ވިހި މީހުންނާ އެކު ދަތުރުކުރި ތުރުކީގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓިއްޖެ އެވެ.

ތުރުކީގެ މީޑިއާތަކާއި ހަވާލާދީ ރިޕޯޓުތަކުގައި ބުނެފައި ވަނީ އެ ބޯޓު ވެއްޓިފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އަދި ވެއްޓިފައި ވަނީ ސީ-130 ހާކިއުލެސް މަރުކާގެ ޖެޓެެކެވެ.

އެ ބޯޓް ވެއްޓުނީ އަޒަރުބައިޖާނުން ފުރައިގެން ތުރުކީ އަށް ދާން ދަތުރު ކުރަމުން ދަނިކޮށް އަޒަރުބައިޖާނާއި ޖޯޖިއާ ބޯޑަރު ކައިރިއަށެވެ. އަދި އެ ހާދިސާގައި އެ ބޯޓުން ދަތުރުކުރި އެންމެ މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބޯޓް ވެއްޓި އެއިން ދަތުރުކުރި އެންމެން މަރުވެފައިވާ އިރު، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާން ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައިފަ އެވެ.

ތުރުކީގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސީ-130 ހާކިއުލެސް މަރުކާގެ ޖެޓް ވެއްޓުނު ހާދިސާ ހިނގަން މެދުވެރި ސަބަބުން ބަލަމުން އަންނަ ކަމަށެވެ.

ނަމަވެސް މިކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ހާމައެެއް ނުކުރެ އެވެ.