ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ވާޖިދުގެ ވެރިކަން މިދިޔަ އަހަރު ނިމުމަކަށް އައުމަށްފަހު، ގައުމަށް ހަމަޖެހުމާއި ތަރައްގީ ގެނައުމުގެ އުންމީދުގައި އެ ގައުމުގެ ރައްޔިތުން މިއަދު އާންމު އިންތިޚާބުގައި ވޯޓުލާން ފަށައިފި އެވެ.
މިއީ 2024 ވަނަ އަހަރު ޒުވާނުން އިސްވެ އޮވެ ހިންގި ވަރުގަދަ އިހުތިޖާޖުތަކަކަށްފަހު ބާއްވާ ފުރަތަމަ އިންތިޚާބެވެ.
މިއަދު ހެނދުނު 7:30 ގައި ވޯޓުލުން ފެށުނުއިރު، ވެރިރަށް ޑާކާ އާއި އެހެނިހެން ސަރަހައްދުތަކުގައި ވޯޓުލާ މަރުކަޒުތައް ކައިރީގައި ވަނީ ދިގު ކިއޫތަކެއް ހަދާފަ އެވެ. ގިނަ ބަޔަކު މި އިންތިޚާބު ސިފަކުރަނީ އީދެއް ފަދަ އުފާވެރި މުނާސަބަތެއްގެ ގޮތުގަ އެވެ.
ވޯޓުލުން ފަށާފައި ވަނީ އެ ގައުމުގެ ގަޑިން ހެނދުނު 7:30 ގަ އެވެ. މުޅި ގައުމުގައި ގާއިމުކޮށްފައިވާ 42,000 އަށް ވުރެ ގިނަ ވޯޓުލާ މަރުކަޒުތަކުގައި ކުރިއަށްދާ މި ވޯޓުލުން ހަވީރު 4:30 އާ ހަމައަށް ކުރިއަށްދާނެ އެވެ.
ވޯޓުލާން ގޮސް ތިބި ގިނަ ބަޔަކު ބުނި ގޮތުގައި، 17 އަހަރަށްފަހު މިނިވަންކަމާއެކު ވޯޓުލުމުގެ ފުރުސަތު ލިބުނި މިއީ ފުރަތަމަ ފަހަރެވެ.
މި އިންތިޚާބުގައި މައިގަނޑު ގޮތެއްގައި ވާދަކުރަނީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އާއި ޖަމާއަތުލް އިސްލާމީ އިސްވެ އޮންނަ ދެ ކޯލިޝަނެކެވެ. އިންތިޚާބުގެ ކުރިން ނެގި ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ކުރިލިބޭނީ ތާރިގު ރަހުމާން އިސްވެ ހުންނަވާ ބީއެންޕީ އަށެވެ.
ޝައިޚް ހަސީނާގެ އަވާމީ ލީގު މި އިންތިޚާބުގައި ބައިވެރިވުން މަނާކޮށްފައިވާއިރު، އޭނާ އަދިވެސް ހުންނެވީ އިންޑިއާގައި ހިމާޔަތް ހޯއްދަވައިގެންނެވެ.
އިންތިޚާބުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާއިރު، ފުލުހުން ދަނީ ބިރެއް ނެތި ވޯޓުލުމަށް ރައްޔިތުންނަށް ހިތްވަރު ދެމުންނެވެ. ވަގުތީ ސަރުކާރުގެ އިސްވެރިޔާ މުހައްމަދު ޔޫނުސް ވޯޓުލެއްވުމަށްފަހު ވިދާޅުވީ، މިއަދަކީ އާ ބަންގްލަދޭޝްއެއް ބިނާކުރުމަށް ލިބުނު ފުރުސަތެއް ކަމަށާއި، މިއީ ބިރުވެރި ހުވަފެނެއްގެ ނިމުން ކަމަށެވެ.
މި އިންތިޚާބުގައި 300 ދާއިރާއަކަށް 2,000 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރެ އެވެ. މީގެ ތެރޭގައި ރެކޯޑު އަދަދަކަށް، އެއީ 50 އަށްވުރެ ގިނަ ސިޔާސީ ޕާޓީ ހިމެނެ އެވެ. އެނަލިސްޓުން ބުނާ ގޮތުގައި 175 މިލިއަން މީހުންގެ އާބާދީއެއް އޮތް ބަންގްލަދޭޝްގެ އިގްތިސާދު ކޮޅަށް ޖެހުމަށާއި، ހާއްސަކޮށް ގާމެންޓް ސިނާއަތް ކުރިއެރުވުމަށްޓަކައި މި އިންތިޚާބުން ސާފު އަޣުލަބިއްޔަތެއް ލިބޭ ސަރުކާރެއް އައުން ވަރަށް މުހިންމެވެ.
ބަންގްލަދޭޝްގެ ގާނޫނު އަސާސީ ބުނާގޮތުން ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ލިބޭނީ މަދުވެގެން 151 ގޮނޑި ކާމިޔާބުކުރާ ޕާޓީއަކަށެވެ. ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ވޯޓުލުން ނިމުމާއެކު އެ މަރުކަޒެއްގައި ވޯޓު ގުނުމުގެ މަސައްކަތް ވަގުތުން ފެށޭނެ އެވެ.
އިންވެސްޓަރުންނަށް ރާއްޖެއަށް އޮތް އިތުބާރު ބޮޑުވެއްޖެ: ރައީސް
ލޭބާ ކުއާޓާ ހަދާފައި ހުރި ފްލެޓެއް ހުސްކުރަން އަންގައިފި
ކެއުމުގައި ލޮނު ބޭނުން ކުރެވޭ މިންވަރަށް ސަމާލު ވާންޖެހޭ!