އަސްކަރީ ހަތިޔާރުތަކުގެ އަދަދާއި ވައްތަރުތަކަށް ބަލާއިރު އެމެރިކާ އީރާނަށް ވުރެ ބާރު ގަދަވެ، ހަނގުރާމައެއްގައި ކުރި ހޯދިދާނެ ކަމަށް ހީކުރެވިދާނެ އެވެ. އެހެން ނަމަވެސް ހަނގުރާމައިގައި ބާރުގަދަ ގައުމު ވެސް ބަލިވެފައިވާކަން ތާރީޚް ހެކިދެ އެވެ. އިސްތިއުމާރީ ދުވަސްވަރު ވެސް މިކަން ވަރަށް ރަނގަޅަށް ފެންނާން އެބަ އޮތެވެ. ބާރުގަދަ ގައުމުތަކާ ދެކޮޅަށް ބާރު ދެރަ ގައުމުތަކުން ބޭނުންކުރަނީ "ގެރިއްލާ" އުކުޅުތަކާއި "އެސައިމެޓްރިކަލް ވޯފެއާ" އެވެ.

ގެރިއްލާ ހަނގުރާމާގައި ބާރު ދެރަ ގައުމުން އާންމުކޮށް ބޭނުންކުރާ އުކުޅުތަކުގެ ތެރޭގައި ކުއްލިއަކަށް ހަމަލާ ދިނުމާއި، ދުޝްމަނުން ވަގަށް ނެގުމާއި، ތަފާތު ދަންތުރަތަކުގައި ޖެއްސުން ފަދަ އުކުޅުތައް ހިމެނެ އެވެ. އެސައިމެޓްރިކަލް ވޯފެއާއަކީ ހަތިޔާރާއި ކެރި ފޯރުންތެރިކަމުގެ ގޮތުން ބާރު ދެރަ ގައުމުން ބާރުގަދަ ގައުމާ ދެކޮޅަށް ބޭނުންކުރާ އެކި ކަހަލަ އުކުޅުތަކާއި ދޭ ހަމަލާތަކެވެ. އެސައިމެޓްރިކަލް ވޯފެއާގައި ވެސް ގެރިއްލާ އުކުޅުތަކާއި، ޓެރަރިސްޓް ހަމަލާތަކާއި، އާންމު ތަންތަނަށް ހަމަލާ ދިނުމާއި، އިގްތިސާދީ ގޮތުން މުހިންމު ތަންތަނަށް ހަމަލާދިނުމާއި، ހަތިޔާރާއި ކާބޯތަކެތި ފޯރުކޮށްދޭ ތަންތަނަށް ހަމަލާ ދިނުމާއި، މި ޒަމާނުގައި އާންމުކޮށް ދޭ ހަމަލާތަކުގައި ތަފާތު ޑްރޯންތައް ބޭނުން ކުރުން ހިމެނެ އެވެ. ދުނިޔޭގެ ތާރީޚްގައި ހިނގާފައިވާ ބައެއް ހަނގުރާމަތަކަށް ބަލާލަމާ ހިނގާށެވެ.

އިންޑޯ- ޗައިނާ ހަނގުރާމައިގެ ތެރެއަށް 1946 ވަނަ އަހަރު ފަރަންސޭސިން ވަދެގަތީ އެ ހަނގުރާމަ ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީން ކަމާއެކުގަ އެވެ. އެހެން ނަމަވެސް މި ހަނގުރާމައިގައި ވިއެޓްނާމުން ފަރަންސޭސިންނާ ދެކޮޅަށް ހަނގުރާމަކޮށް ކާމިޔާބު ހޯދި އެވެ. އަލްޖީރިއާ މިނިވަން ވުމަށް 1954 އިން 1962 އަށް ކުރި ހަނގުރާމައިގެ ތެރެއަށް ވެސް ފަރަންސޭސިން ވަދެގަތެވެ. އެހެން ނަމަވެސް އަލްޖީރިއާގެ ހަނގުރާމަވެރިންގެ ގެރިއްލާ އުކުޅުތަކާއި ހަމަލާތަކުގެ ކުރިމަތީގައި ފަރަންސޭސިން ބަލިވީ އެވެ.

