އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް 11 ދުވަސްވީއިރު އީރާނުގެ ރައްދު ހަމަލާތައް އިތުރަށް ވަރުގަދަކޮށް، އިޒްރޭލުގެ އެތަށް ތަނަކަށް ވަނީ ހަމަލާތައް ދީފަ އެވެ. މިއާއެކު ތެހެރާނަށް ރެޔަކީ އާދަޔާ ހިލާފަށް ގިނަ ހަމަލާތަކެއް ދިން ރެޔެކެވެ.

އިރާނުގެ އިސްލާމިކް ރިވޮލިއުޝަން ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނިގޮތުގައި، އެންމެ ފަހުން ދިން ހަމަލާތަކަކީ ތިން ގަޑިއިރަށްވުރެ ގިނަ ވަގުތަށް ދެމިގެންދިޔަ، ވަރުގަދަ މިސައިލް ހަމަލާތަކެކެވެ. މި ހަމަލާތަކުގައި އެންމެ ބަރު ބާވަތުގެ މިސައިލްތައް ހިމެނޭހެން، އެކި ފަންތީގެ މިސައިލްތައް ބޭނުންކޮށްފައިވެ އެވެ.

މި މަރުހަލާގައި ހަމަލާ އަމާޒުކުރެވުނު ތަންތަނުގެ ތެރޭގައި އިރާގުގެ ކުރުދިސްތާނުގައިވާ އީރްބިލް، ބަހްރެއިންގައި އޮންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސްވަނަ ފްލީޓް، އަދި ތެލް އަވީވްގެ މެދުތެރޭގައިވާ ބޭރު ޔައުގޫބްގެ އަސްކަރީ މަރުކަޒުތައް ހިމެނޭ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.

މީގެ އިތުރުން، ތެލް އަވީވް ދެކުނުގައިވާ ސެޓެލައިޓް މުއާސަލާތީ މަރުކަޒަކަށް ދެވަނަ ފަހަރަށް ހަމަލާދީފައިވާ ކަމަށާއި، ހައިފާ ބަނދަރަށް ވެސް ހަމަލާ އަމާޒުކުރި ކަމަށް ބަޔާނުގައިވެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވީ ހަނގުރާމަ ވަރަށް އަވަހަށް" ނިމިދާނެ ކަމަށެވެ. ނަމަވެސް މި ހަފުތާ ތެރޭ ނިމޭނެ ކަމަށް ނުބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވާ ގޮތުގައި އެމެރިކާއިން 5،000 އަށް ވުރެ ގިނަ ތަނަށް ހަމަލާ ދީފައިވާ ކަމަށާއި، އީރާނުގެ ކަނޑުގެ ލަޝްކަރާއި ވައިގެ ލަޝްކަރު ނައްތާލެވިފައިވާ ކަމަށާއި، މިސައިލް ލޯންޗަރުތަކުގެ 80 އާއި 90 ޕަސެންޓް ހަލާކުކޮށްލެވިފައިވާ ކަމަށެވެ. އީރާނުގެ އާ ސްޕްރީމް ލީޑަރު މޮޖްތަބާ ޚާމަނާއީއާ މެދު "ހިތްހަމަނުޖެހޭ" ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ އަންގާރަ ދުވަހު ވިދާޅުވީ ބޭނުންވާހާ ދުވަހެއް ވަންދެން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.

އީރާނުގެ ހާލަތު

އީރާނުގެ ހުޅަނގުގެ ސިޓީ އަރާކުގެ ރެސިޑެންޝަލް އިމާރާތަކަށް ދިން ހަމަލާއެއްގައި ފަސް މީހުން މަރުވެ، ތެހެރާނުގެ އިރުމަތީ ބިތުގެ ރެސިޑެންޝަލް އިމާރާތްތަކަށް ދިން ހަމަލާގައި މަދުވެގެން 40 މީހުން މަރުވެފައިވާ ކަމަށް އީރާނުގެ ހަބަރު ފެތުރުމުގެ ވަސީލަތްތަކުން ރިޕޯޓުކުރެއެވެ.

