އައްޑޫ ބައިބައިކުރަން ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވާއިރު، މިހާތަނަށް ވަގުތީ ނަތީޖާ ދައްކާ ގޮތުން ފޭދޫގެ ރައްޔިތުން ބުރަވަނީ އެ ރަށުގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށެވެ.

މާލޭގެ ކަލާފާނު ސްކޫލްގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓުލީ މީހުންގެ ތެރެއިން ފޭދޫގައި ވަކި ކައުންސިލެއް ހަދަން ފެންނަ ކަމަށް ވޯޓު ދިނީ އެންމެ 39 މީހުންނެވެ. ވަކި ކައުންސިލެއް ހަދަން ނުފެންނަ ކަމަށް އެ ފޮއްޓަށް 146 މީހުން ވޯޓު ލިއެވެ.

މިހާތަނަށް ލިބެމުން އަންނަ ނަތީޖާތަކަށް ބަލާއިރު ހުޅުދޫ އަދި މީދޫން ވެސް ބޭނުންވަނީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ އެ ރަށުގައި ވަކި ކައުންސިލެއް އުފައްދާށެވެ.

މިހާތަނަށް އިއުލާން ކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު ފޭދޫ ރައްޔިތުން ބޭނުންވަނީ އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި ތިބޭށެވެ.

މިހާތަނަށް ގުނައި ނިމި އިއުލާން ކޮށްފައިވާ ނަތީޖާ އަށް ބަލާއިރު ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް ވޯޓު ދިނީ 372 މީހުންނެވެ. އަދި ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 1،015 މީހަކު ވޯޓު ދީފައި ވެއެވެ. ފޭދޫން މިހާތަނަށް ފަސް ވޯޓުފޮށި ވަނީ ގުނައި ނިމިފަ އެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ހުޅުދޫގައި ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް 351 މީހަކު ވަނީ ވޯޓު ދީފައި އެވެ. އަދި ވަކި ކައުންސިލެއް ހުޅުދޫގައި ބާއްވަން ނުފެންނަ ކަމަށް ވޯޓު ދިނީ 151 މީހުންނެވެ. މިހާތަނަށް ހުޅުދޫން ގުނައި ނިމުނީ ތިން ފޮށްޓެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި އިދާރީ ގޮތުން ތިބެން ފޭދޫ ރައްޔިތުން ބޭނުންވާ ކަމަށް މިހާތަނަށް އިއުލާން ކޮށްފައިވާ ނަތީޖާތަކުން ދެއްކި ނަމަވެސް ހުޅުދު އާއި މީދޫ މީހުން ބޭނުންވަނީ އެ ދެ ރަށުގައި ވެސް ވަކި ކައުންސިލެއް އުފައްދާށެވެ.

ފޭދޫގައި ދިރިއުޅޭ މީހުންނަށް އެ ރަށުގައި ބެހެއްޓި ހުރިހާ ފޮއްޓެއްގެ ނަތީޖާ ގުނައި ވަނީ ނިމިފައި އެވެ. އަދި ހުރިހާ ފޮއްޓަކަށް ވޯޓުލީ މީހުން ވެސް ބޭނުންވީ ފޭދޫގައި ވަކި ކައުންސިލެއް ނުއުފައްދައި މިހާރެކޭ އެއްގޮތަށް އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި ތިބޭށެވެ.