އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ތަގުރީރެއްގެ ވީޑިއޯ އެޑިޓްކޮށްގެން ބްރޯޑްކާސްޓް ކުރި މައްސަލައިގައި 10 ބިލިއަން ޑޮލަރުގެ ބަދަލެއް ހޯއްދެވުމަށް އިނގިރޭސިވިލާތުގެ ރަސްމީ މީޑިއާ ބީބީސީއާ ދެކޮޅަށް ޓްރަމްޕް މައްސަލަ ހުށަހަޅުއްވައިފި އެވެ.
މައްސަލައިގައި ހިމެނޭ ވީޑިއައަކީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ހަވަނަ ދުވަހު ޓްރަމްޕް ދެއްވި ތަގުރީރަކާ ގުޅޭ ވީޑިއޯއެކެވެ. އެއީ، ޓްރަމްޕަށް ތާއީދުކުރާ މީހުން ހަމަނުޖެހުން ހިންގައި، އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް، ކޮންގްރެސްގެ އިމާރާތް، ކެޕިޓަލަށް ހަމަލާދީ، ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދިން ދުވަހެވެ.
ދިފާއުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ، ކެޕިޓަލް އިމާރާތަށް ހަމަލާ ދިނުމަށް ތަގުރީރުގައި އޭނާ މުޒާހަރާގެ ބައިވެރިންނަށް ހިތްވަރު ދެއްވާފައިވާ ކަމަށް ދޭހަވާ ގޮތަށް ބީބީސީން ތަގުރީރުގެ ވީޑިއޯ އެޑިޓްކޮށް، ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި، އެ ވީޑިއޯ އެޑިޓްކޮށް، އެއަށް ބަދަލު ގެނެސްފައި ވަނީ ޓްރަމްޕްގެ އަގުވައްޓާލުމުގެ ނިޔަތުގައި ކަމަށް އޭނާ ތުހުމަތު ކުރައްވަ އެވެ. މި ކަމާ މެދު ބީބީސީން ވަނީ ޓްރަމްޕްގެ ކިބައިން މައާފަށް އެދިފަ އެވެ.
ކެޕިޓަލް އިމާރާތާ ދިމާލަށް މިސްރާބު ޖެހުމަށް، މުޒާހަރާގެ ބައިވެރިންނަށް ޓްރަމްޕްގެ ތަގުރީރުގައި ގޮވައިލައްވާފައިވެ އެވެ. އަދި މަރުވަން ދެން ހަނގުރާމަ ކުރުމަށް ގޮވާލާ ފަދަ މޭރުމަކުން އޭނާ ހިތްވަރު ދެއްވަ އެވެ. ނަމަވެސް، ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރުމަށް އޭނާ ގޮވައިލައްވާ ބައި، ބީބީސީން އެޑިޓްކޮށް ބަދަލު ގެނެސްފައިވާ ވީޑިއޯގައި އުނިކޮށްފައިވާ ކަމަށް އޭނާ ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ.
މިއީ، މީޑިއާއަކާ ދެކޮޅަށް ޓްރަމްޕް މި ފަދަ މައްސަލައެއް ހުށަހެޅުއްވި ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާއާ ދެކޮޅު ޚަބަރުތައް ގެނެސްދޭ ހުރިހާ މީޑިއާތަކަކީ އަސްލެއް ނެތް މީޑިއާތަކެއްގެ ގޮތުގައި އޭނާ ގެންދަވަނީ ސިފަ ކުރައްވަމުންނެވެ. އަދި، ނޫސްވެރިންނަށް ބަހުގެ ހަމަލާތައް އަމާޒު ކުރައްވައި، ކުޑައިމީސް ކުރައްވަމުންނެވެ.
ބީބީސީއާ ދެކޮޅަށް އޭނާ ދެ މައްސަލައެއް ހުށަހަޅުއްވާފައި ވަނީ އެމެރިކާގެ ފްލޮރިޑާގެ ގާނޫނުތަކުގެ ދަށުންނެވެ. އޭގެ ތެރެއިން ކޮންމެ މައްސަލައެއްގައި ވެސް ބަދަލެއްގެ ގޮތުގައި 5 ބިލިއަން ޑޮލަރު ނަގައިދިނުމަށް އޭނާ ވަނީ ހުށަހަޅުއްވާފަ އެވެ.
ސިންގަޕޯ އެއާލައިންގެ ހިދުމަތް އާ ޓާމިނަލްގައި ފަށައިފި