ރައީސް މުހައްމަދު މުއިއްޒުގެ މި ސަރުކާރުން އަބަދުވެސް ދޮގުތައް ހަދަމުން އަންނަ ކަމަށާއި އެހެން ނަމަވެސް މިހާރު ވިހަނީ ބޮޑެތި ދޮގުތައް ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ރައީސް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެއްވެސް ހަމައެއްލަމައެއް ނެތި އެންމެންގެ ކުރިމަތީގައި 2.7 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ގާތް ބޭފުޅުންނާއި މަޖިލިސް މެމްބަރުންނަށް ހިލޭސާބަހަށް ބަހާލާފައިވާކަން ފާހަގަކުރައްވައި އާދިއްތަ ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ގެންދަވަނީ ކަނޑައެޅިގެން ރޯމާދުވާލު ބޮޑެތި ދޮގުތައް ހައްދަވަމުން ކަމަށެވެ.
ޔާމީން ވިދާޅުވީ 2.7 ބިލިއަން ރުފިޔާގެ ބިޔަ މަޝްރޫއުތައް ގާތް ބޭފުޅުންނަށް ބައްސަވާލެއްވީ ބަދަލުގައި އެއްވެސް އެެއްޗެއް ނެންގެވުމެއް ނެތި ހިލޭސާބަހަށް ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު އޮޅުވާލުމެއްގެ ތެރެއިން ކުރެއްވި ދެރަކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން އައްޑޫގެ ރައްޔިތުންނަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތަކަށް ނަޒަރު ހިންގަވާލައްވާ ރައީސް ޔާމީން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެމަނިކުފާނު އެންމެ ބޮޑަށް އަލި އަޅުވާލެއްވީ ހަންކެޑައިގައި ހަލާލު ޓުއަރިޒަމް ތައާރަފްކުރާނެ ކަމަށް ވެފައިވާ ވައުދަށެވެ.
އެގޮތުން އެމަނިކުފާނުގެ ތަސައްވުރެއް ކަމަށްވާ ހުޅުދޫ މީދޫގެ ބުރިޖުގެ ވާހަކަ ހިއްސާ ކުރައްވާ ރައީސް ޔާމީން ވިދާޅުވެފައިވަނީ އެއީ އެމަނިކުފާނުގެ ތަސައްވުރެއް ކަމަށާއި ރައީސް މުއިއްޒު އެކަން ތަކުރާރުކުރައްވާ ވައުދުވެވަޑައިގެންނެވީ ކަމަށެވެ. ހަމައެހެންމެ އައްޑޫއާ ޖެހުމުން ހަލާލު ޓުއަރިޒަމްގެ ނަން ދީގެން ހުރި ފުރުސަތުތައް ހަނިކޮށް ކުރިއަށް ގެންދަން އުޅެނީ ނުނިޔަތެއްގެ މަސައްކަތެއް ކަމަށެވެ.
މާލެ ސަރަހައްދުގައި އޮތް ޓުއަރިޒަމް ހަލާލުނުކޮށް އައްޑޫއާ ޖެހުމުން ހަލާލު ޓުއަރިޒަމްގެ ވާހަކަ ދައްކާއިރު އައްޑޫ ރައްޔިތުންނަށް ހެޔޮ އެދޭ ނަމަ ސަރުކާރުން އިކިއުޒިޝަން ކޮސްޓަކާ ނުލާ އެކަން ކޮށްނުދެއްވަނީ ކީއްވެ ކަމާ މެދު ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދެވެން އޮތް އިންޓެންސިވްއެއްދީގެން އެކަން ކޮށް ސަރުކާރުން އައްޑޫ ރައްޔިތުންނަށް ކަމެއްކޮށްދޭން ބޭނުންނަމަ ކުރެވޭނެ ކަމަށެވެ. އަދި އިހަކަށް ދުވަހު ބަހާލި 2.7 ބިލިއަނެއްހާ ރުފިޔާގެ ޕްރޮޖެކްޓުތައް ބަހާލީ އިކިއުޒިޝަން ކޮސްޓު ނުނަގާ ކަމަށާއި އެހެންކަމުން ހަންކެޑަވެސް އިކިއުޒިޝަން ކޮސްޓު ނުނަގާ އެކަން ކުރެވެން ވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މުއިއްޒު އެކަން އެގޮތަށް ނުކުރާނެ ކަމަށާއި އެއީ އެކަން ވިޔަސް ނުވިޔަސް ރައީސް މުއިއްޒުގެ ފަރުވާލެއް ނެތުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ހަމަ އައްޑު ރައްޔިތުންނަށް ހެވެއް އެދިގެން ހެޔޮ ނިޔަތެއްގައި ދައްކަމުންދާ ވާހަކަތަކެއް ނޫން ކަމަށާއި ސަރުކާރުން ވިހަމުން ދަނީ ބޮޑެތި ދޮގުތައް ކަމަށެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރައީސް މުއިއްޒުގެ އަމަލުތައް މިހެން ހުރިއިރު ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާންމެން ފަދަ ބޭފުޅުންނަށް ރައީސް މުއިއްޒު އައްޑޫއަށް ތަރައްގީ ގެންނަވާނެ ކަމާމެދު އުއްމީދު ލިބުމުން ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.
ހަންކެޑަ ތަރައްގީކުރުމަށް ކުރިން ވެފައިވާ އެއްބަސްވުންތައް ބާތިލުކޮށް، އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ބީލަމުގެ އުސޫލުން ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން، ހަންކެޑަގެ ބަދަލުގައި، އައްޑޫ އަތޮޅުގެ ދޮންހެރަ "ހަލާލް ޓޫރިޒަމް" ތަރައްގީކުރުމަށް ބީލަމަށް މާރިޗު މަހުގެ ތެރޭގައި ހުޅުވާލިއިރު، ހަންކެޑަ ހަލާލު ޓޫރިޒަމަށް ތަަރައްގީ ކުރާ ރަށެއް ގޮތުގައި ޖޫން މަހުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ކަނޑައެޅުއްވާފަ އެވެ.
ނުސާފު ވައިގެ ސަބަބުން ކަށީގެ ސިއްހަތަށް ގެއްލުންވޭ!
"ހަނިމާދޫ އެއާޕޯޓް ބާރު ދުވެލީގައި ނިންމަންވީ ވައުދު ފުއްދިއްޖެ"
އިސްތަށިގަނޑުގައި ކުލަ ޖެއްސުމުގެ ކުރިން ސަމާލުވޭ!