މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، މިއަދާ ހަމައަށް ވެސް އެ ބަދަލު އަމަލީ ގޮތުން ފެންނަމުން ނުދާ ކަމަށް ބުނެ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މިދިޔަ ހަފުތާގައި އެސްޓީއޯ އިން ވަނީ ވިޔަފާރިތަކަށް ވިއްކާ ތެލާއި ޑީސަލްގެ އަގު ބޮޑުކޮށްފަ އެވެ. ނަމަވެސް، އާންމު ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކާއި މަސްވެރިންނަށް ކުރީގެ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ސަރުކާރާއި މިފްކޯއިން ވަނީ ފަހުން ބުނެފަ އެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިންނަށް ކުރިއެކޭ އެއްގޮތަށް ހެޔޮ އަގުގައި ތެޔޮ ގަންނަން ލިބޭނެ ކަމަށް މީގެ ދެ ދުވަސް ކުރިން ބުނި ނަމަވެސް، މިއަދާ ހަމައަށް ވެސް މާލެ ސަރަހައްދުން މަސްވެރިންނަށް އެ އަގުގައި ތެޔޮ ލިބެމުން ނުދާ ކަމަށެވެ.
"މަސް ދޯނިފަހަރާއި، އާންމު ދަތުރުތަކަށް ކުރީގެ އަގުގައި ތެޔޮ ލިބޭނެ ކަމަށް، މީގެ ދެ ދުވަސް ކުރިން އެސްޓީއޯއިން ބުނި ނަމަވެސް، މިއަދާ ހަމައަށް ވެސް ހެޔޮއަގުގައި މާލެ ސަރަހައްދުން މަސް ދޯނިފަހަރަށް ތެޔޮ ލިބިފައެއް ނުވޭ،" ޔޫނިއަނުން ބުނެފައިވެ އެވެ.
މަސްވެރިކަމުގެ ސިނާއަތް ހުއްޓިދާނެކަމުގެ ބިރު ރާއްޖޭގެ ތާރީހުގައި ވެސް ތެލުގެ އަގު މިހާ ބޮޑުވެފައި ނުވާކަން ފާހަގަކޮށް، އެ ޔޫނިއަނުން ބުނީ ތެލުގެ އަގަށް އައި ބަދަލުގެ ސަބަބުން ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިނާއަތް ކަމަށްވާ މަސްވެރިކަން މުޅިން ހުއްޓިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި ހެޔޮ އަގުގައި ތެޔޮ ނުލިބޭ ނަމަ މަސްވެރިންނަށް މަހަށް ފުރެން ނެތް ކަމަށާއި، މިއީ މަސްވެރި އާއިލާތަކަށް ލިބޭނެ ވަރަށް ބޮޑު ދަތިކަމެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.
މަސްވެރިކަމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްގެން ތިބި އޮޑިވެރިންނާއި، މި މަސައްކަތުން އާމްދަނީ ހޯދާ ގިނަ އަދަދެއްގެ އާއިލާތަކަށް މިކަމުގެ ސަބަބުން ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ލިބޭނެ ކަމަށް ބީކޭއެމްޔޫ އިން ބުނެ އެވެ. އެހެންކަމުން، މިހިނދުން މިހިނދަށް މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެކަމުގެ ޔަގީންކަން ދިނުމަށް ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ކުރިން ވެސް ޑީސަލްގެ އަގު އެކަށީގެންވާ މިންވަރަށް ދަށްނުވުމާއި، އައިސް ލިބުމުގެ ދަތިކަމަކީ މަސްވެރިން އަބަދުވެސް ފާޅުކުރަމުންދާ ކަންބޮޑުވުންތަކެކެވެ.

އީރާނުން ޑީއޭގޯ ގާސިއާއަށް މިސައިލް ހަމަލާތަކެއް ފޮނުވާލައިފި
ދުނިޔޭގެ ތަފާތު ބަސްބަހުން އީދުގެ ތަހުނިޔާ!
ފްލައިޓްގައި ހަމަނުޖެހުން ހިންގި މީހާ ދޫކޮށްލައިފި