"އަދަދު" ނޫހުގެ ސިޔާސީ ކާޓުން ސެގްމަންޓު ހުއްޓާލަން މީޑިއާތައް ކޮންޓްރޯލް ކުރަން މި ސަރުކާރުން އުފެއްދި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އިން އިންޒާރު ދީފި އެވެ.
ކޮންޓްރޯލް ކޮމިޝަނުން އެގޮތަށް އިންޒާރު ދިނީ "އަދަދު" ނޫހުން މިއަދު ހެނދުނު ފޭސްބުކް އަދި "އެކްސް" ގައި ޝާއިއުކުރި ކޮންޓެންޓަކާ ގުޅިގެންނެވެ.
އެ ކޮމިޝަނުން "އަދަދު" ނޫހުގެ އެޑިޓަރު ހުސައިން ފިޔާޒު މޫސާއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ "އަދަދު" ނޫހުގެ އެ ސެގްމަންޓުގައި އިސްލާމްދީނުގެ އެންމެ މަތިވެރިވެގެންވާ އަޅުކަން ކަމަށްވާ ނަމާދުގެ ރުކުނެއް ކަމަށްވާ ސަޖިދަ، މަކަރާއި ހީލަތް ގުޅުވޭހެން ދޭހަވާ ގޮތަށް ޝާއިއުކޮށްފައިވާ ކޮންޓެންޓަކީ އިސްލާމްދީނުގެ އަސާސްތަކަށް ފުށޫއަރާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
"މި މައްސަލަ ބަލައި ނިމެންދެން އެ ސެގްމަންޓުގައި ހިމެނޭ ޕޯސްޓު ނަގައި، ސެގްމަންޓުގެ ހިދުމަތް ވަގުތީ ގޮތުން މިހާރުން މިހާރަށް މެދުކަނޑާލުމަށް 'އަދަދު' ނޫހަށް ދަންނަވަމެވެ،" ކޮންޓްރޯލް ކޮމިޝަންގެ ސިޓީގައި ބުނެފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން ބަންދު ދުވަސްތައް ހިމެނޭހެން ފަސް ދުވަހުގެ ތެރޭގައި އެ ކޮމިޝަނަށް ޖަވާބުދާރީވުމަށް ވެސް ވަނީ އަންގާފަ އެވެ.
ކޮންޓްރޯލް ކޮމިޝަންގެ އިންޒާރާ ގުޅިގެން "އަދަދު" ނޫޙުން ނެރުނު ބަޔާނެއްގައި ބުނީ އެ ނޫހުން މިއަދު ޝާއިއުކުރި ކާޓޫނުގައި ދައްކަނީ މިސްކިތުގައި ނަމާދަށް ހުރި މީހަކު އިމާމު މީހާގެ ޖީބުން ފައިސާ ވަގަށް ނަގާ މަންޒަރު ކަމަށެވެ.
"މި ރާއްޖޭގައި ވައްކަން ކުރުން އާންމުވެފައިވާ މިންވަރަށް ބަލާއިރު، މިސްކިތުން ވެސް ވައްކަން ކުރުމަކީ ދިވެހި މުޖުތަމައުގައި ހިނގަމުންދާ ކަމެއްކަން، އާދަވެ މިސްކިތަށް ވަޑައިގަންނަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ކޮމިޝަންގެ ސިޓީގައި ހަވާލާދޭ މާއްދާތަކުގައި ބަޔާންކުރަނީ 'އިސްލާމްދީނުގެ އަސްލަކާ ހިލާފު' ނުވަތަ އިސްލާމްދީން ފިޔަވައި އެހެން ދީނެއް ކުރިއެރުވުމަށް ހިތްވަރުދޭ ފަދަ ކޮންޓެންޓު ޝާއިއުކޮށްގެން ނުވާނެ ވާހަކަ ކަމަށެވެ. ނަމަވެސް ގާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ)ގައި "އިސްލާމްދީނުގެ އަސްލު" ކަމުގައި ބުނެފައިވަނީ ގުރުއާނާއި ރަސޫލާގެ ސުންނަތުގައިވާ ކަންކަމުގެ ތެރެއިން އެކަމެއްގެ ސައްހަކަމާ މެދު ހިލާފު އުފެދިފައިނުވާ، ޝަރުއީ އުސޫލުތަކާއި މި ދެ އަސްލުން ދޭހަކޮށްދޭ އުސޫލުތައް ކަމަށް ވެސް އަދަދު ނޫހުގެ ސިޓީގައިވެ އެވެ.
އެ ނޫހުން ޝާއިއުކުރި ކާޓޫނަކީ އިސްލާމްދީނަށް ނުވަތަ ދީނުގެ ޝިއާރަކަށް ތަހުނީނުކުރުމުގެ ގޮތުން ޝާއިއުކުރި ކާޓޫނެއް ނޫންކަން ފާހަގަކޮށް، އެ ކާޓޫނުން އެފަދަ ދޭހައެއް ކުރެވޭނެ ހަަމައެއް އޮތް ކަމަށް ނުވިސްނޭ ކަމަށް ވެސް އަދަދު ނޫހުން ބުންޏެވެ.
"ދިވެހިރާއްޖޭގެ ދީނީ މައްސަލަތަކުގައި ގޮތްބާވަތް ބުނެދިނުމުގެ މަސްއޫލިއްޔަތު ގާނޫނުން ހަވާލުކޮށް، އެކަމަށް ފަތުވާ މަޖިލީހެއް އޮއްވާ ވެސް، އިސްލާމްދީނުގެ އަސްލުތައް ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތާ އަމިއްލަފުޅަށް ހަވާލުވެވަޑައިގެން، ތިޔަ ކޮމިޝަނުން އެކަމަށް ބަހައްޓަމުން ގެންދަވާ ޝައުގުވެރިކަމާއި ކުރައްވަމުން ގެންދަވާ ނުހަނު ބުރަ އަދި އަގުހުރި މަސައްކަތް އަޅުގަނޑުމެން ބަލައިގަންނަ ވާހަކަ ވެސް މި ފުރުސަތުގައި ދަންނަވަމެވެ،" 'އަދަދު'ގެ ބަޔާނުގައި ބުނެފައިވެ އެވެ.
މިއީ މުށި ބުދުތަކެއް ނޫން، ބޭނުންހާ ގޮތެއް ނުހެދޭނެ: ޝާހިދު
ފައިސާ ޗާޕްކުރުން ކުރިއަށްގެންދަން ޕެންޝަން ބޯޑުން ފާސްކޮށްފި
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު އައްޔަންކުރަނީ