ޔޫއޭއީގެ ޖަބަލް އަލީ ޕޯޓަށް އީރާނުން ފޮނުވާލި ޑްރޯންއަކުން ގެއްލުން ލިބި ދުން އަރަނީ. ފޮޓޯ: އޭއެފްޕީ

ވިއެޓްނާމް ހަނގުރާމައިގައި ވިއެޓްނާމް ގެރިއްލާއިން އެމެރިކާ މައްޗަށް ހޯދި ކާމިޔާބަކީ ދުނިޔޭގެ ތާރީޚްގައި ވަރަށް ފާހަގަކޮށްލެވޭ ހަނގުރާމައެކެވެ. އެމެރިކާއިން ހައްދެއް ނެތް މިންވަރަށް ވިއެޓްނާމަށް ބޮން އެޅި އެވެ. އެހެން ނަމަވެސް ވިއެޓްނާމް ހަނގުރާމަވެރިން ކުރި އާދަޔާ ޚިލާފު ގެރިއްލާ ހަނގުރާމައިގެ ފިލާވަޅުތައް އަސްކަރީ ފޮތްތަކާއި އަސްކަރީ ޔުނިވާސިޓީތަކުގައި ކިޔަވައިދޭ އެއްޗަކަށް ވެސް ވަނީ ވެފަ އެވެ. އެމެރިކާއިން އަފްޣާނިސްތާނަށް 2001 އަރައިގަނެގެން ވެސް ކުރިމަތިވީ ގެއްލުން ބޮޑު ހަނގުރާމަ އަކާ އެވެ. އަދި އޭގެ އެތައް އަހަރެއް ކުރިން ރޫސީވިލާތަށް އަފްޣާނިސްތާނުގައި ކުރިމަތިވި ނާކާމިޔާބީ އަކީ ވެސް ފާހަގަކޮށްލަންޖެހޭ ވަރުގެ ބޮޑު ބަލިވުމެކެވެ.

މިއަދު ޔޫކްރެއިން އިން ވަނީ އެސައިމެޓްރިކަލް ވޯފެއާ ގެ "އިންގިލާބެއް" ނުވަތަ އެކަން އާ ހަރުފަތަކަށް ގެންގޮސްފަ އެވެ. ދުނިޔޭގެ ބޮޑު ނިއުކްލިއާ ބާރެއް ކަމަށްވާ ރަޝިއާ އާ ހަނގުރާމަކޮށް ރަޝިއާ ހުއްޓުވާފައި އޮންނަތާ ހަތަރު އަހަރު ވެއްޖެ އެވެ. ޔޫކްރެއިނުން ރަޝިއާ އާ ދެކޮޅަށް ބޭނުން ކުރަނީ އަގުހެޔޮ ޑްރޯންތަކާއި މިސައިލްތަކެވެ. ރަޝިއާގެ އަސްކަރީ ތަންތަނާއި، ތެޔޮ ރައްކާކުރާ ތަންތަނަށާއި، މުހިންމު ބްރިޖް ފަދަ ތަންތަނަށް ހަމަލަ ދެނީ ޑްރޯން ފަދަ ތަކެތިންނާއި ސިއްރިޔާތުގައި ގޮވާތަކެތި ހަރުކޮށްގެން އެ ތަންތަން ގޮއްވާލައިގެންނެވެ. ނަތީޖާއަކީ ރަޝިއާގެ ބާރުގަދަ މިސައިލްތަކާއި ޖެޓްތަކުން ދޭ ހަމަލާތަކުން ކުރިއެރުންތަކެއް ނުލިބި ރަޝިއާގެ އަސްކަރިއްޔާ އަށާއި އިގްތިސާދަށް ފޫ ނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބެމުން ދިއުމެވެ.

ގަތަރުގެ ދޯހާގައި އެމެރިކާގެ ބޭސްއަށް އިރާނުން ފޮނުވާލި ހަމަލާއެއްގައި ދުންއަރަނީ.

