ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބަކްރައިމްގައި ރާއްޖެއިން މިއަދު ސޮއިކޮށްފި އެވެ.
ވިއެޓްނާމްގެ ހަނޯއީގައި ބޭއްވި ރަސްމިއްޔާތެއްގައި، ރާއްޖޭގެ ފަރާތުން އެ މުއާހަދާގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލެވެ.
އެ މުއާހަދާގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ތަގުރީރުކުރައްވަމުން ހަލީލް ވިދާޅުވީ އެ މުއާހަދާއަކީ ރާއްޖޭގެ ގައުމީ ޑިޖިޓަލް ސްޓްރެޓެޖީގެ މުހިންމު އެއް ތަނބު ކަމަށެވެ.
އޭނާ ވިދާޅުވީ 2030 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖޭގެ އިގްތިސާދުގެ 15 ޕަސެންޓަކީ ޑިޖިޓަލް ދާއިރާ ކަމަށް ހެދުން ސަރުކާރުގެ ލަނޑުދަނޑިއެއްގެ ގޮތުގައި އެބަ އޮތް ކަމަށެވެ. އަދި ސަރުކާރުގެ "މޯލްޑިވްސް 2.0" އަކީ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ ޑިޖިޓަލް އިކޯސިސްޓަމެއް ގާއިމްކުރަން އެކުލަވާލާފައިވާ ތަަސައްވުރެއް ކަަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ޓެކްނިކަލް ގާބިލުކަން ކުޑަވުމުގެ ސަބަބުން ސައިބަކްރައިމްގެ ނުރައްކާތައް ބޮޑު ނަމަވެސް، މި ގޮންޖެހުންތަކަކީ ދިވެހިރާއްޖޭން ކުރާ މަސައްކަތް ހީނަރުވާނެ ކަމެއް ނޫން ކަމަށް ހަލީލު ވިދާޅުވި އެވެ.
ސައިބަކްރައިމްއާ ދެކޮޅު މުއާހަދާގައި ސޮއިކުރުމަކީ ސައިބަކްރައިމް ހުއްޓުވަން ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކުށްތައް ކަނޑައަޅަައި، ތަހުގީގުކުރުމާއި ދައުވާކުރުމުގައި ބައިނަލްއަގުވާމީ ބައިވެރިންނާ އެކު އެއްބާރުލުން އިތުރުކުރަން ލިބޭ ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ ފުރުސަތުތަކާއި ފަންނީ އެހީ ލިބުމުގެ ފުރުސަތު ވެސް އެ މުއާހަދާގައި ބައިވެރިވުމުން ރާއްޖެއަށް ފަހިވާނެ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ސައިބަކްރައިމް ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ "ޔޫއެން ކޮންވެންޝަން އޮން ސައިބާކްރައިމް" އަކީ އދ. ގެ އާއްމު މަޖިލީހުން މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ފާސްކުރި މުއާހަދާއެކެވެ. އެ މުއާހަދާ އުފައްދަން އދ. އަށް ހުށަހެޅީ 2017 ވަނަ އަހަރު ރަޝިޔާއިން އިސްނަގައިގެންނެވެ.
އެ މުއާހަދާގައި ގައުމުތަކުން މައިގަނޑު ގޮތެއްގައި އެއްބަސްވާކަމަކީ އިންޓަނެޓްގެ ޒަރިއްޔާއިން ކުރާ ކުށްތައް ހުއްޓުވުމުގައި ގައުމުތައް ގުޅިގެން މަސައްކަތް ކުރަން ގާނޫނުތައް އެއްގޮތް ކުރުމަށާއި އެ ދާއިރާއިން އެއްބާރުލުން ދިނުމެވެ.
ސިނގިރޭޓް ވައްކަމާ ގުޅިގެން އިތުރު 3 މީހަކު ހައްޔަރުކޮށްފި
ތުޅާދޫ މިސްކިތް މައްސަލައިގައި ޝަހީމް ހެއްދެވީ ދޮގު: ކައުންސިލް
ސާމާނު މަދުކޮށްލައި ހިނިތުންވެލާ!