ބޮޑު މެޖޯރިޓީއަކުން ނިންމާނީ ސ. ފޭދުއަށް އެންމެ ރަނގަޅު ގޮތާއި ފައިދާ ހުރި ގޮތް ކަމަށާއި އެ ނިންމުމަށް ހަމަ ތާއީދުކުރާ ކަމަށް އެ ރަށުގައި ވަކި ކައުންސިލެއް ހެދުމަށް ވަރަށް ބޮޑަށް ކެމްޕެއިން ކުރެއްވި ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ކައުންސިލްގައި ދެމިތިބެން އެ އަތޮޅު ފޭދޫ ރައްޔިތުން ނިންމި ނިންމުން ބަލައިގަންނަ ކަމަށް ފާހަގަކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ ރައްޔިތުންގެ އެ ނިންމުމަކީ އެންމެ ރަނގަޅަށް ނިންމި ނިންމުމެއް ކަމަށާއި އެ ނިންމުމަށް އިހުތިރާމުކުރައްވާ ކަމަށެވެ.

ވޯޓުގެ ކުރިން ވަކި ކައުންސިލެއް އޮތުމަށް ތާއީދުކޮށް މިނިސްޓަރު އިހުސާން ވަނީ ވަރަށް ފުޅާކޮށް ރަށުގައި ކެމްޕެއިން ވެސް ކުރައްވާފަ އެވެ. އިހުސާނުގެ އިތުރުން އޭނާގެ ބައްޕަ އަދި ފޭދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ދީދީ (އައިބީ) ވެސް ގެންދެވީ ވަކި ކައުންސިލެއް ހެދުމަށް ކެމްޕެއިން ކުރައްވަމުންނެވެ.

ނަމަވެސް މިއަދު ނެގި ވޯޓުގައި ފޭދޫގެ ވޯޓުލީ މީހުންގެ ގާތްގަނޑަށް 75 ޕަސެންޓް މީހުން ވޯޓު ދިނީ ވަކި ރަށު ކައުންސިލެއް ހެދުމަށް ނުފެންނަ ކަމަށެވެ. އެއީ ސަރުކާރުގެ މިނިސްޓަރަކާއި މަޖިލިސް މެންބަރަކު ކެމްޕެއިން ކުރެއްވި ގޮތާ އިދިކޮޅެވެ.

މިއަދުގެ ވޯޓުގެ ނަތީޖާއާ ގުޅޭ ގޮތުން، އިހުސާން "ދައުރު" ނޫހާ ވާހަކަ ދައްކަވަމުން ފުރަތަމަ ވެސް ވިދާޅުވީ ފޭދޫގައި އޭނާ ކެމްޕެއިން ކުރެއްވީ މިނިސްޓަރުގެ ހައިސިއްޔަތަކުން ނޫން ކަމަށާއި އެއީ ފޭދުއަށް އުފަން މީހެއްގެ ހައިސިއްޔަތުން، ފޭދޫގެ ކުރިމަގާ ގުޅޭ ގޮތުން އޭނާ ދެކެވަޑައިގަންނަވާ ގޮތަކަށް ކުރެއްވި ކެމްޕެއިނެއް ކަމަށެވެ.

"އަޅުގަނޑުމެން ކިޔައިދެމުން ދިޔައިން. މި ވަރުގެ އަބާދީއެއް އޮންނަ އެހެން ރަށްރަށުގައި ރަށު ކައުންސިލް އޮވެގެން އެ ރަށެއްގެ ކައުންސިލުން ހޯދާފައިވާ ކުރިއެރުންތައް،" ގާތްގަނޑަކަށް 6000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފޭދޫއާ ގުޅޭ ގޮތުން އިހުސާން ވިދާޅުވި އެވެ.

ނަމަވެސް ފޭދޫގެ ވަރަށް ބޮޑު އަގުލަބިއްޔަތެއް ސިޓީ ކައުންސިލްގައި ތިބުމަށް ނިންމާނީ ސިޓީ ކައުންސިލް ދަށުގައި އޮވެގެން ވެސް ކުރިއެރުންތައް ލިބުނު ކަމަށް ރަށު ރައްޔިތުން ގަބޫލުކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މެޖޯރިޓީން ނިންމާނީ، ހާއްސަކޮށް މިވަރުގެ ބޮޑު މެޖޯރިޓީއަކުން ނިންމާނީ ފޭދުއަށް އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެ ނިންމުން ހަމަ ބަރާބަރު. އެ ނިންމުމަށް ހަމަ ފުރިހަމައަށް އިހުތިރާމު ކުރަން،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ އޭނާ އުންމީދުކުރައްވަނީ އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި ފޭދޫ އޮވެގެން ކުރިއެރުންތައް ލިބިގެން ދިއުން ކަމަށެވެ.