އީރާނުން ވެސް ގެންގުޅެނީ ޔޫކްރެއިނުން ރަޝިއާ އާއި ދެކޮޅަށް ބޭނުންކުރާ ކަހަލަ އުކުޅުތަކެވެ. ޔޫކްރެއިނުގައި ވެސް ގާބިލް ވައިގެ ބާރެއް ނެތެވެ. އީރާނުގައި ވެސް ދުޝްމަނުންނާ ދެކޮޅަށް ބޮން އަޅާ ހަމަލާ ދިނުމަށް ވައިގެ (ހަނގުރާމަ މަތީ ބޯޓުތައް ހިމެނޭ ގޮތުން) ބާރެއް ނެތެވެ. އެހެން ނަމަވެސް އީރާނަކީ ޔޫކްރެއިނަށް ވުރެ އެތައް ގުނައެއް ބާރުގަދަ އަދި ތަފާތު ހަތިޔާރުތައް އުފައްދާ ބޮޑު ބާރެކެވެ. އީރާނުން ފޮނުވާލާ އަގު ހެޔޮ، އެހެން ނަމަވެސް ނުރައްކާތެރި ޑްރޯންއެއް ހިފަން އެމެރިކާ އާއި އިޒްރޭލާއި އަރަބި ގައުމުތަކުން ފޮނުވާލަން މަޖުބޫރުވާ އެންމެ މިސައިލެއްގެ އަގު އީރާންގެ ޑްރޯންއެއްގެ އަގަށް ވުރެ އެތައް ގުނަ ބޮޑެވެ. ޑްރޯން ފެކްޓަރީއަކުން މަހަކު އެތައް ސަތޭކަ ޑްރޯން އެއް އުފެއްދާއިރު، ޑްރޯން އަދި މިސައިލާ ދެކޮޅަށް ބޭނުންކުރާ މިސައިލެއް އުފައްދަން ގާތްގަނޑަކަށް 50 ދުވަސް ހޭދަވެ އެވެ.

ފާއިތުވެ ދިޔަ އަހަރު އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގައި އެމެރިކާއިން މިސައިލާއި ދެކޮޅަށް ބޭނުންކުރާ މިސައިލްތަކުގެ ސްޓްކޮގް 20 ޕަސެންޓް ހުސްވި އެވެ. މިހާރު މި ހަނގުރާމައިގައި މިފަދަ މިސައިލްތައް ހުސްވުމުގެ ބިރުވެރިކަން ބޮޑުވެފައިވާއިރު، މެދުއިރުމަތީގައި މިސައިލުން ދިފާއުވުމަށް އެމެރިކާއި އިން ގާއިމްކޮށްފައިވާ ގިނަ ރާޑަރުތަކާއި އިޒްރޭލުގައި ގާއިމްކޮށްފައިވާ މިފަދަ ނިޒާމްތައް ވެސް ވަނީ ހަލާކުކޮށްލާފަ އެވެ.

ބަހުރެއިންގެ ބެޕްކޯގެ ރިފައިނަރީއަށް އީރާނުން ހަމަލާ ދިނުމުން އެތަނުގެ މަސައްކަތް ވަނީ ހުއްޓުމަކަށް އައިސްފައި --- ފޮޓޯ: ރޮއިޓާސް

އީރާނުގެ ހަމަލާތައް ވަރުގަދަވެ، މިސައިލާއި ޑްރޯންތައް އަމާޒަށް ވާސިލްވާތީވެ އީރާނާ ކައިރިއަށް ގެންގޮސް ތިބި އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރުތައް ވަނީ މިހާރު ވަރަށް ދުރަށް ގެންގޮސްފަ އެވެ. މިސައިލުން ދިފާއުވާ ނިޒާމްތަކަށް ލިބުނު ގެއްލުންތަކުގެ ބޮޑު ކަމުން ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި ހުރި އެމެރިކާގެ މި ފަދަ ބައެއް ނިޒާމްތައް މިހާރު ވަނީ މެދުއިރުމައްޗަށް ގެންގޮސްފަ އެވެ. މި ގޮތުން ދެކުނު ކޮރެއާގައި ހުރި ސިސްޓަމެއް ވެސް މިހާރު ވަނީ ގެންގޮސްފަ އެވެ.

