ވައި ނުސާފުވުމުގެ އަސަރު އެންމެ ބޮޑަށް ކުރަނީ މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ކަމަށާއި ކުރިއަށް އޮތް ދެ ދުވަހު ވައި ނުސާފުވުން ބޮޑުވާނެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

ހާއްސަކޮށް މެދު ރާއްޖެ ތެރޭގައި ވައި ނުސާފުވުމުގެ އަސަރު ބޮޑަށް ކުރަމުންދާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާގެ ރެކޯޑުތަކުން ދައްކާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެޗްޕީއޭއިން ބުނީ ކުރިއަށް އޮތް ދެ ދުވަހު ވެސް ވައިނުސާފުވުމުގެ އަސަރު ރާއްޖޭގެ ސަރަހައްދުގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

ވައިގެ ސާފުކަން ހުރި މިންވަރު ދައްކައިދޭ "އައިކިއު އެއާ" ގެ މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގެ އެންމެ އުތުރުން ކުޅުދުއްފުށި ހިމެނޭ ސަރަހައްދާއި މެދުރާއްޖެތެރޭގެ އިތުރުން ދެކުނުން ފުވައްމުލަކުގައި ދުންފުހުގެ ސަބަބުން ވައި ވަނީ ވަރަށް ބޮޑަށް ނުސާފުވެފަ އެވެ. އެ ސަރަހައްދުތަކުގެ ވައިގެ ކޮލިޓީ ރަތް ސަމާލުގައި ހުރިއިރު އެހެން ސަރަހައްދުތަކުގައި ވެސް އެކި މިންވަރަށް ވައި ވަނީ ނުސާފުވެފަ އެވެ.

ވައި ނުސާފުވުމުގެ ސަބަބުން ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ބޮޑުވާނެތީ ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލުމަށް ވަނީ އެދިފަ އެވެ. އަދި ބޭރަށް ނުކުންނަ ވަގުތުތަކުގައި މާސްކު އެޅުމަށާއި ބޭރުގެ ނުސާފު ވައި ނުވަންނާނެ ހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި އެއާ ޕިއުރިފަޔާ ބޭނުންކުރުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ.