެއް ދެމުންދާ ކަމަށެވެ. އަދި ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވެސް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި، ހަރެދީ ޕާޓީތަކުގެ ލީޑަރުންގެ މައްޗަށް ބަރޯސާވެފައިވާ ސަރުކާރަކަށް ގައުމުގެ ސަލާމަތް ކަށަވަރު ނުކޮށްދެވޭނެ ކަމަށް ބުނެފަ އެވެ.
މި މައްސަލައިގައި ސިފައިންގެ އިސްވެރިންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ދެކޭ ގޮތުގައި، ރިޒާވް ސިފައިންގެ މައްޗަށް އޮތް ބުރަ ބޮޑުވެ، ސިފައިންގެ އެތެރޭގެ ނިޒާމު ރޫޅެމުންދާ ކަމުގެ ނިޝާންތައް މިހާރު ވެސް ދަނީ ފެންނަމުންނެވެ.
އިދާރާތަކުގެ އިހުމާލުގެ އަޑު ގަދަވެއްޖެ، ވެރިން ކެމްޕޭނުގައި
މޮޓޯއެކްސް ސައިކަލެއް ހޯދަން ރަނުގެ ފުރުސަތެއް!
އީރާނުގެ މުޅި އަސްކަރިއްޔާ ނެތިކޮށްލާނެ ކަމަށް އިޒްރޭލުން ބުނެފި