އީރާނަކީ ހަނގުރާމަ މަތީ ޖެޓުތަކެއް ގިނަ އަދަދަކަށް ނެތަސް، ދުޝްމަނުންނަށް ހަމަލާ ދިނުމުގައި ވެސް ވަރަށް ގާބިލް ގައުމެކެވެ. މިގޮތުން އީރާނަކީ ސެޓެލައިޓާއި ތަފާތު މުއާސަލާތީ ވަސީލަތްތަކާއި ރާޑަރުތަކާއި ސިގްނަލިން ބޭނުންކޮށްގެން ދުޝްމަނުން ތިބޭ ތަންތަން ދަނެގަނެ ސީދާ އެފަދަ ތަންތަނަށް ހަމަލާ ދިނުމުގެ ފުރިހަމަ ގާބިލްކަން ލިބިގައިވާ ގައުމެކެވެ. އެމެރިކާގައި ނެތް ވަރުގެ މިސައިލް އީރާނުގައި އެބަހުއްޓެވެ. މި ނިޒާމުތަކާއި ޓެކްނޮލޮޖީގެ އެހީގައި މިޒަމާނުގެ މިސައިލް ޑިފެންސް ސިސްޓަމްތަކުން ފޮނުވާލާ މިސައިލުން ނުހިފޭ ވަރުގެ މިސައިލްތައް އީރާނުގައި އެބަހުއްޓެވެ. ޚައިބަރު މިސައިލާއި ފައްތާހް ފަދަ މިސައިލްތަކެވެ.

އީރާނުގެ އިތުރުން، ހިޒްބުﷲ ޖަމާއަތާއި މެދުއިރުމަތީގެ އެހެން ޖަމާއަތްތައް މިހާރު ވަނީ އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ފަށާފަ އެވެ. މީގެ އިތުރުން މި ހިނގާ ހަނގުރާމައިގައި އެންމެ ފާހަގަކޮށްލެވެނީ އީރާނާއި ހިޒްބުﷲ ޖަމާއަތާ ގުޅިގެން އެއް ވަގުތެއްގައި ދޭ ހަމަލާތަކެވެ. މިކަމުން ދޭހަކޮށްދެނީ ހަނގުރާމަވެރި ޖަމާއަތްތައް ވެސް ކުރިއަރާފައިވާ މިންވަރާއި ޓެކްނޮލޮޖީއާއި މުއާސަލާތީ ނިޒާމްތަކުގެ އެހީގައި އީރާނާއި ހިޒްބުﷲ ޖަމާއަތުން ކުރި ހޯދާފައިވާ މިންވަރެވެ.

އަސްކަރީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މި ޒަމާނުގެ ހަނގުރާމައިގައި އެންމެ މުހިންމު ކަންތައްތަކުގެ ތެރޭގައި ދުޝްމަނުން ތިބޭތަން ދަނެގަތުމާއި ދުޝްމަނުންގެ އުޅަނދުތަކުގެ ހަރަކާތްތައް ދަނެގަތުން ވަރަށް މުހިންމެވެ. އީރާނާއި ހިޒްބުﷲ ޖަމާއަތުން ވެސް މިކަމުގައި ކުރިއަރާފައިވާ މިންވަރު ފެނި އަސްކަރީ މުހައްލިލުން ވަނީ ހައިރާންވެފަ އެވެ. އީރާނުން މިހާރު ކުރާ ހަނގުރާމައިގައި ވިއެޓްނާމް ގެރިއްލާއިން އެމެރިކާ ސިފައިންނާ ދެކޮޅަށް ބޭނުންކުރި ކަހަލަ އުކުޅުތައް ބޭނުންކުރާ ކަމަށް އަސްކަރީ ތަޖުރިބާކާރުން ވިދާޅުވެ އެވެ. މި ގޮތުން ތެޔޮ ވަޅުތަކަށާއި އިގްތިސާދީ ގޮތުން މުހިންމު ތަންތަނަށް ދޭ ހަމަލާތަކުގެ ނަތީޖާއަކީ ގަލްފްގެ ގައުމުތަކާއި އެމެރިކާގެ ރައްޔިތުން އަދި މުޅި ދުނިޔޭގެ ކުރިމަތީގައި އެމެރިކާ ފަލީހަތްވެ، ލަދުގަންނަން ޖެހި ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބި ހަނގުރާމަ ހުއްޓާލަން މަޖުބޫރުވުމެވެ.

