ރާއްޖެ އަށް ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލައިގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން މިދިޔަ މަހުގެ 29 ގައި ވަކިކުރި މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރަން ރައީސް މުހައްމަދު މުއިއްޒަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފި އެވެ.

އެ ކޮމިޓީން މިރޭ ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުން މަހުމޫދު ރިޔާޒުގެ މަގާމު އިޔާދަކުރަން ރައީސަށް ލަފާއަރުވަން ނިންމީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގަ އެވެ. އަދި ކޮމިޓީގެ އެ ނިންމުން އާންމު ކުރަން މިރޭގެ ބައްދަލުވުމުގައި ނިންމި ކަމަށް ބަޔާނުގައި ވެ އެވެ.

ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން މަހުމޫދު ރިޔާޒު ވަކިކުރަން ރައީސް މުއިއްޒަށް 241 ކޮމިޓީން ލަފާއެރުވީ ހޯކްސް ކުންފުނީގެ ބޯޓެއްގައި ރާއްޖެ އަށް ގާނޫނާއި ގަވާއިދާ ހިލާފަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑްވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ތަނުން ނެރުނު މައްސަލައެއްގަ އެވެ.

ނަމަވެސް މަހުމޫދު ރިޔާޒަށް ކުރި ތުހުމަތު އަލުން ބަލައި ދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުމުން 241 ކޮމިޓީން އިތުރަށް އެ މައްސަލަ ބެލީ އެވެ. އެހެންވެ، ކޮމިޓީގައި އިތުރަށް މަޝްވަރާ ކުރުމަށް ފަހު ނިންމީ މަހުމޫދު ރިޔާޒުގެ މަގާމު އަލުން އިޔާދަކުރަން ރައީސް މުއިއްޒަށް ލަފާއަރުވާށެވެ.

ކަސްޓަމްސް އަށް 33 އަހަރު ހިދުމަތް ކުރައްވާފައިވާ މަހުމޫދު ރިޔާޒު ވެސް އޭނާގެ ދިފާއުގައި ވިދާޅުވެފައި ވަނީ ދުވަހަކު ވެސް ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ. ކަސްޓަމްސްގެ ކޮމިއުނިޓީ ގްރޫޕްގައި މަހުމޫދު ރިޔާޒު ވިދާޅުވެފައި ވަނީ އޭނާއާ ގުޅުވައިގެން ތުހުމަތުތަކެއް ކުރާކަން އެނގިވަޑައިގަންނަވާ ކަމަށާއި ކަސްޓަމްސްގައި ހޭދަކުރެއްވި ދިގު މުއްދަތުގައި އެއްވެސް ގޯހެއްގައި ބައިވެރި ނުވާ ކަމަށެވެ.

މަހުމޫދު ރިޔާޒު މަގާމުން ވަކިކުރުމާ އެކު، ވަރަށް ގިނަ ބަޔަކު ވަނީ އޭނާގެ ދިފާއުގައި ނުކުމެފަ އެވެ. އޭގެ ތެރޭގައި މިދިޔަ ސަރުކާރުގައި ކަސްޓަމްސްގެ ކޮމިޝަނަރުކަން ކުރެއްވި އަބްދުﷲ ޝަރީފާއި މިހާރު ވެސް ކަސްޓަމްސް އޮފިސަރުންގެ ގޮތުގައި ތިބި ބައެއް މީހުން ހިމެނެ އެވެ.

ހޯކްސް ކުންފުނީގެ ބޯޓެއްގައި ރާއްޖެ އަށް ގާނޫނާއި ގަވާއިދާ ހިލާފަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑްވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ތަނުން ނެރުނު މައްސަލަ 241 ކޮމިޓީން ބެލުމަށް ފަހު ރައީސް މުއިއްޒަށް ފޮނުއްވި ސިއްރު ސިޓީއަކަށް ރިއާޔަތް ކުރައްވައި މަހުމޫދު ރިޔާޒުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން ދެން ވަކިކުރެއްވީ އަބްދުﷲ ވަހީދެވެ.

ނަމަވެސް އަބްދުﷲ ވަހީދުގެ ބައިވެރިވުން އޮތް ކަމަށް ޔަގީން ކުރެވޭތީ އެ މައްސަލަ ކޮމިޓީން އިތުރަށް ނުބަލާ ކަމަށް 241 ކޮމިޓީގެ އިސް މެމްބަރަކު ވިދާޅުވި އެވެ.

މަހްމޫދުގެ ސީދާ ބައިވެރިވުމެއް މިކަންކަމުގައި ނެތްކަން އެނގުނީ އިތުރަށް ލިބުނު މައުލޫމާތު ކޮމިޓީގެ މެންބަރުންނާއި ހިއްސާކޮށް މަޝްވަރާ ކުރުމަށްފަހު ކަމަށް ފަލާހު ހޮނިހިރު ދުވަހުގެ ރޭ ވިދާޅުވި އެވެ.

241 ކޮމިޓީގެ ލަފަޔާއި އެއްގޮތަށް މަހްމޫދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު މަގާމު ވަކިކުރަން އޮކްޓޯބަރު 29، މުއިއްޒު އެންގެވި އެވެ. އޭނާގެ މަގާމު އިޔާދަކުރަން ލަފާދިނުމަށް ކޮމިޓީން ނުނިންމަ އެވެ.

އެނގިފައިވާ ގޮތުގައި ކަސްޓަމުގައި ވަޒީފާ އަދާކުރާތާ 35 އަހަރުވެފައިވާ އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒު ވަކިކުރީ އެއްވެސް ތަހުގީގެއް ނުކޮށް، ޖަވާބުދާރީވާން ފުރުސަތު ވެސް ނުދީ އެވެ. މަހްމޫދު ވަކިކުރަން ނިންމުމުން އެކަމާމެދު ކަސްޓަމްސްގެ އެހާރާއި މިހާރުގެ މުވައްޒަފުން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް އޭނާގެ ދިފާއުގައި އެތައް ޕޯސްޓެއް ކުރި އެވެ.

ކަސްޓަމުގެ ޑެޕިއުޓީ ކޮމިޝަނަރުން އައްޔަން ކުރަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެގޮތުން އެ މަގާމަށް އައްޔަންކުރާ ބޭފުޅުން ވަކިކުރުމުގެ ބާރު ވެސް ރައީސުލްޖުމްހޫރިއްޔާއަށް ލިބެ އެވެ.

ސަރުކާރުން ވަނީ ދުންފަތާއި ސިނގިރޭޓުން ނަގާ ޓެކްސް މިދިޔަ އަހަރު ނޮވެމްބަރު 1، އިން ފެށިގެން ބޮޑުކޮށް، ކުރިން ނަގި 3ރ. ގެ ޓެކްސް އަށް ރުފިޔާއަށް ބަދަލުކޮށް، ދުންފަތުގެ އެހެން ބާވަތްތަކުން ނަގާ ޑިއުޓީ 50 ޕަސެންޓު ބޮޑުކޮށްފަ އެވެ.

ސަރުކާރުން ސިނގިރޭޓު ޑިއުޓީގެ އަގުބޮޑުކުރުމާ ގުޅިގެން ރާއްޖޭގައި ސިނގިރޭޓުގެ ވަގު ވިޔަފާރި ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ. އެގޮތުން އެކި ބްރޭންޑްތަކުގެ ސިނގިރޭޓްތައް ފަހަކަށް އައިސް އަގުހެޔޮކޮށް ލިބޭކަން ފާހަގަކުރެވެ އެވެެ.