އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މުވައްޒަފުންނަށް ލިވިން އެލަވަންސް ދެމުންދަނީ ގާނޫނުތަކާއި ނެރެފައިވާ ސާކިއުލާތަކާ ހިލާފަށް ކަމަށް ބުނެ، އެ އެލަވަންސް ދިނުން ހުއްޓާލަން ފިނޭންސް މިނިސްޓްރީން އެ އޮފީހަށް އަންގައިފި އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އިންފޮމޭޝަން ކޮމިޝަނުގެ މުވައްޒަފުންނަށް ލިވިން އެލަވަންސެއް ދެމުންދާކަން ހާމަވީ މިހާރު އާންމުކޮށްފައިވާ އެ އޮފީހުގެ މިދިޔަ އަހަރުގެ އޮޑިޓު ރިޕޯޓުގަ އެވެ.
ފިނޭންސުން އައިކޮމް އަށް ސިޓީއެއް ފޮނުވާފައިވާއިރު، ފޮނުވި ސިޓީގައި ބުނެފައި ވަނީ މި އެލަވަންސް ދެމުންދިޔައީ މާލިއްޔަތު ގަވާއިދާއި ދައުލަތުގެ މުސާރައިގެ ސިޔާސަތު ގާނޫނާއި، 2022 އަދި 2016 ގައި ފިނޭންސުން ނެރެފައިވާ ތިން ސާކިއުލާއަކާ ހިލާފަށް ކަމަށެވެ. އެހެންކަމުން މި މަހުން ފެށިގެން އެ އެލަވަންސް ދިނުން ހުއްޓާލަން ފިނޭންސުން ވަނީ އަންގައިފަ އެވެ. އަދި، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 7.5 ވަނަ މާއްދާގެ (ނ)އާ އެއްގޮތްވާ ގޮތުގެ މަތިން ލިވިން އެލަވަންސް ގެ ގޮތުގައި މިހާތަނަށް ދެވިފައިވާ ފައިސާ، އެ މުވައްޒަފުންގެ އަތުން އަނބުރާ އަތުލުމަށް ވެސް ވަނީ އަންގާފައި އެވެ.
"އަދި، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 7.5 ވަނަ މާއްދާގެ (ނ)އާ އެއްގޮތްވާ ގޮތުގެ މަތިން ދެންނެވުނު 'ލިވިން އެލަވަންސް' ގެ ގޮތުގައި މިހާތަނަށް ދެވިފައިވާ ފައިސާ، އެ މުވައްޒަފުންގެ އަތުން އަނބުރާ ހޯދުމުގައި އަމަލުކުރާނެ ގޮތެއް މި މިނިސްޓްރީން އަންގާނެ ކަމުގައި ދަންނަވަން،" އެ ސިޓީގައި ފިނޭންސުން ބުނެފައިވެ އެވެ.
ފިނޭންސްގެ ސިޓީ ނިންމާލަމުން މުވައްޒަފުންނަށް ލިވިން އެލަވަންސް ދޭން ގަސްތުކުރާނަމަ ގާނޫނާއި އެއްގޮތަށް ހުއްދަ ހޯދައި އެކަމަށް ބަޖެޓު ހިމަނައިގެން އެކަން ކުރުމަށް އިންފޮމޭޝަން ކޮމިޝަނަށް ދަންނަވާފައިވެ އެވެ.
އައިސީއޯގެ އޮފީހުގައި މަސައްކަތް ކުރެވޭނެ ގޮތެއް ނެތި އެ އޮފީހުގެ މުވައްޒަފުން މިދިޔަ ފަސް މަސް ދުވަހު މަސައްކަތް ކުރަމުން ދަނީ ގެއިންނެވެ.
އައިސީއޯގެ އޮފީސް ހިންގަމުން ދިޔަ ބިއްލޫރިޖެހިގޭގެ ހާލަތު ގޯސްވެ އެ އޮފީހުގެ މުވައްޒަފުން ގޭގައި ތިބެގެން އޮންލައިންކޮށް މަސައްކަތް ކުރަން ފެށީ މި އަހަރުގެ މެއި މަހުގެ 19، ގަ އެވެ. އެގޮތަށް ނިންމީ ބިއްލޫރިޖެހިގޭގައި މަސައްކަތް ކުރެވޭ ފަދަ މާހައުލެއް ނެތުމުން ކަމަށް އެ ދުވަހު އައިކޮމް އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.