ޔޫއޭއީގެ ޖަބަލް އަލީ ޕޯޓަށް އީރާނުން ފޮނުވާލި ޑްރޯންއަކުން ގެއްލުން ލިބި ދުން އަރަނީ. ފޮޓޯ: އޭއެފްޕީ

މި ހަނގުރާމައިގައި އީރާނުން ދެމުން ގެންދާ ރައްދު ހަމަލާތަކުގައި މެދުއިރުމަތީގައިވާ އެމެރިކާގެ 17 އަސްކަރީ މަރުކަޒަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފަ އެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ގަތަރުގެ އުންމު ދަހާލްގައި ހުންނަ އެމެރިކާގެ ރާޑަރު ސިސްޓަމަށް ލިބިފައިވާ ގެއްލުމެވެ. އީރާނުން ދިން ހަމަލާގައި މި އަސްކަރީ ރާޑަރު ވަނީ ގޮއްވާލައިފަ އެވެ. މިއީ 3،000 މޭލު ދުރުން އަންނަ މަތިންދާބޯޓާއި މިސައިލް ފަދަ ތަކެތި ދަނެގަނެވޭ ނިޒާމެކެވެ. މި ރާޑަރު ސިސްޓަމްގެ އަގަކީ 1.1 ބިލިއަން ޑޮލަރެވެ.

ބަހްރެއިންގައި ހުންނަ އެމެރިކާގެ ފިފްތް ފްލީޓްގެ މައި މަރުކަޒަށް އީރާނުން ދިން ވަރުގަދަ ހަމަލާތަކެއްގައި އެތަން ވަނީ ހަލާކުކޮށްލާފަ އެވެ. މިތަނަށް ލިބުނު ގެއްލުން 200 މިލިއަން ޑޮލަރަށް އަރަ އެވެ. ކުވައިތުގެ އަލީ އަލް ސާލިމް ވައިގެ މަރުކަޒަށް ދިން ހަމަލާތަކުގައި އެތަނުގެ އެތައް އިމާރާތްތަކާއި މަތިންދާ ބޯޓުތަކަށާއި ރަންވޭ އަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.

ކުވައިތުގެ ކޭމްޕް އަރިފްޖާނަށް އީރާނުން ދިން ހަމަލާތުގައި ސެޓެލައިޓާއި މުއާމަލާތު ކުރާ ހަ ބިލްޑިންގެއް ވަނީ ގޮއްވާލާފަ އެވެ. މިކަމުގެ ސަބަބުން އެމެރިކާގެ ސެންޓްރަލް ކޮމާންޑް ނެޓްވާކްތަކަށް ވަނީ އަސަރުކޮށްފަ އެވެ. މީގެ އިތުރުން ކޭމްޕް ބުހަރިންއަށް ވެސް މިސައިލް ހަމަލާތަކެއް އަރާ ވަރަށް ބޮޑަށް ގެއްލުން ވެފައިވެ އެވެ. ކުވައިތުގެ ޝުއައިބާ ޕޯޓަށް ދިން ހަމަލާތަކުގައި އެމެރިކާ ސިފައިންގެ ހަތް މީހުން ވަނީ މަރުވެފަ އެވެ.

ބަހްރެއިންގައި ހުންނަ އެމެރިކާގެ ފިފްތް ފްލީޓްގެ މައި މަރުކަޒަށް ދިން ހަމަލާތަކުގައި ރެޑޯމްތަކާއި (ރާޑަރުތަކާއި މުއާސަލާތީ ސާމާނާއި ތަކެތި ރައްކާތެރި ކުރުމަށް ބޭނުންކުރާ އެއްޗެހި)، ވެއާ ހައުސްތަކާއި ޓެލެކޮމިއުނިކޭޝަން ޓާމިނަލްތައް ވަނީ ހަލާކުވެފަ އެވެ.

