ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ހަރުއަޑުން ވާހަކަދައްކައި ހިޔާލުފާޅުކޮށް އެފަދަ މައްސަލަތަކާ ގުޅޭގޮތުން ލިޔުންތައް ލިޔަމުން އައި "އަދަދު" ނޫހުގެ ނޫސްވެރިޔާ އަހްމަދު އާއިދަށް އެމްއޭސީއެލް އިން ވަޒީފާ ހަމަޖައްސައި އޭނާގެ "އަނގަ ބަންދުކޮށް" އަޑު ކަނޑުވާލައިފި އެވެ.

"ހުރިހާ"އަށް އެނގިފައިވާގޮތުގައި އާއިދު މިހާރު ވަނީ ނޫސްވެރިކަމުގެ ވަޒީފާއިން ވަކިވުމަށް އަދަދު ނޫހަށް ނޯޓިސް ދީފަ އެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި އޭނާ އެމްއޭސީއެލްގެ މީޑިއާ ޑިޕާޓްމަންޓްގެ ވަޒީފާއަށް ނުކުންނާނެކަން ވަނީ އެނގިފަ އެވެ.

އެނގިފައިވާގޮތުގައި އާއިދަށް ވަޒީފާ ހަމަޖެއްސީ މާލީގޮތުން އޭނާ ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ދަނޑިވަޅެއްކަން ޕީއެންސީއަށް އެނގިގެން އޭގެ ފައިދާ ނަގައިގެންނެވެ. ރައީސް މުހައްމަދު މުއިއްޒުގެ ލަފާގެމަތިން އޭނާއަށް އެ ވަޒީފާ ހަމަޖައްސަން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވަނީ ކަމާބެހޭ ޑިޕާޓްމަންޓަށް އަންގަވާފަ އެވެ.

އާއިދަށް ވަޒީފާ ހަމަޖެއްސި ސަބަބަކީ އޭނާ އަކީ މި ސަރުކާރުން ހިންގާ ގާނޫނާ ހިލާފު ކަންތައްތަކާ ދެކޮޅަށް މީޑިއާ އާއި ސޯޝަލް މީޑިއާގައި ވަކާލާތު ކުރާ މީހަކަށްވުމުން އެކަން ހުއްޓުވުމުގެ ގޮތުން ކަމަށް މައުލޫމާތު އެނގޭ މީހަކު "ހުރިހާ"އަށް ކިޔައިދިނެވެ.