ޅ. އަތޮޅުގައި ތަރައްގީކޮށްފައިވާ ނަލަ މޯލްޑިވްސް ރިސޯޓު ހުޅުވައިފި އެވެ.

މި ރިސޯޓު ހުޅުއްވައިދެއްވީ ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމާއި ޗަމްޕާ ބްރަދާސްގެ ޗެއާމަން މުހައްމަދު މޫސާއެވެ.

ޅ. އަތޮޅުގެ ޖާވާ ފަޅުގައި ތަރައްގީކޮށްފައިވާ މި ރިސޯޓަކީ 80 ވިލާއާއެކު ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ. މީގެ ތެރޭގައި 20 ސަންރައިޒް ވިލާ، 22 ސަންސެޓް ވިލާ، 30 އޯވަރ ވޯޓަރ ވިލާ އަދި 8 ރޮމޭންޓިކް ވިލާ ހިމެނެ އެވެ.

އެކި ކުއިޒީންތަކަށް ޚާއްސަކޮށްގެން ޖުމްލަ ތިން ރެސްޓޮރެންޓް ރިސޯޓުގައި ގާއިމްކޮށްފައިވެ އެވެ. މީގެ ތެރޭގައި އިންޓަނޭޝަނަލް ބުފޭ ރެސްޓޯރެންޓަކާއި، ގްރީކްގެ ކެއުންތަކަށް ހާއްސަކޮށްގެން ހުޅުވާފައިވާ ރެސްޓޯރެންޓަކާއި، އޭޝިއަން ކެއުންތަކަށް ހާއްސަކޮށްގެން ހުޅުވާފައިވާ ރެސްޓޯރެންޓެއްގެ އިތުރުން ހަމައެކަނި ދެ ގަޑިއިރަށް ހުޅުވާފައި ހުންނަ ބަބުލްސް ބާ ހިމެނެ އެވެ.

ހަމައެކަނި ޒުވާން އުމުރުފުރާގެ މީހުންނަށް ހާއްސަކޮށްގެން ހިންގާ މި ރިސޯޓުގައި އިންޑޯ އަދި އައުޓްޑޯ އަށް ހާއްސަކޮށްގެން ތާފާތު ކުޅިވަރުތައް ކުޅެވޭނެ ތަންތަން ވަނީ ގާއިމްކޮށްފަ އެވެ.