ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ޖަލުގައި ހުންނަވަނިކޮށް އަވަހާރަކޮށްލާފައި ވަނީ ގަސްތުގައި ވިހައެއް ދީގެން ކަމަށް ތުހުމަތު ކޮށްފި އެވެ.

އިނގިރޭސިވިލާތާއި، ފްރާންސް އަދި ޖަރުމަނު ހިމެނޭހެން ވިލާތުގެ ފަސް ގައުމަކުން ރަޝިޔާގެ މައްޗަށް ތުހުމަތުކުރާ ގޮތުގައި ނަވަލްނީ އަވަހާރަ ކޮށްލީ ވިހަހެއް ދީގެންނެވެ.

އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން ސްވިޑަން، ފްރާންސް، ނެދަލޭންޑްސް އަދި ޖަރުމަނާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރަޝިޔާގެ ރައީސް ވްލަޑީމިއާ ޕޫޓިންއާ ދެކޮޅަށް ނަވަލްނީ ކުރައްވަމުން ގެންދެވި މަސައްކަތްތަކަށް ބިރުން، ރަޝިޔާގެ ދައުލަތުން އޭނާ ނައްތާލުމަށް ނުރައްކާތެރި ޒަހަރެއް ބޭނުންކޮށްފައިވާކަން އެނގޭ ކަމަށެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތުން ވަނީ މި މައްސަލަ ދުނިޔޭގެ ކެމިކަލް ހަތިޔާރު މަނާކުރާ ޖަމިއްޔާ (ވޯލްޑް ކެމިކަލް ވެޕަންސް ވޮޗްޑޮގް) އަށް ރިޕޯޓްކޮށްފައިވާކަން ވެސް ހާމަކޮށްފަ އެވެ. ނަވަލްނީއަކީ ޕޫޓިންގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި އެއް ސިޔާސީ ޝަހުސިއްޔަތެވެ.

ރަޝިޔާގެ އިދިކޮޅު ލީޑަރު އަލެކްސީ ނަވަލްނީ ޖަލުގައި އަވަހާރަވީ އިކުއެޑޯގެ 'ޑާޓް ފްރޮގް' ނުވަތަ ވިހަ ބޮއްގެ ހަމުން ފެންނަ ނުރައްކާތެރި ވިހައެއް ދީގެން ކަމަށް އިނގިރޭސިވިލާތާއި އެ ގައުމުގެ ބައިވެރިން ހާމަކުރެ އެވެ.

މި ލާއިންސާނީ އަމަލަކީ ކެމިކަލް ހަތިޔާރެއްގެ ގޮތުގައި ބެލެވޭ ނިއުރޯޓޮކްސިންއެއް ބޭނުންކޮށްގެން ހިންގާފައިވާ އަމަލެއް ކަމަށާއި، މިއީ ހަމައެކަނި ޕޫޓިންގެ ސަރުކާރަށް ކުރެވޭނެ ކަމެއް ކަމަށް އެ ގައުމުތަކުން ވަނީ ބުނެފަ އެވެ.

މި ވިހައަށް ކިޔަނީ 'އެޕިބަޓިޑިން' އެވެ. މިއީ މޯފިންއަށްވުރެ 200 ގުނަ ބާރުގަދަ ވިހައެއް ކަމަށްވާއިރު، މީގެ ސަބަބުން މީހާގެ ހަށިގަނޑު ވާގިނެތި، ނޭވާލާން އުނދަގޫވެ، ނުހަނު ވޭނުގައި މަރުވާ ކަމަށް ޖަރުމަނުގެ ފޮރިން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. ދެކުނު އެމެރިކާގެ ގަދީމީ ގަބީލާތަކުން މި ވިހަ ބޭނުންކުރަނީ ޝިކާރަކުރުމަށް ބޭނުންކުރާ ދުނިދަނޑިތަކުގެ ކުރީގައި އުނގުޅުމަށެވެ.

ނަވަލްނީގެ ހުވަފަތް އަނބިކަނބަލުން ޔޫލިއާ ނަވަލްނާޔާ، މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ ތެރެއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މިއީ ހަމައެކަނި ދައްކާ ވާހަކައެއް ނޫން ކަމަށާއި މިއީ ސައިންޓިފިކް ހެކި ކަމަށެވެ. މި ތަހުގީގު ހިންގާފައިވަނީ އިނގިރޭސިވިލާތް، ޖަރުމަނު، ސްވިޑަން، ނެދަލޭންޑްސް އަދި ފްރާންސް ގުޅިގެންނެވެ.

އިނގިރޭސިވިލާތުގެ ޕޯޓަން ޑައުންގެ ސައިންސްވެރިން ވަނީ މި ވިހަ ދެނެގަތުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން މީގެ ކުރިން ބުނެފައިވަނީ ނަވަލްނީ އަވަހާރަވީ ބަލިހާލަތު ހުރިގޮތުން، ހިތުގެ މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް އިނގިރޭސި ފޮރިން ސެކްރެޓަރީ އިވެޓް ކޫޕާ ވިދާޅުވީ، ނަވަލްނީގެ ހަށިގަނޑުން މި ނުރައްކާތެރި ވިހަ ފެނިފައިވާކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ. އަދި މިފަދަ ވިހައެއް ބޭނުންކުރުމުގެ ގާބިލުކަމާއި ބޭނުން އޮތީ ހަމައެކަނި ރަޝިޔާ ސަރުކާރަށް ކަމަށް އޭނާ ތަކުރާރުކުރެއްވި އެވެ.

މި ހޯދުންތައް ބައިނަލްއަގުވާމީ ކެމިކަލް ހަތިޔާރު މަނާކުރާ ޖަމިއްޔާ އަށް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ. ނަވަލްނީ އަވަހާރަވީ މީގެ ގާތްގަނޑަކަށް ދެ އަހަރު ކުރިން ސައިބީރިއާގެ ޖަލެއްގައި ހުންނަވަނިކޮށެވެ. އޭނާ ފަސްދާނުލާފައިވަނީ 2024 ވަނަ އަހަރުގެ މާޗް މަހު މޮސްކޯގަ އެވެ.