ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް ހުށަހެޅި އާ ހެކި ބަލައިގަނެވޭނެކަމަށް ނިންމި މައްސަލައިގައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލަ މި މަހުގެ 29 އަށް ތާވަލުކޮށްފި އެވެ.
ސުޕްރީމް ކޯޓަށް މިދިޔަ އަހަރު ހުށަހެޅި އެ މައްސަލައިގެ ބެންޗުގައި ކުރިން އިންނެވި ޑރ. އަޒްމިރާލްދާ ޒާހިރުގެ ބަދަލުގައި މިހާރު އެ ބެންޗުގައި އިންނެވީ އަބްދުﷲ ހަމީދެވެ. ބެންޗުގައި ދެން ހިމެނެނީ އައިޝާ ޝުޖޫންއާއި ޑރ. މުހައްމަދު އިބްރާހީމެވެ.
ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ 2022 ވަނަ އަހަރު އެވެ.
އޭގެ ފަހުން މިދިޔަ އަހަރުގެ އޭޕްރީލު މަހު ހައި ކޯޓުން އެ މައްސަލަ އަލުން ބަލަން އެންގި އެވެ. އެ މައްސަލަ އަލުން ބަލާއިރު، ޔާމީނާ ދެކޮޅަށް ދައުލަތުން ފަހުން ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ހައި ކޯޓުގެ ނިންމާފައިވެ އެވެ.
އެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ބެލީ ހުޒައިފާ މުހައްމަދާއި، ހަސަން ޝަފީއުއާއި މުހައްމަދު ސަލީމެވެ. މީގެ ތެރެއިން ސަލީމަކީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރެކެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ގާނޫނާއި އުސޫލްތަކާ ހިލާފަށް ސަރުކާރުން އަންގައިގެން މަގާމުން ވަކިކުރީ މިދިޔަ މެއި މަހު އެވެ. އެ ބޭފުޅުން ވަކިކުރަން ނިންމީ ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށެވެ. އެ މައްސަލައިގައި އެ ބޭފުޅުންގެ އިތުރުން، ފަނޑިޔާރުކަމުގައި ހުންނެވި ހުސްނުއް ސުއޫދު ވެސް ސަސްޕެންޑުކުރުމުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
އޭގެފަހުން ސްޕްރީމް ކޯޓަށް އައްޔަންކޮށްފައިވަނީ ފަނޑިޔާރު ސަލީމް އާއި އަބްދުﷲ ހަމީދެވެ. ސަލީމަކީ ރައީސް ޔާމީންގެ މައްސަލަ 2023 ވަނަ އަހަރު ހައިކޯޓުގައި އޮތް އިސްތިއުނާފުގެ މައްސަލަ ގަސްދުގައި ލަސްކުރި ކަމަށް ތުހުމަތު ކުރެވޭ ފަނޑިޔާރުކަން ފާހަގަކޮށްލެވެ އެވެ.