ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ދެ މެޗުގެ މެދުކެނޑުމަކަށްފަހު އަލުން އެނބުރި ޓީމާ ގުޅިއްޖެކަން އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކޮށްފި އެވެ.

ރޮނާލްޑޯ ވަނީ އޭނާ ފަރިތަކުރުންތަކަށް ނުކުމެ ހުރި ފޮޓޯއަކާއެކު މޮޅުވުމުގެ ރަމްޒެއްގެ ގޮތުން 'ވިކްޓްރީ ހޭންޑް' އިމޯޖީއެއް ހިއްސާކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯ ދެން އެންމެ އަވަހަށް ފެންނާނީ އަންނަ ހޮނިހިރު ދުވަހު އަލް ފަތެހްއާ ދެކޮޅަށް ކުޅޭ މެޗުންނެވެ. ނަމަވެސް، ބުދަ ދުވަހު ތުރުކުމެނިސްތާނުގައި ކުޅޭ އޭޝިއަން ޗެމްޕިއަންސް ލީގު 2 ގެ މެޗަށް އޭނާ ދަތުރު ނުކުރާނެ ކަމަށް ބެލެވެ އެވެ.

ރޮނާލްޑޯ ޓީމުން ދުރުގައި ހުރީ ކްލަބުގެ މެނޭޖްމަންޓާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ސަބަބުންނެވެ. އޭނާ ތިންވަނަ މެޗަކަށް ނުކުުތުމަށް އިންކާރުކުރިނަމަ، ސައުދީ ލީގުން އޭނާއަށް އަދަބު ދިނުމުގެ ފުރުސަތު އޮތެވެ.

ކްލަބުގެ މުވައްޒަފުންގެ ހައްގުގައި ކުރި އިހުތިޖާޖުމައުލޫމާތު ލިބޭގޮތުގައި ރޮނާލްޑޯގެ މި 'ސްޓްރައިކް' ގެ މައިގަނޑު ސަބަބަކީ ކްލަބުގެ މުވައްޒަފުންނަށް ނުދީ ހުރި މުސާރަތައް ހޯދައިދިނުމެވެ. ރޮނާލްޑޯގެ މި ނިންމުމާއެކު، ކްލަބުން މިހާރު ވަނީ މުވައްޒަފުންނަށް ދޭންޖެހޭ ފައިސާ ދައްކާފައެވެ.

ސައުދީ ސޮވެރިން ވެލްތު ފަންޑު (ޕީއައިއެފް) އާ ދެމެދު އުފެދުނު މި މައްސަލަތައް ހައްލު ކުރުމަށް ކްލަބުގެ މެނޭޖްމަންޓުން ވަނީ ރޮނާލްޑޯއަށް ވައުދުތަކެއް ވެފަ އެވެ.

އިދާރީ ބޮޑެތި ބަދަލުތަކެއް މި ހަމަނުޖެހުންތަކާ ގުޅިގެން އަލް ނަސްރުގެ އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަނީ އަންނަމުންނެވެ. އެގޮތުން ކްލަބުގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އަލް ސުކައިތު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

މީގެ އިތުރުން، ކްލަބުގެ ސީއީއޯ ހޯސޭ ސެމެޑޯ އަދި ސްޕޯޓިން ޑިރެކްޓަރު ސިމާއޯ ކުޓީނިއޯއަށް ކުރިން އޮތް އިދާރީ އަދި މާލީ ބާރުތައް އަލުން އިއާދަކުރުމަށް ވަނީ ނިންމާފަ އެވެ.

ކްލަބުގެ ހަމަޖެހުން ގާއިމުކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، ބޯޑުގެ ރައީސް އަބްދުﷲ އަލް މަޖިދު މަގާމުން ވަކިކުރުން ހިމެނޭ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. އެއީ އޭނާ ދެއްވި އިންޓަވިއުއެއްގައި ކްލަބުގެ ކޯޗިން ސްޓާފުންނާއި ސީއީއޯގެ މަސައްކަތާ ބެހޭގޮތުން ދެއްކެވި ވާހަކަތަކެއްގެ ސަބަބުން ޓީމުގެ ތެރޭގައި ނުތަނަވަސްކަން އުފެދުމާ ގުޅިގެންނެވެ.