އާއްމު ދިރިއުޅުމުގައި ކޮންމެ މީހަކު ވެސް ބޭނުންކުރާ އެއްޗެކެވެ. ކޮންމެ ދުވަހަކު އެއް ފަހަރަށްވުރެ ގިނަފަހަރު އޭގެ ބޭނުން ނުކޮށް ނުވާ އެއްޗެކެވެ.
ދަތް އުނގުޅާ ބުރުހަކީ މިހާ ގިނައިން އަހަރުމެން ބޭނުންކުރާ އެއްޗެއް ނަމަވެސް އޭގެ ހަގީގަތާ މެދު އެއް ފަހަރު ވެސް ވިސްނާލެވުނު ހެއްޔެވެ؟ ދެއިރު ދެދަޅައަށް އަނގައަށް ލާ އެ ބުރުހަކީ ޖަރާސީމުގެ ހާއްޔަކަށް ވެދާނެ ކަމަށް ހީކުރެވުނު ހެއްޔެވެ؟
ސައިންސްވެރިން ވިދާޅުވާ ގޮތުގައި އަހަރުމެން ދަތް އުނގުޅަން ބޭނުންކުރާ ބުރުހަކީ ބެކްޓީރިއާއާއި ފަންގީ ފަދަ މައިކްރޯ އޯގަނިޒަމް އާލާވާން އެންމެ ފަހި މާހައުލެކެވެ.
ބުރުސް ގެންގުޅޭތާ ގިނަ ދުވަސް ވާވަރަކަށް ބުރުހުގެ ނަރުތައް ފޮޅި މި ފުރުސަތު އިތުރަށް ފަހިވާއިރު ދަތް އުނގުޅުމުން އޭގައި އުނގުޅޭ ކުޅާއި ފެން އަދި ހަމުގެ އެތިކޮޅުތަކާއެކު އެ ދިރުންތައް އާލާވާން އިތުރު ބާރެއް ލިބެ އެވެ.
މިކަމަށް ބާރުދޭ އިތުރު ކަންކަމަކީ ދަތް އުނގުޅާ ބުރުސް ބަހައްޓާ ތަނުގެ މާހައުލެކެވެ. އާއެކެވެ. ފާހާނާ އެވެ. ފާހާނާތަކަކީ އާއްމުކޮށް ތެތް ހޫނެއް ހުންނަ ތަނަކަށް ވާއިރު ފާހާނާގައި ގެންގުޅޭ ފެނަކީ ވެސް އެކި ކަހަލަ ޖަރާސީމާއި ވައިރަސް އެކުލެވޭ ފެނަކަށް ވުން އެކަށީގެންވެ އެވެ.
ދަތް އުނގުޅާ ބުރުހުގައި ގިނަ އަދަދަކަށް ޖަރާސީމު ހުރޭހާއްސަކޮށް ތިބާގެ ބުރުސް ބަހައްޓާފައި ހުންނަނީ ފާހާނާ ތަށްޓާ ކައިރީގައި ކަމަށް ވާނަމަ ފްލަޝްކުރާ ކޮންމެ ފަހަރަކު ތަޣައްޔަރު ވެފައިވާ ފެން ބުރުހަށް ބުރަ އެވެ.
މިގޮތަށް ބުރުހުގައި އާލާވާ ގިނަ ޖަރާސީމަކީ މާބޮޑު ގެއްލުމެއް ނެތް ދިރުންތަކެއް ނަމަވެސް ބައެއް ޖަރާސީމުތަކުން ދަތްފަނި ކެއުމާއި އަނގަފާރުވުން ފަދަ ކަންކަން މެދުވެރިވެ އެވެ.
ރައްކާތެރިވާނީ ކިހިނެއް؟
މާހިރުން ލަފާދޭ އެންމެ ރަނގަޅު ގޮތަކީ ދަތް އުނގުޅަން ބޭނުންކުރާ ބުރުސް ފާހާނާއިން ބޭރު ނިވާ ކުރެވިފައިވާ ހިކި ތަނެއްގައި ބޭއްވުމެވެ.
ފާހާނާގައި ބަހައްޓާނަމަ ބުރުސް ހާމައަށް ނުބަހައްޓައި ޕްރޮޓެކްޓިވް ކޭސްއަކަށް ލާފައި އޮތުން މުހިއްމު ކަމަށް ވެސް އެ ފަރާތްތަކުން ބުނެ އެވެ.
މީގެ އިތުރުން ވެސް ގަވާއިދުން ބުރުސް ރަނގަޅަށް ދޮންނަން ވެސް ޖެހޭނެ އެވެ. އެގޮތުން އަލްޓްރާ ވައިލެޓް އައްޔާއި ހެއާ ޑްރަޔާއަކުން ވެސް ބުރުހުގައި ހުންނަ ޖަރާސީމުތައް ނައްތާލަން އެހީވެދޭނެ އެވެ.
ދަތް އުނގުޅާ ބުރުހަކީ އަހަރުމެން އާއްމުކޮށް ބޭނުންކުރާ އެއްޗަކަށްވާއިރު އެ ބުރުހުގެ ސާފުތާހިރު ކަމަކީ އަހަރުމެންގެ އަނގައިގެ ސިއްހަތާ ސީދާ ގުޅުމެއްވާ ކަމެކެވެ.