ރައީސް މުހައްމަދު މުއިއްޒު މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގު ކުރެއްވީ އޭގައި އޮތް އެއްޗެއް އެއްވެސް ވަރަކަށް ވިދާޅުނުވެ ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެއެވެ.
މީޑިއާ ބިލާ ގުޅޭ ގޮތުން ރައީސް މުއިއްޒު ދައްކަވާފައިވާ ވާހަކަތަކަށް ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރައްދުދެއްވައި ވާހަދައްކަވަމުން ނިޝާން ވިދާޅުވީ މީޑިއާ ގާނޫނާ ގުޅޭގޮތުން ދައްކަވާފައިވާ ވާހަކަފުޅުތަކުން، ރައީސް މުއިއްޒު އެގާނޫނު ވިދާޅުވެފައި ނެތްކަމާއި އަދި އެ ގާނޫނުގައި ހިމެނޭ މާއްދާތަކާ ބެހޭގޮތުން އެއްވެސް މިންވަރަކަށް މައުލޫމާތު ލިބިފައިނުވާކަން ސާފުވާ ކަމަށެވެ.
މިހާރު ރައީސް މުއިއްޒު އަތޮޅުތެރޭގެ ބައެއް ރަށްރަށަށް ކުރައްވަމުންގެންދާ ދަތުރުފުޅުގެ ތެރެއިން ގެންދަވަނީ އެކި ރަށްރަށަށް ވަޑައިގެން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ސަރުކާރުން އުފަންކުރި ގާނޫނު ދިފާއުކޮށް ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެ ގާނޫނު އެއްކޮޅުން އަނެއްކޮޅަށް ކިޔާލުމުން، އެއްވެސް ހައްގެއް އުނިވެގެންދާތަނެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި އިންޓަނެޓްގެ ޒަރީއާއިން މައުލޫމާތު ބޭނުންކުރުމަށް ހުރަސްއެޅޭ އެއްވެސް މާއްދާއެއް އެގާނޫނުގައި ނެތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މި ގާނޫނު ކިޔާފައިވާ އެއްވެސް ނޫސްވެރިއަކާ ދިމާވެފައި ނުވާކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.
މިވާހަތަކަށް ރައްދުދެއްވައި ނިޝާން ވިދާޅުވީ ރައީސް މުއިއްޒަކީ ނޫސްވެރިންނަށް ފިއްލަވައިގެން އުޅުއްވާ ބޭފުޅަކަށްވުމުން ގާނޫނު ކިޔާފަވާ ނޫސްވެރިޔަކާ ދިމާނުވުމުކީ އެކަށީގެންވާ ކަމެއްކަމަށެވެ. އެގޮތުން ރައީސް އޮފީސް ކުރިމަތީގައި ހުރި ނޫސްވެރިންގެ ފެންޑާ އަށް ނޫސްވެރިން ދާތީވެ އެތަންވެސް ރޫޅާލާފައިވާކަމަށާއި، އެހެންވީމާ ގާނޫނު ކިޔާފައިވާ ނޫސްވެރިންނާ ދިމާވާނީ ކިހިނެއްތޯ ނިޝާން ސުވާލު އުފެއްދެވި އެވެ.
ނިޝާން ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ 22 މީޑިއާއެއް ވަނީ މި ބިލު ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުވެ، ބިލުގެ ވަކިވަކި މާއްދާތަކާ ގުޅޭގޮތުން ތަފްސީލީ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.
ކޮންމެ މީޑިއާއަކުންވެސް އެ ބޭފުޅުންނަށް ކަނޑައެޅިފައިވާ ވަގުތު ފުރިހަމައަށް ބޭނުންކޮށް، ވަރަށް ތަފްސީލީ ގޮތެއްގައި ކަންބޮޑުވުންތައް ފާޅުކޮށްފައިވަނީ ގާނޫނު އެއްކޮޅުން އަނެއްކޮޅަށް ކިޔާ ރަނގަޅަށް ދިރާސާކޮށްގެން ކަމަށް ނިޝާން ވިދާޅުވި އެވެ.
ނިޝާން ވިދާޅުވިގޮތުގައި، މިއީ ރައީސުލްޖުމްހޫރިއްޔާ އަށް އެނގިވަޑއިގެން މަޖިލީހަށް ހުށަހެޅި ބިލެއްކަމުގައި ވީނަމަވެސް، މި ގާނޫނުގައި ހިމެނޭ ކަންކަން ރައީސް މުއިއްޒަށް އެނގިވަޑައިނުގަންނަވާކަން މިހާރު ވަރަށް ސާފުކަމަށެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ގާނޫނު އެއްކޮށް ކިޔާފައިވާ އެއްވެސް ނޫސްވެރިއަކާ ދިމާނުވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ހުކުރު ދުވަހުގެ ރޭ ވ. ފެލިދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުންނެވެ.