އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމަލުތަކާ ގުޅިގެން، 2026 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ބޮއިކޮޓް ކުރުމާ މެދު ވިސްނަންޖެހޭ ވަގުތު ޖެހިއްޖެ ކަމަށް ޖަރުމަނު ފުޓްބޯޅަ އެސޯސިއޭޝަން (ޑީއެފްބީ) ގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ މި މުބާރާތުގެ 104 މެޗުގެ ތެރެއިން 78 މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގަ އެވެ.
ޑީއެފްބީގެ ވައިސް ޕްރެޒިޑެންޓް އޯކޭ ގޮޓްލިޗް ހެމްބާގާ މޯގަންޕޯސްޓް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ބޮއިކޮޓް ކުރުމާ މެދު އަމަލީ ގޮތުން ވާހަކަ ދައްކަންވީ ވަގުތަކީ ކޮބައިތޯ އޭނާ ސުވާލު އުފައްދާ ކަމަށާއި، އޭނާ ގަބޫލުކުރާ ގޮތުގައި އެ ވަގުތު މިހާރު އަތުވެއްޖެ ކަމަށެވެ.
ގޮޓްލިޗް މިހެން ވިދާޅުވީ ޑެންމާކުގެ ބާރުގެ ދަށުގައި އޮންނަ ގްރީންލޭންޑް ހޯދުމަށް ޓްރަމްޕް މަސައްކަތް ކުރެއްވުމާއި، އެކަމާ ދެކޮޅު ހެދި ޖަރުމަނު ހިމެނޭހެން ޔޫރަޕްގެ އަށް ގައުމަކަށް ޓެރިފް އިތުރުކުރާނެ ކަމުގެ އިންޒާރު ދެއްވުމާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގަ އެވެ.
ބުންޑެސްލީގާގެ ކްލަބް ސެއިންޓް ޕައުލީގެ ރައީސްކަން ވެސް ކުރައްވާ ގޮޓްލިޗް ވަނީ 1980 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސް ބޮއިކޮޓް ކުރި ހާދިސާއަށް ރިއާޔަތް ކުރައްވާފައެވެ. އޭނާ ވިދާޅުވީ އޭރު އޮތް ނުރައްކަލަށް ވުރެ މިހާރު އޮތް ނުރައްކާ ބޮޑު ކަމަށް ގަބޫލުކުރެވޭ ކަމަށާއި، އެހެންކަމުން މި މަޝްވަރާތައް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.
ނަމަވެސް ފްރާންސް ސަރުކާރުން ބުނެފައިވަނީ މިވަގުތު ބޮއިކޮޓް ކުރުމަށް ތާއީދު ނުކުރާ ކަމަށެވެ. އަދި ޑެންމާކުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ މިހާރު އޮތް ނާޒުކު ހާލަތަށް ސަމާލުވެ ތިބި ކަމަށެވެ.
ޖަރުމަނަކީ މީގެ ކުރިން ވެސް ފީފާގެ ނިންމުންތަކާ ދެކޮޅަށް އަޑުއުފުލާފައިވާ ގައުމެކެވެ. އެގޮތުން 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި 'ވަން ލަވް' އާމްބޭންޑް އެޅުން ފީފާއިން މަނާކުރުމުން، ޖަރުމަނު ކުޅުންތެރިން ވަނީ މެޗެއްގެ ކުރިން ނެގި ފޮޓޯގައި އަނގަމަތީގައި އަތްއަޅައިގެން ތިބެ އިހުތިޖާޖުކޮށްފައެވެ.
"އަހަރެމެންގެ އާމްބޭންޑް މަނާކުރުމަކީ އަހަރެމެންގެ އަޑު ކަނޑުވާލުން ފަދަ ކަމެއް،" ޑީއެފްބީން އޭރު ބުނެފައިވެއެވެ.
ގޮޓްލިޗް އިތުރަށް ވިދާޅުވީ، ގަތަރު ވޯލްޑް ކަޕަކީ މާ ބޮޑަށް ސިޔާސީ ކަމެއްގެ ގޮތުގައި އޭރު އެންމެން ދެކުނު ނަމަވެސް، މިހާރު މި އޮތް ހާލަތު ގޯސްކަމަށާއި އެހެންވެ މި ދަނޑިވަޅުގައި ސިޔާސީ ވާހަކައެއް ނުދައްކާ ތިބުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އޭނާ ވަނީ ޑޮނަލްޑް ޓްރަމްޕާއި، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަދި ޑީއެފްބީގެ ރައީސް ބާންޑް ނިއުއެންޑޯފްގެ ފަރާތުން މިކަމުގައި ސާފު ޖަވާބެއް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.
ބަރުދަން ލުއިކުރަން މުޅިން ތަފާތު އާދަޔާ ޚިލާފު އުކުޅެއް!
ދިރާގު ރިލޯޑް ކޮށްގެން ކޮންމެ ދުވަހަކު 1 ޓީބީ ޑޭޓާ
2022ގެ ވޯލްޑް ކަޕްގައި ދެއްކި ޖުވާގެ އިސްތިހާރުތަކުގެ ނުފޫޒު ބޮޑު