ޔުނައިޓެޑް އެރަބި އެމިރޭޓްސްގެ (ޔޫއޭއީ) އަލް ދަފްރާ އެއާ ބޭސް އަށް ދިން ހަމަލާތަކުގައި ސެޓެލައިޓް ސިސްޓަމްތަކާއި ރާޑަރުތަކާއި އެހެނިހެން ތަކެތި ވަނީ ހަލާކުވެފަ އެވެ. މީގެ އިތުރުން ޔޫއޭއީގައި ހުންނަ ޖަބަލް އަލީ ޕޯޓުގައި ހުންނަ އެމެރިކާގެ ސްޓްރެޓިކް ހަބަށް ދިން ހަމަލާތަކުގައި އެތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު ކޮމާންޑް ސެންޓަރު ކަމަށްވާ ގަތަރުގެ އަލް އުދައިދް އެއާބޭސް އަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ. މިތަނަކީ ބެލެސްޓިކް މިސައިލް އަންނަކަން ދަނެގަންނަ އޭއެން/ އެފްޕީއެސް-132 ރާޑަރު ސިސްޓަމްތައް ގާއިމްކޮށްފައި ހުރި ތަނެކެވެ.

އީރާނުން އުރުދުން އަށް ދިން ހަމަލާތަކުގައި އެ ގައުމުގައި ހުންނަ 300 މިލިއަން ޑޮލަރުގެ ރާޑަރު ސިސްޓަމް (އޭއެން/ޓީޕީވައި-2) ވަނީ ހަލާކުކޮށްލާފަ އެވެ. މިއީ ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިއާ ޑިފެންސް (ތާޑް) ސިސްޓަމެކެވެ.

މީގެ އިތުރުން ސައުދީ އަރަބިއާގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭހެއް ކަމަށްވާ ޕްރިންސް ސުލްތާން އެއާ ބޭހަށް ދިން ހަމަލާތަކުގައި ރާޑަރު ސިސްޓަމަށް ބޭނުންކުރާ ތާޑް ބެޓެރީއެއް ވަނީ ހަލާކުވެފަ އެވެ.

މި ގެއްލުންތަކުގެ އިތުރުން އިޒްރޭލުގެ އެއާޕޯޓްތަކާއި އަސްކަރީ މަރުކަޒުތަކާއި އިންޓެލިޖެންސް ހެޑްކުއާޓަރުތަކާއި ނަތަންޔާހޫގެ ބަންކަރާއި ތެޔޮ ރައްކާ ކުރާ ތަންތަނަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ. އަދި ފާހަގަކޮށްލެވެނީ މިސައިލުން ދިފާއުވުމަށް އިޒްރޭލުގައި ގާއިމްކޮށްފައި ހުރި ވަރަށް ގިނަ ނިޒާމްތައް އީރާނުން ހަލާކުކޮށްލާފައިވާ ކަމެކެވެ. ހަނގުރާމަ ފެށުނުއިރު، އިޒްރޭލާ ދިމާލަށް މިސައިލެއް ނުވަތަ ޑްރޯންއެއް އަންނަ ނަމަ، އެ ހަމަލާއެއް އަންނަ ސަރަހައްދެއްގައި ތިބޭ ރައްޔިތުންނަށް އެކަން އެންގުމަށް 12 މިނެޓް ކުރިން އެލާމް އަޅަ އެވެ. އެހެން ނަމަވެސް ބައެއް ހިސާބުތަކަށް މިހާރު މި އެލާމް ލިބެނީ ހަމަލާއެއް އަރަން އެންމެ މިނެޓަކަށް ވެފައި ވަނިކޮށްނެވެ. ބައެއް ސަރަހައްދުތަކަށް އެލާމް ނުލިބި، އިވެނީ މިސައިލް އަރާ އަޑެވެ.

