ހުޅުމާލޭގެ ބޮޑެތި ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭ ގޮތް ހަދައި، ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު، ފިނޭންސް މިނިސްޓްރީން އާންމުކޮށްފި އެވެ.
މި ގަވާއިދަކީ ހުޅުމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތަކުގައި އިމާރާތްކުރުމަށް ހަރުދަނާ އޮނިގަނޑެއް ތައާރަފުކޮށް، ތަރުތީބުވެފައިވާ އާބަން ތަރައްގީއަކަށް މަގުފަހިކުރުމަށް އެކުލަވާލާފައިވާ ގަވާއިދެކެވެ.
ބިމާބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މި ގަވާއިދުގައި ހުޅުމާލޭގެ ރެސިޑެންޝަލް ޕްލޮޓްތަކުގައި އިމާރާތްކުރުމުގެ އިޖުރާއަތްތަކާއި މިންގަނޑުތައް ބަޔާންކޮށްފައިވާއިރު، މި ގަވާއިދު ތަންފީޒުކުރާނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ. މި އާ އުސޫލުގެ ދަށުން، އިމާރާތްތަކުގެ ޑިޒައިން އެޕްރޫވަލް އާއި އިމާރާތްކުރުމުގެ ހުއްދަ ހޯދަންޖެހޭނީ އެޗްޑީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
އިމާރާތްކުރުމުގެ އާ މިންގަނޑުތައް
މި ގަވާއިދުގައިވާ ގޮތުން، 901 އަކަފޫޓަށްވުރެ ބޮޑެތި ގޯތިތައް 30.5 މީޓަރަށް ނުވަތަ 10 ފަންގިފިލާއަށް އިމާރާތްކުރުމުގެ ހުއްދަ ދެވޭނެ އެވެ. މީގެ އިތުރުން، އިމާރާތްތަކުގެ ފަންގިފިލާތައް ބޭނުންކުރާނެ ގޮތާއި، ފްލޯ ސްޕޭސް އިންޑެކްސް (އެފްއެސްއައި) އާއި، އިމާރާތުން ދޫކުރަންޖެހޭ ހުސްޖާގަ (ސެޓްބެކް) އަދި ޕާކިންގްއާ ގުޅޭ ތަފްސީލީ މިންގަނޑުތަކެއް ވަނީ ކަނޑައަޅާފަ އެވެ.
އިމާރާތުގެ އުސްމިނަށް ބަލައި، ވަކި ފަންގިފިލާތަކެއްގައި ދިރިއުޅުމުގެ އިތުރުން ހުއްދަދެވޭ ވިޔަފާރިތައް ހިންގުމުގެ ފުރުސަތު މި ގަވާއިދުން ލިބިދެ އެވެ. ނަމަވެސް، ސިނާއީ މަސައްކަތްތަކާއި، ގުދަންކުރުމާއި، އަދި އާންމުންނަށް އުނދަގޫވާ ފަދަ ގަދަ އަޑު، ވަސް، ދުން ނުވަތަ ހިރަފުސް އުފެދޭ ފަދަ ކަންކަން ކުރުން މި ގަވާއިދުގެ ދަށުން ވަނީ މަނާކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި މިއީ ތަރައްގީގެ މަސައްކަތްތައް ހަރުދަނާ އަދި ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް އެޅުނު ފިޔަވަޅެކެވެ. އަދި ބިންތަކުގެ އިންވަކިކުރާ ފާހަގަތައް ޖެހުމާއި، ބޭނުންވެއްޖެ ހާލަތެއްގައި އަލުން ޖަހައިދިނުމަކީ ރަޖިސްޓްރީކޮށްފައިވާ ބިމުގެ މިންތަކާ އެއްގޮތަށް މަސައްކަތް ކުރިއަށްދާކަން ކަށަވަރުކުރުމަށް އެޗްޑީސީން ކުރަންޖެހޭނެ ކަމެއް ކަމަށްވެސް ގަވާއިދުގައިވެ އެވެ.
މި ގަވާއިދުގައި އިތުރަށް ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި، އުސް އިމާރާތްތަކުގައި ލިފްޓް ހުރުމާއި، ދިރިއުޅޭ ބައިތަކުގެ ސީލިންގް ހުންނަންޖެހޭ އެންމެ ދަށް އުސްމިނާއި، ޓެރަސް އަދި މެޒަނިން ފްލޯތަކުގެ މިންގަނޑުތައް ހިމެނެ އެވެ. މިއީ ޒަމާނީ އާބަން މާހައުލަކަށް ބޭނުންވާ ފެންވަރު ހިފެހެއްޓުމަށް އެކުލަވާލާފައިވާ އުސޫލުތަކެކެވެ.
ސަރުކާރުގެ ޓެކްސީ ކާރުތައް ރާއްޖެ ގެންނަން ފަށައިފި
އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލަން އެއްބަސްވި
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 5 އިންސައްތަ ދަށަށް ހިނގައްޖެ