މާދަމާ ރޭ ހިފާ ހަނދުކޭތައާ ގުޅިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ކުރިހާ ރަށެއްގައި ކޭތަ ނަމާދުކުރަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

މާދަމާ ރޭ ހަނދުކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން ރޭގަނޑު 8:28 ގަ އެވެ. އެ ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ އެ ރޭގެ 11:11 ގަ އެވެ. ކޭތަ އެއްކޮށް ނިމޭނީ މެންދަމު 1:55 ގަ އެވެ.

އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ މާދަމާ ރޭ 11:12 ގައި ކޭތަ ނަމާދު ކުރުމަށެވެ. ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ރަށެއްގައި ވެސް ހުންނަ އެންމެ ބޮޑު މިސްކިތުގަ އެވެ. ކޭތަ ނަމާދުގެ ހުތުބާ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.

"ބްލަޑް މޫން" ހަނދުކޭތަ މާދަމާ ރޭ އޭޝިއާ އާއި ޔޫރަޕް އަދި އެފްރިކާއަށް ފެންނާނެ އެވެ.

ހަނދުކޭތަ ހިފަނީ އިރާއި ބިމާއި ހަނދު ސީދަލަށް އެތުރި، އިރުގެ އަލިކަމުގެ ސަބަބުން ހަނދަށް ދުނިޔޭގެ ހިޔަނި އެޅުމުގެ ސަބަބުންނެވެ. އަދި ހަނދު ފުސް ރަތް ކުލައެއްގައި ފެންނަނީ ނުވަތަ ބްލަޑް މޫންއަކަށް ވަނީ އިރުގެ ބައެއް ދޯދިތައް ދުނިޔޭގެ ޖައްވުން ގޮސް ހަނދަށް އެޅޭތީ އެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ފުރިހަމަ ހަނދުކޭތަ އެ ރޭ ފެންނާނެކަމަށް ފަލަކީ އިލްމު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.