އީރާނުން ދިން މިސައިލް ހަމަލާތަކެއް އިޒްރޭލްގެ ހައިފާގައި ހުންނަ ތެޔޮ ސާފުކުރާ ކާރުހާނާއަކަށް އަމާޒުވެފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.

އިޒްރޭލްގެ އެނާޖީ މިނިސްޓަރު އެލީ ކޯހެން ބުނީ ހައިފާގެ ތެޔޮ ސާފުކުރާ ކާރުހާނާއަށް އަމާޒުވި މި ހަމަލާގައި ބޮޑު ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އީރާނުގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ދަނީ ސަރަހައްދުގެ އެކި ތަންތަނަށް ހަމަލާދެމުންނެވެ.

ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި މިނިސްޓަރު ކޯހެން ބުނީ، އޮއިލް ރިފައިނަރީއަށް ދިން ހަމަލާއާ ގުޅިގެން ކަރަންޓުގެ ހިދުމަތަށް ކުޑަ ވަގުތުކޮޅަކަށް ބުރޫއެރި ނަމަވެސް، މިހާރު ގިނަ ކަސްޓަމަރުންނަށް ހިދުމަތް އިއާދަކޮށްދެވިފައިވާ ކަމަށެވެ. އަދި އުތުރުގެ ސަރަހައްދުތަކުގެ ކަރަންޓު ވިއުގައަށް ލިބުނު ގެއްލުމަކީ ކުޑަ ގެއްލުމެއް ކަމަށާއި، އިޒްރޭލުގެ އެހެން މުހިންމު ބިނާތަކަށް ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މިދިޔަ މަހުގެ ފަހުކޮޅު އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، އީރާނުން ދަނީ މެދުއިރުމަތީގެ އެކި ސަރަހައްދުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވަމުންނެވެ. މި ހަފުތާގެ ތެރޭގައި އީރާނުން ވަނީ ގަލްފު ސަރަހައްދުގެ ބައެއް ތެޔޮ އަދި ގޭސް ކާރުހާނާތަކަށް ހަމަލާދީފަ އެވެ. މިއީ މިދިޔަ ބުދަ ދުވަހު އީރާނުގެ ސައުތު ޕާސް ގޭސް ފީލްޑަށް އިޒްރޭލުން ދިން ހަމަލާގެ ބަދަލުހިފުމެއް ކަމަށް ބެލެވެ އެވެ.

އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ބުރާސްފަތި ދުވަހު ވިދާޅުވީ، އީރާނުގެ އިންފްރާސްޓްރަކްޗަރަށް އިތުރު ހަމަލާއެއް ދީފިނަމަ، އެއްވެސް އިސްތިސްނާއެއް ނެތް ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ.

އަލްޖަޒީރާއިން ބުނިގޮތުގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން ވަނީ އިޒްރޭލުގެ ހައިފާ އަދި އަޝްދޫދު ސިޓީއަށް ހަމަލާދިންކަން ކަށަވަރުކޮށްދީފަ އެވެ. އީރާނުން ބުނާ ގޮތުގައި މިއީ ސައުތު ޕާސް ގޭސް ކާރުހާނާއަށް ދިން ހަމަލާގެ ރައްދެވެ. ނަމަވެސް، އަޝްދޫދުގައި ހުންނަ ކާރުހާނާއަށް ހަމަލާ އެރިކަމެއް އަދި ސާފެއް ނުވެ އެވެ.

އީރާނަށް ދޭ ހަމަލާތަކުގެ އިތުރުން، އިޒްރޭލުން ދަނީ މާޗް މަހުގެ ކުރީކޮޅުން ފެށިގެން ލުބުނާނަށް ވަރުގަދަ ވައިގެ އަދި އެއްގަމު ހަމަލާތަކެއް ދެމުންނެވެ. މި ހަމަލާތަކުގައި މިހާތަނަށް 1،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އިޒްރޭލުން ލުބުނާނަށް ހަމަލާދޭން ފެށީ، ފެބްރުއަރީ 28 ވަނަ ދުވަހު އީރާނުގެ ރޫހާނީ ލީޑަރު އާޔަތުުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ހިޒްބުﷲ އިން އިޒްރޭލްގެ އުތުރުގެ ސަރަހައްދުތަކަށް ރޮކެޓް ހަމަލާ ދޭން ފެށުމުންނެވެ. ހިޒްބުﷲ އިން ދަނީ އިޒްރޭލުން ލުބުނާނުގައި ހިންގާ ގަތުލުއާންމުތަކުގެ ބަދަލުގައި މެދުނުކެނޑި މިސައިލް ހަމަލާތައް ފޮނުވަމުންނެވެ.