ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް ރަޝިޔާއިން އިންކާރު ކުރަމުންދާ ނަމަ، އެ ކަމަށް މޮސްކޯއަށް ބާރު އެޅުމުގެ ގޮތުން އަޅާނެ ދަތި ކުރުމުގެ އިތުރު ފިޔަވަޅުތަކަކާ މެދު އެމެރިކާއިން ވިސްނަމުންދާ ކަން ހާމަވެއްޖެއެވެ.

ތެލާއި ގޭހުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ރަޝިޔާގެ މައި ދެ ކުންފުންޏަކާ ދެކޮޅަށް އެމެރިކާއިން ދާދި ފަހުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، އެ ގައުމާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރު ކުރަމުންދާ ކަން ހާމަކޮށްފައި ވަނީ އެމެރިކާ ސަރުކާރުގެ އޮފިޝަލުންތަކެކެވެ.

ހުޅަނގުގެ ބާރުތަކުން މިހާރު ވެސް އޮތީ ރަޝިޔާއާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި، އެ ގައުމުތަކުގައި ހުރި ރަޝިޔާގެ މުދަލާއި ފައިސާ ހިފެހެެއްޓުން ހިމެނެއެވެ.

ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިނުން ކުރަމުންދާ ހަނގުރާމައިގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމެރިކާއިން އިތުރު ހަތިޔާރު ގަތުމަށް ރަޝިޔާގެ މުދަލާއި ފައިސާ ބޭނުން ކުރުމަށް ހުޅަނގުގެ ބާރުތަކުން މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ. އަދި، އެމެރިކާއިން ވަނީ އެ ކަމަށް ރުހުން ދީފައެވެ. މީގެ އިތުރުން، ވޮޝިންގްޓަނުން ހިފަހައްޓާފައިވާ މޮސްކޯގެ މުދަލާއި ފައިސާ ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭނުން ކުރުމަށް ވެސް ޓްރަމްޕްގެ ސަރުކާރުން ދަނީ ވިސްނަމުންނެވެ.

ރަޝިޔާ އަދި ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓްރަމްޕް ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އޮގަސްޓު މަހުގެ ތެރޭގައި ޓްރަމްޕް ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ ބައްދަލު ކުރައްވާފައެވެ. ނަމަވެސް، އެ ބައްދަލުވުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައެއް ނުވެއެވެ. ޕުޓިންއާ އެކު އިތުރު ބައްދަލުވުމެއް ބޭއްވުމަށް ތާވަލު

ކުރެއްވުމަށް ފަހު، ޓްރަމްޕް ވަނީ މުއްދަތެއް ނެތް ގޮތުގައި އެ ބައްދަލުވުން ފަސް ކުރައްވާފައެވެ. ސަބަބަކީ، ޓްރަމްޕް ބޭނުންފުޅުވާ ގޮތަށް އަމަލު ކުރައްވަން ޕުޓިން އިންކާރު ކުރެއްވުމެވެ.

ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް ޓްރަމްޕަށް އެންމެ ބޮޑަށް ބާރުއަޅަައި، ފިއްތުންތައް ކުރިމަތި ކުރަމުން ދަނީ ވިލާތުގެ ގައުމުތަކުގެ ވެރިންނެވެ. ނަން ހާމަކޮށްފައި ނުވާ އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ބުނީ، މޮސްކޯއާ ދެކޮޅަށް ވިލާތުގެ ގައުމުތަކުން ދަތި ކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް ޓްރަމްޕް އެދިވަޑައިގަންނަވާ ކަމުގައެވެ. އޭގެ ތެރޭގައި މާލީ އަދި އިގުތިސާދީ ފިޔަވަޅުތަކަށް އިސްކަން ދިނުމަށް ވެސް ޓްރަމްޕް އެދިވަޑައިގަންނަވައެވެ.

ޓްރަމްޕްގެ އެންގެވުމަށް އެމެރިކާއިން އެންމެ ފަހުން ފިޔަވަޅު އަޅާފައި ވަނީ ތެލާއި ގޭހުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ރަޝިޔާގެ މައި ދެ ކުންފުނި ކަމުގައިވާ ރޮސްނިޔެފްތާއި ލޫކްއޮއިލާ ދެކޮޅަށެވެ. އެ ފިޔަވަޅުތަކާ ގުޅިގެން އިންޑިޔާއާއި ޗައިނާއިން ރަޝިޔާގައި އުފައްދާ ތެޔޮ ގަތުން މަދުކުރިއެވެ. އެއާ އެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އެމެރިކާ ޑޮލަރުން އުފުލިގެން ދިޔައެވެ.

ޓްރަމްޕް ވިދާޅުވީ، އޮކްޓޫބަރު 30ވަނަ ދުވަހު ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ އެކު ބާއްވަވާ ބައްދަލުވުމުގައި ރަޝިޔާގެ ތެޔޮ ގަތުން ހުއްޓައިލުމަށް ހުށަހެޅުއްވުމަށް ވިސްނަވަމުން ގެންދަވާ ކަމުގައެވެ.

ޗައިނާއިން މިހާރު ވެސް ރަޝިޔާގެ ތެޔޮ ގަތުން މަދު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ރަޝިޔާގެ ތެޔޮ ގަތުން އިންޑިޔާއިން މުޅިން ހުއްޓައިލާނެ ކަމުގައި ވެސް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް، އެ ދެ ޤައުމުން މި ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.