ފަލަކީ ހިސާބު ދައްކާގޮތުން މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ގިނަ ބަޔަކު ހަނދާ ގުޅޭގޮތުން ރައީސް މައުމޫންގެ ބަހެއް ލިބޭނެކަމުގެ އިންތިޒާރުގައި ތިއްބާ، މިއަދު މެންދުރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ ފަަލަކީ ހިސާބުތައް ދައްކާގޮތުން މާދަމާ (ބުދަ) ދުވަހަކީ 1447ގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ. މިއާއެކު، ރައީސް މައުމޫން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މުސްލިމުންނަށް ރަމަޟާން މަހުގެ މަރުހަބާ ފޮނުއްވާފައި އެވެ.

ރާއްޖޭގައި ފަލަކީ އިލުމް ހާސިލް ކުރައްވައިގެން ތިއްބެވި މަދު ބޭފުޅުންގެ ތެރެއިން ރައީސް މައުމޫން އަކީ އެކަމަށް ވަރަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށް ގިނަ ދިވެހިން ގަބޫލުކުރެ އެވެ. އެހެންކަމުން އަބަދުވެސް ރޯދައަށް އަދި އީދަށް ހަނދުބެލުމުގައި ގިނަ ބަޔަކު ރައީސް މައުމޫންގެ ބަސްފުޅަކަށް އިންތިޒާރު ކުރެ އެވެ.

ރަސްމީކޮށް ހަނދުބެލުމުގެ ރަސްމިއްޔާތު މިރޭ އިސްލާމިކް މިނިޓްރީން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. ރޯދައާ ގުޅޭގޮތުން ގޮތް ނިންމާނީ ހަނދުބެލުމުގެ ރަސްމިއްޔާތައްފަހު އެ މަޖިލީހުން ނިންމާގޮތް އިއުލާން ކުރުމާއެކު އެވެ.