ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑިސީން ނުކުޅެދުންތެރިކަން ހުންނަ 30 މީހަކަށް ވަޒީފާދީފި އެވެ.
އެކަމަށްޓަކައި އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިޔާރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރެވެ.
އެޗްޑީސީން ބުނީ މިއީ އެކުންފުނީގެ އިޖުތިމާއީ ޒިއްމާގެ ދަށުން ސަރުކާރުގެ ސިޔާސަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރެވިގެންދިޔަ ކަމެއް ކަމަށެވެ. އަދި އެ 30 ފަރާތްތަކަށް ވަޒީފާ ދިނުމަކީ އެޗްޑީސީގެ މަސައްކަތްތަކުގައި ހަމަހަމަކަން ގާއިމުކުރުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
"މިފަދަ ފަރާތްތަކަށް ވަޒީފާ ދިނުމުގެ މުހިންމުކަމަކީ، އެފަރާތްތަކުގެ ޤާބިލުކަން ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، އިޤްތިސާދީ ގޮތުން އެހީތެރިވެދިނުމެވެ. މިވަގުތުވެސް އެޗްޑީސީގެ އެކިއެކި ޑިޕާރޓުމަންޓުތަކުގައި ނުކުޅެދޭ ފަރާތްތަށް މަސައްކަތްކުރަމުންދެއެވެ" އެޗްޑީސީން ބުންޏެވެ.
އަންގާރަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި، އެޗްޑީސީގެ ވެބްސައިޓަށް އާންމުންނަށް ހިދުމަތް ދިނުމަށް ތައާރަފުކުރެވުނު އޭއައި ބޮޓް "މިތުރު" ވެސް ވަނީ ތައާރަފުކޮށްފަ އެވެ.
މީގެ އިތުރުން، ވެބްސައިޓަށް އިތުރު އެކްސެސިބަލް ފީޗާސްތަކެއް ވެސް ވަނީ އިތުރުކުރެވިފަ އެވެ. އެޗްޑީސީން ބުނީ މިކަމުގެ ސަބަބުން ނުކުޅެދޭ ފަރާތްތަކަށް އެޗްޑީސީގެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނޭކަމަށެވެ.
ހަމަހަމަ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް އެޗްޑީސީން ކުރަމުން ގެންދާނޭކަމަށް އެ ކުންފުނިން ބުނެ އެވެ.
ޕީއެސްއެމްއިން ވަކިވި ނަސްރީނަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފި
ޖިންސީ ގޯނާގެ މައްސަލާގައި ސަނީ އުމަރު ހައްޔަރުކޮށްފި
ކުރީގެ ރައީސުންގެ ބައެއް އިނާޔަތްތައް ކަނޑާލަން ފާސްކޮށްފި