ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

ރައީސް ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ކޮވިޑް 19 ބަލިމަޑުކަމާއި ގުޅިގެން، ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި ގެއްލުމުން އަރައިގަތުމަށް މަސައްކަތްތެރިން ކުރި ބުރަ މަސައްކަތުގެ ރަނގަޅު ނަތީޖާ ފެންނަން ފަށާފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންނަށް ރައީސް ސޯލިހު ޝުކުރު އަދާ ކުރެއްވި އެވެ.

ކޮންމެ އަހަރެއްގެ ވެސް މޭ މަހުގެ 1 ވަނަ ދުވަހަކީ މަސައްކަތްތެރިންގެ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ މަސައްކަތްތެރިން އަގުވަޒަން ކުރުމަށެވެ.

ރާއްޖޭގައި މިދުވަސް ފާހަގަ ކުރަން ފެށީ 2008 ވަނަ އަހަރު ވަޒީފާއާއި ބެހޭ ގާނުނަށް އަމަލުކުރަން ފަށައި މަސައްކަތްތެރިންނަށް ގިނަ ހައްގުތަކެއް ކަށަވަރު ކޮށްދިނުމަށް ފަހުގަ އެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރެއްވުމަށް ގިނަގުނަ ވައުދުތައް ވެވަޑައިގެންނެވެ. އެގޮތުން ރައީސްގެ އެންމެ ބޮޑު އަދި އެންމެ މުހިއްމު އެއް ރިޔާސީ ވަޢުދަކީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމެވެ. އަދި މިހާތަނަށް އެ ވަޢުދު ފުއްދިފައިނުވާއިރު އިގްތިސާދީ ވަޒީރު ފައްޔާޒު އިސްމާއިލް ވަނީ މި އަހަރު ނިމުމުގެ ކުރިން އެ ވަޢުދު ފުއްދަވާނެ ކަމުގައި މިއަދު ވިދާޅުވެފަ އެވެ.