ޔަހޫދީންގެ ނިރުބަވެރި ދައުލަތުން ޣައްޒާއަށް ދެމުންދާ އުދުވާނުތަކުގެ ރައްދުގައި، ޔަހޫދީންގެ މައި ސަހަރެއް ކަމަށްވާ އުންމު އަލް-ރަޝްރަޝްއަށް އަނެއްކާ ވެސް ޔަމަނުގެ ހޫތީން ވަރުގަދަ ޑްރޯން ހަމަލާއެއް ދީފި އެވެ.
އުރުދުނާއި މިސްރާއެކު ސަރަހައްދީ ރޮނގެއް ހިއްސާކުރާ އަލް-ރަޝްރަޝްއަށް އަމާޒުކޮށްފައިވާ ޑްރޯން ހަމަލާގައި އެކަކު މަރުވެފައިވާ ކަމަށް ޔަހޫދީ ނޫސްތަކުން ބުނެ އެވެ. އެ ހަމަލާގައި 50 މީހުން ޒަޚަމްވެފައިވާއިރު، އޭގެ ތެރެއިން ތިން މީހުންގެ ހާލު ދެރަ ކަމަށް މަސްދަރުތަކުން ބުނެ އެވެ.
އެނގިފައިވާ ގޮތުގައި ހޫތީން ދިން ޑްރޯން ހަމަލާ ހުއްޓުވުމަށް ޔަހޫދީންގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ނުކުޅެދިފަ އެވެ.
ޔަމަނުން ބުނީ މި ހަމަލާތަކަކީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީންނަށް އަމާޒުކޮށް ހޫތީން ދީފައިވާ މިފަދަ ދެވަނަ ހަމަލާ ކަމަށެވެ. ހޫތީންގެ ވަރުގަދަ ހަމަލާއެއް ޔަހޫދީންނަށް އަމާޒުވެފައި މި ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ވެސް އެ ފަދަ ހަމަލާއެއް ފުޅާދާއިރާއެއްގައި ފަތުރުވެރިކަންކުރާ އީލާތުގެ ހޮޓާތައް ހުންނަ ސަރަހައްދަށް ދީފައި ވަނިކޮށެވެ. ނަމަވެސް އެ ހަމަލާގައި އެއްވެސް މީހަކަށް ޒަހަމްވެފައެއް ނުވެ އެވެ.
ފަލަސްތީނުގެ ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ޔަހޫދީން ދޭން ފެށި ލާއިންސާނީ އުދުވާނީ ހަމަލާތަކާ ގުޅިގެން އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހޫތީން ވަނީ ޣައްޒާގެ ރައްޔިތުންނާއެކު ވާ ކަމަށް ބުނެ ޔަހޫދީންނާ ދެކޮޅަށް ހަމަލާތައް ދޭން ފަށައިފަ އެވެ. އެ ގޮތުން ރަތްކަނޑުގައި ދަތުރުކުރާ ޔަހޫދީންނާ ގުޅުންހުރި އާގުބޯޓު ފަހަރަށް ހޫތީން ގިނަ ހަމަލާތަކެއް ދީފައިވެ އެވެ. އެ ހަމަލާތަކުގައި މިހާތަނަށް ހަތަރު ބޯޓު ފައްތާލާފައިވެ އެވެ.
މި ހަމަލާތަކުގެ ސަބަބުން ބައިނަލްއަގްވާމީ ވިޔަފާރިއަށް ބުރޫ އަރައި ބޯޓުފަހަރު ދަތުރު ކުރާ މަގު ބަދަލު ކުރުމަށް މަޖުބޫރުވި އެވެ. އޭގެ ސަބަބުން ވިޔަފާރި ބޯޓުތައް ދަތުރު ކުރަން ޖެހޭ މަގު ދިގުވެ ދަތުރުތަކަށް ހިނގާ ހަރަދު ވެސް އިތުރުވެގެން ދިޔަ އެވެ. އެ ހަމަލާތަކާ ގުޅިގެން ޔަހޫދީން ވެސް ދަނީ ހޫތީންނަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.