މެލޭޝިޔާގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގައި، މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑަރިންގގެ ދައުވާ، ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައިފި އެވެ.

ހުކުރު ދުވަހު އިއްވި މި ހުކުމުގައި، ނަޖީބުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ 4 ދައުވާއަކާއި، މަނީ ލޯންޑަރިންގެ 21 ދައުވާއެއް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

މި ދައުވާތައް އޭނާގެ މައްޗަށް އުފުލާފައިވަނީ މީގެ ދިހަވަރަކަށް އަހަރު ކުރިން 1އެމްޑީބީގެ ފަންޑުން 2.2 ބިލިއަން މެލޭޝިއަން ރިންގިޓް (ގާތްގަނޑަކަށް 543 މިލިއަން ޑޮލަރު) އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައިގަ އެވެ.

ވަން-މެލޭޝިޔާ ޑިވެލޮޕްމަންޓް ބަރްހާދް (ވަންއެމްޑީބީ)ގެ ފައިސާގެ ތެރެއިން 4.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، 2022ވަނަ އަހަރުން ފެށިގެން ނަޖީބް މިހާރުވެސް ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

މި މައްސަލައިގެ ހުކުމް އިއްވަވަމުން ފަނޑިޔާރު ކޮލިން ލޯރެންސް ސެކުއެރާ ވިދާޅުވީ، މިއީ ސިޔާސީ ގޮތުން ކުރާ ދައުވާތަކެއް ކަމަށް ނަޖީބު ވިދާޅުވި ނަމަވެސް، ހުށަހެޅިފައިވާ ހެކިތަކުން އޭނާގެ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. އަދި އޭނާގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ސައުދީ ރަސްގެފާނު އަބްދުﷲ ދެއްވި ހަދިޔާއެއް ކަމަށް ބުނެ ނަޖީބު ދެއްކެވި އުޒުރުވެސް ކޯޓުން ވަނީ ބަލައިނުގެންފަ އެވެ.

ތަހުގީގުތަކުން ހާމަވާ ގޮތުގައި، 1އެމްޑީބީން ވަގަށް ނެގި ފައިސާ ބޭނުންކޮށްގެން ނަޖީބު ވަނީ އަގުބޮޑު މުދަލާއި، "އިކުއަނިމިޓީ" ނަމަކަށް ކިޔާ ސުޕަ-ޔޮޓެއް ގަނެ، ހޮލީވުޑްގެ މަޝްހޫރު ފިލްމު "ދަ ވުލްފް އޮފް ވޯލް ސްޓްރީޓް" އުފެއްދުމަށް ވެސް ހަރަދުކޮށްފަ އެވެ.

ނަޖީބު މިހާރުވެސް ގެންދަވަނީ 1އެމްޑީބީއާ ގުޅުންހުރި އެހެން މައްސަލައެއްގައި (އެސްއާރުސީ އިންޓަނޭޝަނަލް މައްސަލަ) ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ފުރަތަމަ އިއްވި 12 އަހަރުގެ ޖަލު ހުކުމް، މިދިޔަ ދުވަސްތަކުގައި ވަނީ 6 އަހަރަށް ކުޑަކޮށްދީފައެވެ. އާ ހުކުމްތަކާއެކު އޭނާ ޖަލުގައި ހުންނަންޖެހޭ މުއްދަތު އިތުރުވާނެ ކަމަށް ބެލެވެއެވެ.

ނަޖީބު ވަނީ މީގެ ކުރިން މެލޭޝިއާގެ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމުގައި މިފަދަ ބޮޑު ހިޔާނާތެއް ހިނގާފައިވާތީ އެކަމާ ހިތާމަކުރައްވާ ކަމަށާއި، ނަމަވެސް އެއީ އޭނާގެ މުޝީރުންނާއި ފައިނޭންޝިއަރު ޖޯ ލޯ ފަދަ ފަރާތްތަކުން އޭނާއަށް އޮޅުވާލައިގެން ހިންގި ކަމެއް ކަމަށެވެ.

މި މައްސަލައިގެ ޝަރީއަތްތައް ހަތް އަހަރަށް ދެމިގެން ގޮސްފައިވާއިރު، މިއީ މެލޭޝިއާގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލައެވެ. ތަހުގީގީ އިދާރާތަކުން ގަބޫލުކުރާ ގޮތުގައި 1އެމްޑީބީ ފަންޑުން ޖުމްލަ 4.5 ބިލިއަން ޑޮލަރު ވަނީ އަމިއްލަ އެކައުންޓްތަކަށް ޓްރާންސްފާ ކޮށްފަ އެވެ.

1އެމްޑީބީ ނުވަތަ "1މެލޭޝިއާ ޑިވެލޮޕްމަންޓް ބަރުހާދު" އަކީ މެލޭޝިއާގެ އިގްތިސާދު ކުރިއަރުވައި، ބޭރުގެ އިންވެސްޓްމަންޓްތައް ގައުމަށް ގެނައުމަށްޓަކައި 2009 ވަނަ އަހަރު އުފެއްދި ސަރުކާރުގެ "ސޮވެރިން ވެލްތު ފަންޑު" އެކެވެ. މި ފަންޑު އުފެއްދެވީ އޭރުގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ބެއްލެވުމުގެ ދަށުންނެވެ. ނަޖީބު ބޮޑުވަޒީރުކަމާއި ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވިއިރު، އޭނާ ހުންނެވީ މި ފަންޑުގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމުގަ އެވެ.

މި ފަންޑުން ބިލިއަނުން ޑޮލަރު ގެއްލި، ނަޖީބުގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާވި މައްސަލަ ފެންމަތިވުމާއެކު، މިއީ ދުނިޔޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އެއް މާލީ ޚިޔާނާތުގެ ގޮތުގައި ވަނީ ބެލެވިފައެވެ. މި ހިޔާނާތުގެ ސަބަބުން މެލޭޝިއާގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އައިސް، 2018 ވަނަ އަހަރުގެ އާންމު އިންތިޚާބުގައި ނަޖީބަށް ވަނީ ބޮޑު ނަކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ.

މިއީ މެލޭޝިއާގެ މިނިވަންކަމަށްފަހު އެ ގައުމުގައި ވެރިކަން ކުރަމުން އައި ކޯލިޝަން ބަލިވި ފުރަތަމަ ފަހަރެވެ. މި މައްސަލައިގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރެވޭ މެލޭޝިއާގެ ފައިނޭންޝިއަރު ޖޯ ލޯ އަދިވެސް ފިލައިގެން އުޅޭއިރު، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވެސް ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.