ބޮޑު ކަންނެލި މަސްވެރިން ކުރި އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަދި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ އަމީންއާންމު މައުރޫފް ޒާކިރާއެކު ހައްޔަރުކުރި އެހެން މަސްވެރިން ވެސް ދޫކޮށްލުމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.
މާލޭގެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން ކުރި އިހުތިޖާޖު ބުރާސްފަތި ދުވަހުގެ މެންދުރުފަހު ފުލުހުން ރޫޅާލައި ބައެއް މީހުން ބަންދުކުރި އެވެ. ކްރިމިނަލް ކޯޓުން ވަނީ އޭގެ ތެރެއިން ތިން މީހަކު ތަހުގީގުގެ ބޭނުމަށް ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.
އޭގެ ތެރޭގައި އިހްތިޖާޖުގައި އިސްކޮށް އުޅުއްވި ކެންދޫ ދާއިރާގެ މެމްބަރު އަދި މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރު މައުރޫފް ވެސް ހިމެނެ އެވެ. ނަމަވެސް މައުރޫފް އިއްޔެ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.
ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައުރޫފާއި މަސްވެރިން ހައްޔަރުކުރީ ސުލްހަވެރިކަމާއެކީ އަޑުއުފުލަން ތިއްބައި ކަމަށެވެ. އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އެމްޕީ މަޢުރޫފް ޒާކިރާއެކު މަސްވެރިންގެ ދުވަހު، މަސްވެރިންގެ އަޑު އުފުލާން ސުލްހަވެރިކަމާއެކު ތިއްބާ ހައްޔަރުކުރި މަސްވެރިން: މުޙައްމަދު ޞާދިޤު، ޢަބްދުއްލަޠީފު އަޙްމަދު، އަދި މުޙައްމަދު މުސްޠަފާ ވަގުތުން ދޫކޮށްލާން ސަރުކާރަށް ގޮވާލަން،" ނަޝީދުގެ ޕޯސްޓުގައިވެއެވެ.
ބޮޑުކަންނެލީގެ މަސްވެރިންގެ އިހުތިޖާޖު އިިންތިޒާމުކުރި ބޮޑުކަންނެލީގެ މަސްވެރިންގެ ޖަމިއްޔާ އިން ބުނީ، ފުލުހުން ބައެއް ދޯނިތަކަށް އަރައި އިހުތިޖާޖު ރޫޅާލީ ސުލްހަވެރިކޮށް މަސްވެރިން ތިއްބައި ކަމަށެވެ. އަދި އެއީ ސުލްހަވެރި އިހުތިޖާޖެއް ކަމަށް ވެސް ބުންޏެވެ.
ނަމަވެސް ފުލުހުން ބުނީ، މާލެ ކައިރިން ދަތުރުކުރި އުޅަނދުފަހަރަށް އިހުތިޖާޖުގެ ބައިވެރިން ހުރަސްއެޅި ކަމަށާއި ފުލުހުންގެ ނަސޭހަތަށް ވެސް އިޖާބަ ނުދިން ކަމަށެވެ. އުޅަނދުފަހަރަށް ހުރަސް އަޅައި، ސަލާމަތީ ބާރުތަކުން މަނާކޮށްފައިވާ ސަރަހައްދަށް ދޯނިފަހަރުގައި ވަންނަން މަސްވެރިން މަސައްކަތްކުރި ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.
ފާހަގަކުރެވޭ ގޮތުގައި ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުން މަޢުރޫފާއި މަސްވެރިން ހައްޔަރުކުރި މައްސަލަ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ޖަމިއްޔާ، އައިއެލްއޯއަށް އެމްޑީޕީން އިއްޔެ ހުށަހަޅާފައިވެއެވެ. އަދި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ އިހުތިޖާޖު ނުހުއްޓައި އަދިވެސް ކުރިއަށްގެންދާނެ ކަމަށް ބުނެ، ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމްގެ އިސްތިއުފާއަށް ވެސް ގޮވާލައިފަ އެވެ.
ޓޮމްގެ ޖައްވީ ފިލްމުގެ ޕްރޮޖެކްޓް ހުއްޓުމަކަށް!
މެނޭޖްމަންޓް މަގާމުތަކަށް އަންހެނުން ބޭނުންވާ ސަބަބު!
މަގު ފުޅާކުރަން މާރުކޭޓު ސަރަހައްދުގެ ދޯނިތައް ނަގަން އަންގައިފި