ސަރުކާރު ތެރޭގައި ކޮރަޕްޝަން ބޮޑުވެ ފިލިޕީންސްގެ ރައްޔިތުންވެސް މުޒާހަރާ ކުރަން ފަށައިފި އެވެ.

ފިލިޕީންސްގެ ވެރިރަށް މަނީލާގައި އިއްޔެ އެތައް ހާސް ބަޔަކު ވަނީ މަގުމައްޗަށް ނުކުމެ އަޑުއުފުލާފަ އެވެ. ގިނަ ބަޔަކު ޝަކުވާ ކުރަމުން ދަނީ ފްލަޑް ކޮންޓްރޯލް ކުރުމަށް ބޮޑު މަޝްރޫއެއް ހިންގާކަމަށް ސަރުކާރުން އިއުލާންކޮށް ރައްޔިތުންގެ ފައިސާއިން ބިލިއަން ޑޮލަރު ހަރަދުކޮށް އެއްވެސް ކަމެއް ނުކުރާ ކަމަށް ބުނެ އެވެ.

އިއްޔެގެ ސުލްހަވެރި އެއްވުން ހަމަނުޖެހުންތަކަކަށް ބަދަލުވީ އެގައުމުގެ ފުލުހުން މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ބާރު ސްޕީޑްގައި ފެން ޖެހުމާއި ގުޅިގެންނެވެ. އެއާއެކު މުޒާހަރާގައި ބައިވެރިވި ބައެއް ފަރާތްތަކުން ވަނީ ގާ އުކައި ޕޮލިސް ސްޓޭޝަނަކަށްވެސް ގެއްލުން ދީފަ އެވެ.

މުޒާހަރާގެ ހަމަނުޖެހުންތަކާއި ގުޅިގެން 72 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭގެ ތެރޭގައި 18 އަހަރު ނުފުރޭ 20 ކުދިންވެސް ހިމެނެ އެވެ. ހަމަނުޖެހުމުގައި 39 ފުލުހުންނަށް އަނިޔާވިކަމަށް އެ ގައުމުގެ ފުލުހުން ބުނެ އެވެ.

މި އަހަރުގެ ޖުލައި މަހު އެގައުމަށް ދިމާވި ފެންބޮޑުވުމުގެ ހާދިސާއާއެކު، އެފަދަ ކާރިސާތަކުން ރައްކާތެރިވުމަށް ބޮޑު މަޝްރޫއެއް ފެށިކަން ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޮސް ވަނީ އިއުލާކުރައްވާފަ އެވެ. ނަމަވެސް އެ މަޝްރޫއުގެ އެއްވެސް ކުރިއެރުމެއް ނުފެނި "ގޯސްޓް އިންފްރާސްޓްރަކްޗަރ" ޕްރޮޖެކެޓަކަށް ވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.