އީރާނުން ބުނާ ގޮތުގައި މި ހަނގުރާމައިގައި މިހާތަނަށް 1،255 އަށް ވުރެ ގިނަ މީހުން މަރުވެ، ގާތްގަނޑަކަށް 10،000 މީހުން ޒަހަމްވެފައިވެއެވެ. އީރާނުގެ ޕާލަމެންޓުގެ ރައީސް މުހައްމަދު ބާޤިރު ޣާލިބާފް ވަނީ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ދޭ ހަމަލާތަކަށް "ހަރުކަށި ރައްދެއް" ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

އާ ލީޑަރު މޮޖްތަބާ ޚާމަނާއީއަށް ތާއީދު ދެއްކުމަށް އެތައް ލައްކަ ބަޔަކު ތެހެރާނުގެ މަގުތަކަށް އެއްވެފައިވެ އެވެ.

ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް އަދިވެސް ދަނީ ހަމަލާދެމުން

ގަލްފުގެ ގައުމުތަކަށް ވެސް މި ހަނގުރާމައިގައި އަދިވެސް ދަނީ ހަމަލާތައް އަމާޒުވަމުންނެވެ. ކުވެއިތު، ޔޫއޭއީ، ސައޫދީ އަރަބިއްޔާ އަދި ބަހުރައިނުން އީރާނުގެ މިސައިލާއި ޑްރޯން ހުއްޓުވާފައިވާ ކަމަށް އެ ޤައުމުތަކުން ބުނެ އެވެ. ބަހުރައިނުގެ ވެރިރަށް މަނާމާގެ ރެސިޑެންޝަލް އިމާރާތަކަށް ހަމަލާ އެރައި 29 އަހަރުގެ އަންހެނަކު މަރުވެ، އަށް މީހުން ޒަހަމްވެފައިވެ އެވެ. ތުރުކީގެ ވައިގެ ސަރަހައްދުގައި ނޭޓޯގެ ވައިގެ ދިފާއީ ނިޒާމުން އީރާނުން ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލީ ފުރަތަމަ ފަހަރަށް ކަމަށް ތުރުކީން ބުންޏެވެ.

އިޒްރޭލުން ވަނީ ލުބުނާނުގެ ދެކުނުގެ ރައްޔިތުންނަށް ގެދޮރު ދޫކޮށް ދިއުމަށް އަނެއްކާ ވެސް އަންގާފަ އެވެ. ލުބުނާނުގައި އިޒްރޭލުގެ ހަމަލާތަކުގައި 486 އަށް ވުރެ ގިނަ މީހުން މަރުވެ، ގާތްގަނޑަކަށް 700،000 މީހުން ގެދޮރު ގެއްލިފައިވެ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބޮޑު ލޮޅުމެއް

މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތައް އަރާފައިވެ އެވެ. އީރާނުގެ ތެޔޮ ފެސިލިޓީތަކަށް ދޭ ހަމަލާތަކާ ގުޅިގެން ތެލާއި ގޭހުގެ އަގު އުފުލި، ޖީ7 ގެ މާލީ ވަޒީރުން ވަނީ ބާޒާރު ހަމައަކަށް އެޅުވުމަށް ހަކަތައިގެ ރިޒާވް ދޫކުރަން ތައްޔާރަށް ތިބި ކަމަށް އިއުލާނުކޮށްފަ އެވެ. ގަލްފުގެ ޤައުމުތަކުން ތެލާއި ގޭހުގެ އުފެއްދުން ވަގުތީ ގޮތުން ހުއްޓާލަން ޖެހިފައިވެ އެވެ. ފަރަންސޭސިވިލާތުގެ ރައީސް އެމެނުއެލް މެކްރޮން ވިދާޅުވީ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް މިޝަނެއް ތައްޔާރުކުރަމުންދާ ކަމަށެވެ.