މަސް މާރުކޭޓާއި ލޯކަލް މާރުކޭޓު އެއްކޮށްލައި، ތާޒާ މަހާއި މޭވާ އާއި ތަރުކާރީ ވިއްކޭ ގޮތަށް "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" ގެ ނަމުގައި އިމާރާތެއް ހެދުމުގެ މަސައްކަތް 126 މިލިއަން ރުފިޔާއަށް ޓްރަސްޓެންގް މޯލްޑިވްސްއާ މިއަދު ހަވާލުކޮށްފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މި އިމާރާތް ތަރައްޤީކުރަނީ ލޯކަލް މާރުކޭޓު މިހާރު ހުރި ބިމުގައި ކަމަށެވެ. ބޭސްމަންޓާއި ޓެރަސް ހިމަނައިގެން ހަ ފަންގިފިލާގެ މި އިމާރާތުގެ ބިމުއަޑީ ބައި ހާއްސަކުރަނީ ޕާކިންއަށެވެ. އެންމެ ތިރީގައި މަސް މާރުކޭޓް، މެދު ތިން ފަންގިފިލާގައި މޭވާ އާއި ތަރުކާރީ އާއި ދިވެހި އުފެއްދުންތައް، އަދި އެންމެ މަތީގައި ފުޑް އައުޓްލެޓްތައް ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އިމާރާތުގެ ބޭރު ފަރުމާކޮށްފައިވަނީ މަހެއްގެ ހުޅުނބުތައް ރަމްޒުކޮށްދޭ ޕެނަލްތައް ބޭނުންކޮށްގެންނެވެ. މި މަޝްރޫއަށް ފަންޑުކުރަނީ ޖަޕާން ސަރުކާރުގެ ހިލޭ އެހީން ކަމަށް ރައީސް މުއިއްޒު ވަނީ މިދިޔަ އަހަރު ވިދާޅުވެފަ އެވެ.
މާރުކޭޓުތައް އެއްކޮށްލުމުގެ ވިސްނުން އެންމެ ފުރަތަމަ ގެންގުޅުއްވީ 2019 ގައި މޭޔަރު ޝިފާ މުހައްމަދެވެ. އެއަށް ފަހު މޭޔަރުކަމާ ހަވާލުވެވަޑައިގެން މުއިއްޒު ވަނީ މި ކޮންސެޕްޓަށް މަސް މާރުކޭޓު ތަރައްގީކުރަން 94 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފަ އެވެ.
ނަމަވެސް މުއިއްޒު ރައީސްކަމާ ހަވާލުވެވަޑައިގަތުމުން މޭޔަރުގެ ގޮނޑި ހުސްވި ދުވަސްވަރު އެ އެއްބަސްވުން އުވާލައި، ކައުންސިލުގެ ލީގަލް ސެކްޝަންގެ ވެރިޔާ އަލީ ނަސީރު ޤާސިމް ވަނީ 146 މިލިއަން ރުފިޔާއަށް އެހެން ބަޔަކާ އެކީ ދެ ވަނަ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މޭޔަރު އާޒިމް ވިދާޅުވެފައިވާ ގޮތުގައި އެ އެއްބަސްވުމުގައި އޮތީ ފައިސާ ނުދީފި ނަމަ 25 އަހަރަށް އިމާރާތާއި ބިން ކޮންޓްރެކްޓަރަށް ލިބޭ ގޮތަށެވެ.
ނަސީރު ޖަވާބުދާރީ ކުރުވަން ކައުންސިލުން މަސައްކަތް ކުރި ނަމަވެސް ޕީއެންސީގެ ކައުންސިލަރުން ވަނީ ކޮންމެ ފަހަރަކު ޖަލްސާގެ ކޯރަމް ގެއްލުވާލާފަ އެވެ. މި މައްސަލަ އޭސީސީއަށް ވެސް ވަނީ ހުށަހަޅާފަ އެވެ.

މޯލްޑިވް ގޭސް އިން ކޮންޓްރޯލްކޮށްގެން ގޭސް ވިއްކަން ފަށައިފި
އީރާނުން ތެލް އަވީވް ހުސްކުރަން 24 ގަޑިއިރުގެ މުހުލަތެއް ދީފި