ކުޑަކުދިން ތަކަކަށް ޖިންސީ ގޯނާ ކުރި، ޖެފްރީ އެޕްސްޓައިންއާ ގާތް ގުޅުމެއް އޮތް އިނގިރޭސިވިލާތުގެ ކުރީގެ ސަފީރު އަދި ލޭބާ ޕާޓީގެ ނުފޫޒުގަދަ ސިޔާސީ ސަހުސިއްޔަތެއް ކަމަށްވާ ޕީޓާ މަންޑެލްސަން ހައްޔަރުކޮށްފި އެވެ.
އޭނާ ހައްޔަރު ކުރީ އެ މައްސަލައާއި ގުޅިގެން ހިންގާ ތަހުގީގެއްގެ ތެރެއިންނެވެ.
މިދިޔަ ހޯމަ ދުވަހު ލަންޑަނުގައި ހުންނަ އޭނާގެ ގޭގެއިން މެންޑެލްސަން ހައްޔަރުކޮށްފައި ވަނީ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގަ އެވެ.
އިނގިރޭސިވިލާތުގެ މެޓްރޯޕޮލިޓަން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އުމުރުން 72 އަހަރުގެ މީހަކު ހައްޔަރުކޮށް ސުވާލުކުރުމަށްޓަކައި ފުލުހުންގެ އިދާރާއަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުންގެ އުސޫލުތައް ހުންނަ ގޮތުން ހައްޔަރުކުރި މީހާގެ ނަން ހާމަނުކުރި ނަމަވެސް، އެއީ މެންޑެލްސަންކަން ވަނީ ކަށަވަރުވެފަ އެވެ.
އިނގިރޭސިވިލާތުގެ "ދަ ޓައިމްސް" ނޫހުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މެންޑެލްސަން ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން ގެންދިޔައީ އާދައިގެ ހެދުމެއްގައި ތިބި އޮފިސަރުންތަކެކެވެ.
މެންޑެލްސަންގެ މައްސަލަ ހޫނުވެފައި ވަނީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މިދިޔަ މަހު އާންމުކުރި އީމެއިލްތަކަކާ ގުޅިގެންނެވެ. އެ އީމެއިލްތަކުން ހާމަވިގޮތުގައި، ކުރިން ހީކުރެވުނު ވަރަށް ވުރެ ގާތް ގުޅުމެއް މެންޑެލްސަންއާއި އެޕްސްޓައިންއާ ދެމެދު އޮތެވެ. އަދި ކުރީގެ ބޮޑުވަޒީރު ގޯޑަން ބްރައުންގެ ސަރުކާރުގެ މިނިސްޓަރަކަށް މެންޑެލްސަން ހުރިއިރު، އޭނާ ވަނީ އެޕްސްޓައިންއާ މުހިންމު މައުލޫމާތުތަކެއް ހިއްސާކޮށްފަ އެވެ.
މި މައްސަލައިގެ ތެރެއިން، މި މަހުގެ ކުރީކޮޅު މެންޑެލްސަން ވަނީ ބޮޑުވަޒީރު ކިއާ ސްޓާމާގެ ލޭބާ ޕާޓީން ވަކިވެ، މަޖިލީހުގެ މެންބަރުކަމުން ވެސް އިސްތިޢުފާ ދީފަ އެވެ. އަދި އެމެރިކާގައި ހުންނަ އިނގިރޭސި ސަފީރުގެ މަގާމުން ވެސް އޭނާ ވަނީ މިދިޔަ އަހަރު ވަކިކޮށްފަ އެވެ.
މެންޑެލްސަން މީގެ ކުރިން ބުނެފައިވަނީ، އެޕްސްޓައިންއާ އެކު އޮތް ގުޅުމާ މެދު އޭނާ ހިތާމަކުރާ ކަމަށެވެ.

އެމްޑީޕީން އަނެއްކާ ވެސް ބޮޑު އެއްވުމެއް މާޗު 21 ގައި
އައްޑޫގައި ޑެންގީ ފެތުރޭތީ ސަމާލުވާން އެދިއްޖެ
ހަފްތާއެއް ތެރޭގައި މާލެ ސަރަހައްދުގައި 41 އެކްސިޑެންޓް