ހޮރްމުޒް ކަނޑުއޮޅި ފެންނަ ޗާޓެއް. މިއީ ދުނިޔޭގެ އެންމެ ނާޒުކު އަދި އެންމެ މުހިންމު ކަނޑުގެ ވިޔަފާރި މަގުތަކުގެ ތެރޭގައި ހިމެނޭ ތަނެއް

މި ހަނގުރާމައިގައި އެމެރިކާއާއި އިޒްރޭލުން ހަތަރު އަހަރު ވަންދެން އިރާނަށް ބޮން އެޅިއަސް ލިބޭނީ ކޮން ކާމިޔާބެއް ތޯ އެވެ؟ ފާއިތުވެ ދިޔަ 13 ދުވަހުގެ ތެރޭގައި އެމެރިކާއާއި އިޒްރޭލަށް ލިބުނު ގެއްލުން ވަރަށް ބޮޑެވެ. މި ހަނގުރާމައިގައި އީރާނަށް ލިބޭނެ ގެއްލުން އިންތިހާއަށް ބޮޑެވެ. އެހެން ނަމަވެސް އެމެރިކާ އާއި އިޒްރޭލާއި ގަލްފްގެ ގައުމުތަކަށް ވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ އެވެ. އީރާނަށް އެއްގަމުގެ މަގުން އަރާ ފުލް ކޮންޓްރޯލް ނުހޯދޭހާ ހިނދަކު އީރާނުގެ ބިމުއަޑީގައި ހަތިޔާރު އުފައްދާ ކާރުޚާނާތަކުން އުފައްދާ ހަތިޔާރުތަކުގެ ސަބަބުން އެމެރިކާއާއި އިޒްރޭލާއި ގަލްފް ގައުމުތަކަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބެމުންދާނެ އެވެ.

އީރާނުގެ މައްޗަށް ހަގީގީ ކާމިޔާބެއް ހޯދެން އޮތީ އެއްގަމު މަގުން އަރާ އެ ގައުމު ހިފައިގެންނެވެ. އެހެން ނަމަވެސް ބިޔަ އީރާން ހިފުމަކީ ވާނެ ކަމެއް ނޫނެވެ. އީރާނަކީ އަފްޣާނިސްތާން ކަހަލަ ފަރުބަދަމަތީ ގައުމަކަށްވުމުގެ އިތުރަށް ވަރުގަދަ ލަޝްކަރުތަކެއް ތިބި އަދި ބާރުގަދަ ހަތިޔާރު އުފައްދާ ގައުމެކެވެ. އީރާނުގެ މައްޗަށް ކުރި ހޯދޭނެ ދެން އޮތީ އެންމެ ގޮތެކެވެ. އެއީ އީރާނުގެ ވެރިކަން ބަދަލުކުރުމެވެ. ހަނގުރާމައިގެ ދުވަސްވަރު މިއީ ކުރަން އުނދަގޫ ކަމެކެވެ. އެހެން ނަމަވެސް މިކަން ކުރުމަށް އީރާނުގެ ބޯޑަރު ތެރެއަށް ތަފާތު ހަނގުރާމަވެރި ޖަމާއަތްތައް ވައްދައި އީރާން ބޮޑު ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލައި ވެރިކަން ބަލިކަށިކޮށް ވެރިކަން ފުރޮޅާލުމުގެ ކެހިވެރި ވިސްނުން އެމެރިކާ އާއި އިޒްރޭލުން އެބަ ގެންގުޅެ އެވެ.

ހަނގުރާމަކޮށްގެން އީރާން ބަލިކޮށްލެވޭކަށް ނެތެވެ. ޔޫކްރެއިނުން ރަޝިއާ ހިފަހައްޓާލި ގޮތަށް އީރާނުން އެމެރިކާއާއި އިޒްރޭލް ވެސް ހިފަހައްޓާލާނެ ކަން ދުނިޔެއަށް މި ވަނީ ހާމަވެފަ އެވެ. އަދި މި ހަނގުރާމަ ދިގުދެމިގެން ގޮސްފިނަމަ މުޅި މެދުއިރުމަތި އަނދާނެ އެވެ. މުއްސަނދި ދިރިއުޅުމުގައި ޣާފިލްވެފައި ތިބި ގަލްފްގެ ގައުމުތައް މި މަންޒަރު ދެކެން ބޭނުން ނުވާނެ އެވެ.